ރައްޔިތުން ބޭނުން އެއްޗެއް ކައިގެން ރައްޔިތުންނަށް އުޅެވޭނެ: އަޒާން

ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަ ކުރިޔަސް، ރައްޔިތުންނަށް ބޭނުން އެއްޗެއް ކައިގެން އުޅެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ތިރި ކުރަން ޖެހޭ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލީ އާރިފު ދެއްކެވި ވާހަކައަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް، ފޭސްބުކްގައި އަޒާން ވިދާޅުވީ، ކުޑަ ކުރަނީ ދައުލަތް ހިންގުމުގެ ހަރަދު ކަމަށެވެ.
”ސަރުކާރުގެ ހަރަދުކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ކުޑަ ކުރަނީ ދައުލަތް ހިންގުމުގެ ހަރަދު. ރައީސް ޑރ.މުއިއްޒު ވަނީ ދައުލަތުގެ ހަރަދުކުޑަކުރަން އެމަނިކުފާނު ގެންގުޅުއްވާ ބައެއް ސިޔާސަތުތައް ހާމަކުރައްވާފަ.“ އޭނާ ވިދާޅުވިއެވެ.
އަޒާން ވަނީ، ހަރަދު ކުޑަ ކުރުމަށް ސަރުކާރުން މިހާތަނަށް އިއުލާން ކުރައްވާފައިވާ ބައެއް ކަންކަން ހިއްސާ ކުރައްވައިފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދު ކުރުމާއި، ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރުމާއި، އެކިއެކި ކޮމިޝަންތަކުގެ މެމްބަރުންގެ އަދަދު މަދު ކުރުމާއި، އާސަންދަ, އެންސްޕާ ހިންގުމުގެ އުސޫލުތައް ހަރުދަނާ ކުރުމާއި، އެކިއެކި ސަބްސިޑީސް, އެ ސަބްސިޑީސް އެންމެ ހައްޤުވާ ފަރާތްތަކަށް ލިބޭކަން ކަށަވަރުކުރުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
”ރައްޔިތުން ބޭނުން އެއްޗެއް ކައިގެން ރައްޔިތުންނަށް އުޅެވޭނެ.“ އަޒާން ވިދާޅުވިއެވެ.
ރައީީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން ވަނީ ރާއްޖެ އެތައް މިލިއަން ރުފިޔާއަކުން ދަރުވައިލައިފައެވެ. އެހެންވެ، ސަރުކާރުން މަސައްކަތް ކުރަނީ، ފައިސާ ޗާޕު ނުކޮށް، ދައުލަތުގެ އާމްދަނީ އިތުރުކޮށްގެން ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ