ފުލުހުންގެ ބޭނުމަށް ބިދޭސީން ހޯދަން ކުރި އިއުލާނު ބާތިލު!

ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ރާއްޖޭން ބޭރުން ބިދޭސީން ގެނައުމާއި އެފަރާތްތަކާއި ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ ހުރިހާ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނު ބާތިލުކޮށްފިއެވެ.
ފުލުހުން ކުރިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ބީލާމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 ކަމަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ މެއި 19 ވަނަ. ދުވަހުގެ 14:00 ގައި އަމީނީމަގު، އިސްކަންދަރު ކޮށި 1 ގައި ކަމަށްވެސް އެ އިއުލާންގައި ވެއެވެ.
މިއިއުލާނު ފުލުހުން ކޮށްފައިވަނިކޮށް، ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ އިއުލާނު ބާތިލުކޮށްފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ، އެ އިއުލާނަކީ ފުލުހުންގެ އިދާރާގެ ޑިޕާޓްމެންޓުތަކުގައި ބިދޭސީން ލައްވާ ކުރުވަމުން އައި މަސައްކަތް ކުރުމަށް، ބިދޭސީން ހޯދުމަށް ކުރި އިއުލާނެއް ކަމަށެވެ. އަދި އިއުލާނު ބާތިލު ކުރެވުނީ ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭގޮތަށް ފުލުހުން އަމަލު ކުރުމަށް ނިންމާފައިވާތީ ކަމަށެވެ.
"އިއުލާން ބާތިލުކުރެވުނީ ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭގޮތަށް (އެފަދަ ވަޒީފާތަކަށް މީހުން ހޯދުމުގައި) ފުލުހުންގެ ހިދުމަތުން އަމަލު ކުރުމަށް ނިންމާފައިވާތީ" ޝިފާން ވިދާޅުވިއެވެ.
ދިވެހިންނަށް ވަޒީފާ ދިނުމަށް ބިދޭސީން ހޯދުމުގެ މަސައްކަތް ފުލުހުން ހުއްޓާލާފައިވާއިރު، މިދިޔަ ހަފްތާގައި ސަރުކާރުން ބޭއްވި "އަހާ' ޕްރޮގްރާމްގައި ވެސް ހޯމް މިނިސްޓަރ، އަލީ އިހުސާން ވަނީ ދިވެހިންނަށްވުރެ ބިދޭސީން އިސްކަން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިން ވަޒީފާއަށް ނެގޭނެ ތަނެއްގައި ބިދޭސީން ގެންގުޅުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ