ޑްރޯންގެ ފުރަތަމަ އޮޕަރޭޝަން ކާމިޔާބު؛ ގެއްލުނު ދޯނި ފެނިއްޖެ

އެމްއެންޑީއެފް އެއަރ ކޯރގެ އަސްކަރީ ޔޫއޭވީ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ކުރަމުންދިޔަ މަސަައްކަތުން މ.ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ގޮސް އުޅެނިކޮށް ގެއްލުނު ދޯނި ހޯދައިފިއެވެ.
މި ދޯނި ގެއްލިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭގެ 22:06 ހާއިރުއެވެ. މި މައުލޫމާތު ފުލުހުން އެމްއެންޑީއެފާއި ރޭގެ 22:45 ހާއިރު ހިއްސާކޮށްފައިވާއިރު، އެމްއެންޑީއެފުން ވަނީ ކަނޑާއި ވައިގެ މަގުން މި ދޯނި ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
މިގޮތުން ދޯނި ހޯދުމުގެ މަސައްކަތަށް ކޯސްޓް ގާޑް ގެ އިތުރުން، އެމްއެންޑީއެފް ވައިގެ ބާރުން ވަނީ އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ވެސް ބޭނުންކޮށްފައިވާއިރު މިއީ އެމްއެންޑީއެފްގެ ޑްރޯން ބޭނުން ކޮށްގެން ހިންގުނު ފުރަތަމަ އޮޕަރޭޝަން ކަން ފާހަގަކޮށްލަންޖެހެއެވެ. 
އެގޮތުން ކުރެވުނު މަސައްކަތުން، "ފަރިހި 2" ދޯނި މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިފަައިވަނިކޮށް ފެނިފައުވާ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ. އަދި، އެ ދޯނީގައި ތިބި 3 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ