މެމްބަރުންގެ އެލަވަންސް އުމުރު ދުވަހު ލިބޭތީ އެ އެލަވަންސް އުވާލަން ގޮވާލައި ކެމްޕެއިނެއް ފަށައިފި

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނަށް ދައުލަތުން ދެމުންދާ އެލަވަންސް އުމުރު ދުވަހު ލިބޭތީ އެ އެލަވަންސް އުވާލަން ގޮވާލައި ކެމްޕެއިނެއް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބުނާގޮތުން، މަޖިލީހުގެ އެއް ދައުރު މެމްބަރުކަން ކުރައްވާ މެމްބަރަކަށް މުސާރައިގެ %30 ދޭން ޖެހޭނެ، އެއީ 24،000ރ. ގެ އެލަވަންސެއް، ދެ ދައުރު މެމްބަރު ކަން ކުރައްވާ މެމްބަރަކަށް މުސާރައިގެ %45 ދޭން ޖެހޭނެ، އެއީ 36،000ރ. ގެ އެލަވަންސެއް، ތިން ދައުރު ކުރައްވާ ބޭފުޅަކަށް މުސާރައިގެ %55 ދޭން ޖެހޭނެ، 44،000ރ. ގެ އެލަވަންސެއް ދޭންޖެހެއެވެ.
ރައްޔިތުންގެ މަޖިލީހުން ވަކިވުމަށް ފަހު، އުމުރުން 55 އަހަރު ވުމުންް މި އިނާޔަތް ދޭން ޖެހޭނެއެވެ. ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި މި އިނާޔަތެއް ނުލިބުނު ނަމަވެސސް އެ މެމްބަރުންނަށް ހެލްތު އިންޝުއަރެންސްގެ ދަށުން ބޭސްފަރުވާ ކުރެވޭނެއެވެ.
އެހެންކަމުން، ކުރިއަށް އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި، މުޅިން އައު މެންބަރުން ހިމެނޭއިރު 19 ވަނަ ރައްޔިތުންގެ މަޖިލިސް 87 މެންބަރުންގެ ތެރެއިން 10 މެންބަރުން ފިޔަވައި ބާކީ 77 މެންބަރުންނަށް މަތީގައި ހިމަނާފައިއެވާ އިނާޔަތް ދޭން ޖެހޭނެއެވެ.
މިކަމާ ދެކޮޅަށް މީސް މީޑިއާގައި ހިޔާލު ފާޅު ކުރަމުންދާ މީހުން ބުނާ ގޮތުގައި އުމުރު ދުވަހު ކުރީގެ މެމްބަރުންނަށް އިނާޔަތުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން އެތައް ހޭދައެއް ކުރަން ޖެހޭ ނަމަ، އެކަން ވާނީ މާލީ ބުރައަކަށް ކަމަށެވެ. މިއީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ކަމަށް ބުނެފައިވެއެވެ.
"މެމްބަރުކަން ކުރީމަ ގައިމު ވެސް ބޮޑު އިންޝުއަރެންސެއް ލިބޭނެ އުމުރު ދުވަހަށް. މުޅި ހަޔާތް ސިވިލް ސާވިސްގައި ދުއްވާލައި މީހާއަކަށް ގައިމުވެސް ލައިފްޓައިމް އިންޝުއަރެންސް އެއް ނުލިބޭ. އަދި ރިޓަޔާމެންޓްއަކަށް ވެސް މާ ބޮޑު އެއްޗެއް ނުލިބޭ،" ހިޔާލު ފާޅު ކުރި މީހަކު ބުންޏެވެ.
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވީ ކުރީގެ މެމްބަރުންގެ އެލަވެންސް އުވާލަންޖެހޭ ސަބަބުތައް އެބަހުރި ކަމަށެވެ. އެއް ކަމަކީ އެކަމުގެ ސަބަބުން ދައުލަތު މާލިއްޔާއަށް އޮންނަ ބުރަ އާއި އޭގެ ސަބަބުން އާންމު ރައްޔިތުންގެ އާމްދަނީއާ މެމްބަރުންގެ އިނާޔަތާ ދެމެދު އޮންނަ ފަރަގު ކަމަށް ވިދާޅުވިއެވެ. އަދި އެ އެލަވެންސްގެ ސަބަބުން އެ ހޯދުމުގެ ބޭނުމުގައި އެކި ނާޖައިޒު ގޮތްތަކުން މަޖިލީހަށް އިންތިހާބުވާން މަސައްކަތް ކުރާ މީހުން ވެސް އިތުރުވެފައިވާ ކަމަށް ފާރިސް ވިދާޅުވިއެވެ.
އެހެން ބައެއް މީހުން ވެސް ބުނެފައިވަނީ މަޖިލިހުގެ މެމްބަރުކަން ކުރެއްވި މެމްބަރުންނަށް އެލަވަންސް ނުވަތަ އިނާޔަތެއް ހައްގު ނޫން ކަމަށެވެ.
"ނުފޫޒާއި ބާރު ބޭނުންކޮށްގެން ނާޖައިޒު ގޮތުގައި ބޮޑެތި މުސާރަ އާއި އިނާޔަތްތައް ނެގުން ހުއްޓާލާ. ތިޔަވަނީ ރައްޔިތުންނަށް ހަރާމްކޯރު،" އެކަކު ބުނެފައިވެއެވެ.
އެހެން މީހަކު ބުނެފައި ވަނީ ނަޒާހަތްތެރިކަމަށް ވަކާލާތުކޮށްގެން މަޖިލިހަށް އަލަށް ހޮވުނު ޕީއެންސީގެ މެމްބަރުން މިކަން ބަދަލު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ