ތެލެސީމިއާ ކުދިން އުފަންވާ މިންވަރު މަދުކުރުން: މުޖްތަމައު ގުޅިގެން ކުރެވިދާނެ ކަމެއް

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަހުގެ ގޮތުގައެވެ. ތެލަސީމިއާ ބައްޔަކީ ރާއްޖޭގައިވެސް ވަރަށް ޢާއްމު ބައްޔެކެވެ. މުޅި ދުނިޔެއަށް ބަލާއިރުވެސް އާބާދީގެ ނިސްބަތުން ތެލެސީމިއާ ކެރިއަރުން އެންމެ ގިނަ ޤައުމަކީ ރާއްޖެއެވެ.
ތެލެސީމިއާއަކީ ލޭގެ ބައްޔެކެވެ. މިއީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ބައްޔެކެވެ. ތެލެސީމިއާ ޖެހުމުން ލޭގައި ހިމެނޭ ހީމޮގްލޮބިން (އެޗް.ބީ) ފުރިހަމައަށް އުފައްދައެއް ނުދެއެވެ. ހީމޮގްލޮބިން އަކީ ލެއަށް ރަތްކުލަ ގެނެސްދީ އަދި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާއަށް ކިޔާ ނަމެކެވެ. މިމާއްދާ އުފެދިފައިވަނީ ދެ ބީޓާ އަދި ދެ އަލްފާ ޗެއިން ގުޅިގެންނެވެ. ބީޓާ ޗެއިން އުނިވުމުން ވަނީ ބީޓާ ތެލެސީމިއާއަށެވެ. އަލްފާ ޗެއިން އުނިވުމުން ވަނީ އަލްފާ ތެލެސީމިއާއަށެވެ.
ރާއްޖޭގައި އެންމެ އާންމު ތެލެސީމިއާގެ ވައްތަރަކީ ބީޓާ ތެލެސީމިއާއެވެ. މީގެ އިތުރުންވެސް ތެލެސީމިޔާގެ އިތުރު 3 ވައްތަރެއް ރާއްޖޭގައި ފެނިފައިވެއެވެ. އެއީ ހީމޮގްލޮބިން އީ، ހީމޮގްލޮބިން ޑީ އަދި ސިކްލް ސެލްއެވެ.
ތެލަސީމިއާ ދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ ތެލެސީމިޔާގެ ސަބަބުން މި ދުނިޔެއާ އަލްވަދާޢު ކިޔާފައިވާ ކުދިންގެ ހަނދާން އާކުރުމާއި ތެލެސީމިޔާއާ ހަނގުރާމަ ކުރަމުންދާ ކުދިންނަށް ރަނގަޅު ހަޔާތެއް ހޯދައިދިނުމަށް ބާރު އެޅުމެވެ.
ތެލެސީމިއާ ކުދިންނަކީ، އެފަދަ ކުދިންނަށް މުޖުތަމަޢުން ފޯރުކޮށްދޭ ލޭގެ އެހީތެރިކަމަށް އަބަދުވެސް ބޭނުންޖެހިފައިވާ ބަޔެކެވެ. މިއަހަރުގެ ތެލަސީމިއާ ދުވަހުގެ ޝިއާރަކީ "އެމްޕަވަރިން ލައިވްސް، އެމްބްރޭސިން ޕްރޮގްރެސް: އިކުއިޓަބަލް އެންޑް އެކްސެސިބަލް ތެލަސީމިއާ ޓްރީޓްމަންޓް ފޯރ އޯލް" އެވެ.
ތެލެސީމިއާއަކީ ވަރަށް ޅަ އުމުރެއްގައި އޭގެ އަސަރު ފެންނަން ފަށާ ބައްޔެކެވެ. މިބަލި ހުންނަ ކުދިންގެ ހަށިގަނޑުގައި ބޭނުންވާވަރަށް ހީމޮގްލޮބިން އުފައްދައެއް ނުދޭނެއެވެ. މިހެންވުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ލިބުން މަދުވެ، ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުދެރަވެ ކުއްޖާގެ ހާލު ދެރަކޮށްލައެވެ. މިހެންވުމުން އެކުދިން ދިރިހުރުމަށްޓަކައި ތަކުރާރުކޮށް ޤަވައިދުން ލޭއަޅަން ޖެހެއެވެ.
ރާއްޖޭގެ ތެލެސީމިއާ ހާލަތައް ބަލާއިރު 952 ކުއްޖަކު ވަނީ ރަޖިސްޓްރީކޮށްފައެވެ. މީގެތެރެއިން މިވަގުތު ދުނިޔޭގައި ތިބީ މީގެތެރެއިން 660 ކުދިންނެވެ. ތެލެސީމިއާ ދުވަސް ފާހަގަކުރާއިރު އެންމެ މުހިންމު އެއްކަމަކީ ފަރުވާގެ ކަންކަން ރަނގަޅުކޮށް ފަރުވާ ލިބޭނެ ފަސޭހަ މަގެއް ފަހިކޮށްދިނުމެވެ.
ތެލެސީމިއާ ބައްޔާއި ބެހޭގޮތުން މައުލޫމާތުދެއްވަމުން ސީނިއަރ ސްޕެޝަލިސްޓް ރެޖިސްޓްރާރ ފޯރ މޯލްޑިވިއަން ބްލަޑް ސަރވިސަސް ޑރ. އަޙްމަދު އުމަރު ވިދާޅުވީ، ރާއްޖޭގައި ތެލެސީމިއާ ކުދިން އުފަންވާ މިންވަރު އިތުރުވަމުންދާއިރު މިއީ ހައްލު ނުހޯދޭނެ ފަދަ ކަމެއް ނޫންކަމަށެވެ. މުޅި މުޖްތަމައު އެއްކޮށް މަސައްކަތް ކޮށްފިނަމަ ރާއްޖޭގައި ތެލެސީމިއާ ކުދިން އުފަންވާ ނިސްބަތް ދަށްކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގައި އުފަންވާ ތެލެސީމިއާ ކުދިންގެ އަދަދުވެސް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން މިދަނީ. މިކަމަށް އަޅުގަނޑުމެން ސަމާލުކަންދީ ޚާއްސަކޮށް މިފަދަ ދުވަހެއްގައި މިކަމަށް އަޅުގަނޑުމެންދޭ ސަމާލުކަން އިތުރުކުރަން އެބަޖެހޭ. މުޅި މުޖްތަމައުގެ އެއްބާރުލުމާއިއެއްކޮށް މިކަމުގައި އެއްކޮށް މަސައްކަތް ކުރެވިއްޖެނަމަ އަޅުގަނޑުމެން ރާއްޖެއިން ނައްތާނުލެވޭނެ ނުވަތަ ރާއްޖެއިން ތެލެސީމިއާ ކުދިން އުފަންވާ ނިސްބަތް ސުމަކަށް ނުގެންދެވޭނެ ކަމެއް ނޫން މިއީކީ." ޑރ. އުމަރު ވިދާޅުވިއެވެ.
* އާންމުން ހޭލުންތެރިކުރުވުން
* ބައްޔަށް ސްކްރީން ކުރުން
* ޖެނެޓިކް ކައުންސިލިން ދިނުން
* ތެލެސީމިއާ ކުއްޖަކު ލިބިދާނެ ފުރުސަތު އޮތް 2 މީހަކު ކައިވެނިކުރާއިރު އެފަރާތައް މައުލޫމާތުދިނުން.
* ތެލެސީމިއާ ކުއްޖަކު ލިބުމުގެ ފުރުސަތު ކުޑަކުރުމަށް ކައިވެންޏަށް ފަހުގައި ކުރެވިދާނެ ކަންކަން ކުރުން.
ތެލެސީމިއާ ކުދިންގެ ހާލަތު ރަނގަޅުކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގައި ތެލެސީމިއާ ހޮސްޕިޓަލެއް އެޅުމަށް ނިންމައި އެކަމަށް ބޭނުންވާ ބިންވެސް މިހާރު ހުޅުމާލެއިން ހަމަޖެހިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. ތެލެސީމިއާ ކުދިންގެ އާބާދީ ރާއްޖޭގައި މަދުކުރުމަށްޓަކައި ޤައުމީ ކެންޕެއިނެއްވެސް ސަރުކާރުން ވަނީ ފަށާފައެވެ.
ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭންގެ ދަށުން ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި އޮފީސްތަކަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދާނެއެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން ސުކޫލުތަކުގެ ގްރޭޑް 10ގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިން ތެލަސީމިއާއަށް ހޭލުންތެރިކުރުމާއި ދަރިވަރުން ތެލަސީމިއާއަށް ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ 2 މަސްދުވަހު މާލެ ސަރަހައްދުގެ 6 ސްކޫލެއްގެ 700 އަށްވުރެ ގިނަ ކުދިން ތެލެސީމިއާއަށް ޓެސްޓްކޮށް ބައްޔާއި ގުޅޭ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަތް އޮތް 10 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ތެލަސީމިއާ އާބާދީ ކުޑަ ކުރުން ކަމަށް ސިއްހަތާބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވަނީ މީގެކުރިން ވިދާޅުވެފައެވެ. ތެލެސީމިއާ ކުދިންގެ ދުޅާހެޔޮކަމަށް ކޮންމެހެން ހެދުން މުހިންމު ޓެސްޓުތައް ހެދޭނެ އިންތިޒާމްވެސް ސަރުކާރުން މިހާރު ވަނީ ހަމަޖައްސަދީފައެވެ. އަންނަ އަހަރުން ފެށިގެން ތެލެސީމިއާ ކުދިންނަށް ސަރުކާރުން އިނާޔަތެއް ދެއްވަން ފައްޓަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުން ވަނީ ކޮންމެ އަހަރަކު ޒަކާތު ފަންޑުން 10 ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވާނެކަން އިއުލާންކުރައްވާފައެވެ. އަދި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު މިހާތަނަށް 5 ކުއްޖަކު ވަނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ