ހަމާސްއިން ކުއްލި ގޮތަކަށް އިޒްރޭލަށް އަރައި ދިން ހަމަލާތަކާއި އިޒްރޭލުން ގާޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 1،100 އަށް ވުރެ މައްޗަށް ދިޔަ އިރު، މިފަދަ ހަމަލާއެއް އަތުވެދާނެކަމުގެ އިންޒާރު ކުރިން ވެސް ދެއްވި ކަމަށް، އިޒްރޭލްގެ ގާނޫނު ހަދާ މަޖިލިސް، ކެނެސެޓްގެ މެމްބަރު އޮފާ ކަސިފް ވިދާޅުވެއްޖެ އެވެ.
'އަލްޖަޒީރާ'އާ ވާހަކަ ދައްކަވަމުން ކަސިފް ވިދާޅުވީ ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބުމާއި ފަލަސްތީންގެ ރައްޔިތުންނާ މެދު އިޒްރޭލްގެ ސަރުކާރާއި ޔަހޫދީ ވަޒަންވެރިން ގެންގުޅޭ ދަށު ދަރަޖައިގެ އަމަލްތަކުގެ ސަބަބުން، މިފަދަ ހަމަލާތަކެއް އިޒްރޭލަށް އަމާޒުވެދާނެކަން އޭނާއަށް ކުރިން ވެސް ލަފާކުރެއްވެ އެވެ.
"ކުށެއް ނެތް އާންމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ކުށްވެރިކުރަން އަދި އެކަމާ އަހަރެމެން ދެކޮޅު ވެސް މެ. އޭގެ މާނައަކީ، އިޒްރޭލްގެ ސަރުކާރުން ވިސްނާ ގޮތާ ހިލާފަށް، ފަލަސްތީންގެ ރައްޔިތުންނާ މެދު ވެސް އެހެން ކަން ކޮށްގެންނުވާނެއޭ،" ކަސިފް ވިދާޅުވި އެވެ.
"އެ ހަމަލާތައް [ހަމާސްއިން ހޮނިހިރުދުވަހު ދިން] އަހަރެމެން ދިރާސާކުރަން ޖެހޭނީ އޭގެ އަސްލު މާނާގައި. އެއީ ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބި ތިބުން."
އޭނާ ވިދާޅުވި ގޮތުގައި ހާލަތު އަތުން ދޫވެ، ކޮންމެވެސް ދުވަހަކުން މިކަހަލަ ނަތީޖާއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ތަކުރާރުކޮށް އައީ ދެއްވަމުންނެވެ.
"އިޒްރޭލްގެ ސަރުކާރަކީ ފަލަސްތީންގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލީ ތަފާތުކުރުމާއި އަނިޔާއަށް ހިތްވަރުދޭ، ވާގިވެރިވާ ބައެއް،" ކަސިފް ވިދާޅުވި އެވެ.
"ނަސްލެއް ނައްތާލުން ދަނީ ކުރިއަށް. ފާރުގައި ހުރީ ލިއެފައި، ފަލަސްތީންގެ ރައްޔިތުންގެ ލެއިން. ނަސީބު ދެރަކަމުން އެންމެ ފަހުން އިޒްރޭލްގެ ރައްޔިތުންގެ ލޭ ވެސް އޭގައި މި ހިމެނުނީ."
އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަމައެކަނި ވިސްނަވަނީ އިޒްރޭލްގެ ރައްޔިތުންގެ ހެވާއި ލާބަޔަކަށް ނޫނެވެ. ޖަލަށް ނުގޮސް ހުންނެވޭނެ ގޮތާއި ބާރު ދެމެހެއްޓެވޭނެ ގޮތަށް ކަމަށް، އޭނާ ވިދާޅުވި އެވެ.
ނަތަންޔާހޫގެ ހިޔާނާތުގެ މައްސަލަތަކެއް މިހާރު އޮތީ ކޯޓުގަ އެވެ. އިޒްރޭލްގެ މިނިވަން ޝަރުއީ ނިޒާމަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ގޮތުން މި ފަހުން ކެނެސެޓުން ވަނީ ގާނޫނެއް ވެސް ފާސްކޮށްފަ އެވެ. އެކަމާ ގުޅިގެން އިޒްރޭލްގައި ބޮޑެތި މުޒާހަރާތައް ބޭއްވި އެވެ.
ކަސިފް ވިދާޅުވީ ހަމަނުޖެހުންތައް ހުއްޓުވޭނެ ހަމައެކަނި ގޮތަކީ ހިފާފައިވާ ބިންތަކުން އިޒްރޭލް ފޭބުމެވެ.
އިޒްރޭލްގެ ކެނެސެޓްގެ މެމްބަރު އޮފާ ކަސިފް: މިއީ ފަލަސްތީނުގެ ބިންތައް ހިފައިގެން ތިބުމުގެ ނަތީޖާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ