އުސޫލުން ބޭރުން ވަޒީފާ ދީފައެއް ނުވާނެ، އަދި މުވައްޒަފުން ވަކިކޮށްފައެއްވެސް ނުވާނެ: ފެނަކަ

ވަޒީފާއަށް މީހުން ވެއްދުމުގެ އުސޫލާއި ޚިލާފަށް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވަތަ ވަޒީފާއަށް ވައްދާފަވެސް ނުވާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ގަވައިދުތަކާ ޚިލާފަށް މުވައްޒަފުން ކެނޑުމާއި މުވައްޒަފުން ވައްދަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން މިއަދު ވަނީ ހާޒިރުކޮށްފައެވެ.
މި މައްސަލައިގައި ކޮމިޓީއަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވީ އުސޫލާ ޚިލާފަށް އެއްވެސް މުވައްޒަފަކާމެދު އެއްވެސް ފިޔަވަޅެއް ފެނަކައިން އަޅާފައި ނުވާނެކަމަށެވެ. އަދި ސަރުކާރު ބަދަލުވެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެނައިން ގިނަ މުވައްޒަފުންތަކެއް ވަކިކުރިކަމަށް ބުނާ ވާހަކައަކީ ދޮގެއްކަމަށާއި ވަޒީފާއިން ވަކިކޮށްފައިވަނީ ކޮންޓްރެކްޓް ހަމަވުމާއި ގާތްވެފައިވާ މުވައްޒަފުންތަކެއްކަމަށްވެސް މުއާޒު ވިދާޅުވިއެވެ. އެގޮތުން ކޮންޓްރެކްޓް ހަމަވުމާއި ގުޅިގެން 1780 މުވައްޒަފުން ފެނަކައިން ދޫކޮށްލާފައިވާކަމަށްވެސް މުއާޒު ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ މި މުވައްޒަފުންނަކީ ފެނައިގެން ޕްރޮޖެކްޓްތައް ހިންގަން ނެގި މުވައްޒަފުންކަމަށެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި ޕްރޮޖެކްޓްތައް ހުއްޓިފައި ހުރުމުގެ ސަބަބުން، އެކަށީގެންވާ ގޮތުގައި މުވައްޒަފުންގެ ބޭނުން ކުރެވިފައި ނުވާކަމަށްވެސް މުއާޒު ވިދާޅުވިއެވެ.
"ކޮންސްޓްރަކްޝަންއަށް ނަގާފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމީ މަސައްކަތްތައް ހުއްޓިފައިވާތީ. 1780 މިވައްޒަފުން ދޫކޮށްލީ. ނަމަވެސް އަލުން މަސައްކަތް ތަރުތީބުކޮށް މިއަހަރު ޖެނުއަރީއިން އޭޕްރިލް 20އާއި ހަމައަށް 1529 މުވައްޒަފުން ނަގާފައިވަނީ." ފެނަކަ އެމްޑީ މުއާޒު ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ 2023ވަނަ އަހަރު ފެށުނުއިރު ކުންފުނީގައި ތިބީ 4825 މުވައްޒަފުންކަމަށެވެ.
ނަމަވެސް ނިމިދިޔަ ސަރުކާރުން، މިދިޔަ އަހަރު ފެށުނީއްސުރެ ސެޕްޓެމްބަރުމަހާއި ހަމައަށް 2105 މުވައްޒަފުން ނެގިކަމަށާއި އަދި އިންތިޚާބުގެ ފުރަތަމަ ބުރު ނިމި ދެވަނަބުރާ ދެމެދު އިތުރު 122 މީހުންނަށް ވަޒީފާ ދިންކަމަށްވެސް މުއާޒު ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ ކުންފުނީގެ ގިނަ ޕްރޮޖެކްޓްތައް ހުރީ ކުންފުނިން މުވައްޒަފުން ނަގައިގެން ކުރިއަށްގެންދާގޮތަށްކަމަށެވެ. ނަމަވެސް ޕްރޮޖެކްޓްތައް ފެށުމުގައިވެސް ބޮޑެތި އިހުމާލުތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ޕްރޮޖެކްޓް ފެށުމަށް އެއްވެސް އެސްޓިމޭޓެއް ނުހެދުމާއި ނުނިމޭ އިންޖީނުގެތަކަށް މީހުންނެގުމާއި އަދި ޕްރޮޖެކްޓްތައް އަވަހަށް ނިންމަން އިސްކަން ދީފައި ނެތުން ފާހަގަކުރިއެވެ. މީގެއިތުރުން އޮފީސް އިމާރާތާއި އިންޖީނުގެ ހިމެނޭހެން 61 ޕްރޮޖެކްޓް އޮތީ ހުއްޓިފައިކަމަށްވެސް މުއާޒު ވިދާޅުވިއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ ކުންފުނީގެ އާމްދަނީއަކީ މަހަކަށް 130 މިލިއަން ރުފިޔާކަމަށެވެ. ނަމަވެސް ޚަރަދުތައް ކަނޑާފައި ބޮޑު އެއްޗެއް ދަނީ ދަރަނި އަދާކުރުމަށްކަމަށް ފެނަކައިން ބުނެއެވެ.
ރާއްޖޭގެ 153 ރަށުގެ އިންޖީނުގެ ބަލަހައްޓަމުން އަންނަނީ ފެނަކައިންނެވެ. އަދި ރަށްރަށުގެ ފެނާއި ނަރުދަމާވެސް ބަލަހައްޓަނީ އެ ކުންފުނިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ