ރާއްޖޭގެ އަތޮޅަކަށް ނުކުރާ ހޭދަ، ނަޝީދަށް އެބަ ހަރަދުކުރޭ: މެމްބަރު އިސްމާއިލް

ދިވެހިރާއްޖޭގެ އަތޮޅުތަކަށް ނުކުރާ ވަރަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަށް ދިވެހި ދައުލަތުން ހަރަދު ކުރަމުންދާ ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިސްމާއީލް ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އަމަލުކުރަމުން ދިޔަ ގޮތަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ދަތުރުފަތުރުގެ ނިޒާމު ފެށުމުގެ ގޮތުން ބައެއް ފަރާތްތަކަށް ފަޅު ރަށްތައް ހިލޭ ދީފައިވާ ކަމުގެ ވާހަކަ މެންބަރު އިސްމާއިލްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ނަމަވެސް މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެގޮތަށް ކަންކަން ނުކުރާ ކަމަށާއި އަދި ހުރިހާ ދާއިރާތަކަކަށް ވެސް ތަރައްގީ މި ސަރުކާރުން ގެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
“މިއަދުގެ ސަރުކާރަކީ އޯގާތެރި ސަރުކާރެއް. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ވިސްނުންތެރި ހިތްތިރި ހިކުމަތްތެެރި އޯގާތެރި ރައީސެއް،” މެންބަރު ވިދާޅުވިއެވެ.
ރައީސް ސޯލިހާއި އަދި އެމަނިކުފާނުގެ ސަރުކާރާއި ދެކޮޅު ސިޔާސީ ބޭފުޅުންނަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި ހަމައަށް ވެސް ކެތް ނުކުރެވިގެން އުޅެނީ ރައީސް ސޯލިހް ރިޔާސީ އިންތިހާބު އެއްބުރުން ނަގާނެކަން އެނގޭތީ ކަމަށް ވެސް އިސްމާއީލް ވިދާޅުވިއެވެ.
ހަލަބޮލިވާ ކޮންމެ ފަހަރަކު ބޮމުގެ ވާހަކަ ދައްކާ ކަމަށާއި، އެއީ ސިޔާސީ ބޭނުމަށް ދައްކާ ވާހަކައެއް ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އެހެން ވިދާޅުވެ، އޭނާ ވަނީ ނަޝީދަށް ކުރައްވާ ހަރަދުގެ ތަފްސީލު މަޖިލީހުގައި ކިޔައިދެއްވާފައެވެ.
”ދެހާސް އަށްވަނަ އަހަރުން ފެށިގެން މި ރާއްޖޭގައި އެކަނި އިންސާނަކަށް އެންމެ ބޮޑު ހޭދައެއް ކުރާ ބޭފުޅަކީ މަނިކުފާނު [ރައީސް ނަޝީދު]. ދައުލަތުގެ ބަޖެޓުން އެބަ ހޭދަކުރޭ 50 މިލިއަނެއްހާ ރުފިޔާ މަނިކުފާނަށްޓަކައި،” އިސްމާއީލް ވިދާޅުވިއެވެ.
އިސްމާއީލްގެ ވާހަކަފުޅާއި ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ނިޒާމީ ނުކުތާއެއް ނަންގަވާ ބޮމުގެ ހަމަލާގެ އަޑީގައި ހުންނެވީ ރައީސް ސޯލިހު ކަމަށް ތުހުމަތު ކުރެއްވިއެވެ.
ނަމަވެސް އެ ވާހަކަ ކުރިޔަށް ގެންދެވުމުގެ ފުރުސަތު ރިޔާސަތުގައި އިންނެވި ނަޝީދެއް ބޮންޑޭ އަކަށް ނުދެއްވިއެވެ. ނަމަވެސް ނަޝީދު ވަނީ ބޮމުގެ ހަމަލާގައި އެމަނިކުފާނު ޖަރުމަނަށަ ވަޑައިގެން އެ ގައުމުގައި ބޭސް ކުރެއްވީ އެގައުމުގެ ސަރުކާރުގެ ހަރަދުގައި ކަމަށް ވިދާޅުވެފައެވެ.
އެއަށްފަހު އިނގިރޭސިވިލާތުގައި ހުންނެވި ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން ކޮންމެވެސް ވަރެއްގެ ހަރަދު ކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި މެންބަރު އިސްމާއީލް އެ ވިދާޅުވާ އަދަދަކީ [50 މިލިއަނެއްހާ ރުފިޔާ] ހަރަދު ކުރައްވަނީ އެމްއެންޑީއެފް އަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދަށް ރައްދު ދެއްވާ މެންބަރު އިސްމާއީލް ވިދާޅުވީ 2008ވަނަ އަހަރުން ފެށިގެން ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަމާއި އާއިލާ އަށް ދިވެހި ދައުލަތުން ހަރަދު ކުރާ ކަމަށެވެ.
”ރާއްޖޭގެ ރަނގަޅު އަތޮޅަކަށް ނުކުރާ ހޭދަ މަނިކުފާނަށް އަންނަނީ ކުރަމުން،” އިސްމާއީލް ވިދާޅުވިއެވެ.
މެންބަރު އިސްމާއީލްގެ ވާހަކައިގެ ތެރެއިން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަނީ މާލޭގެ މަގެއްގެ މެދުގައި ބޮމެއް ގޮއްވާލާ ރައީސް ނަޝީދު އަވަހާރަ ކޮށްލަން އުޅުނު އުޅުން އެއީ އާދައިގެ ކަމެއްގެ ގޮތުގައި މެންބަރު އިސްމާއީލް ނެންގެވުމުން ކުއްވެރި ކުރައްވައިފައެވެ.
އިންތި ވިދާޅުވީ ނަޝީދަށް ކުރާ ހަރަދު ކުރަނީ “ލާޒިމް” ވެގެން ކަމަށެވެ. އެހެންކަމުން އެފަދަ ހަރަދުތައް ކުރެވޭނެ ކަމަށް އިންތި ވިދާޅުވިއެވެ.
 
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ