ނަޝީދު ވަކިކުރުމުގެ ޖަލްސާއެއް މިއަދު ހަވީރު 4:00 އަށް އެޖެންޑާކޮށްފި

ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލައިގެ އިތުރު ޖަލްސާއެއް މިއަދުގެ ހަވީރު 4:00 އަށް މަޖިލިސް އިދާރާއިން އެޖެންޑާ ކޮށްފިއެވެ.
އެ ޖަލްސާގެ އެޖެންޑާގައި އޮތީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެކަންޏެވެ.
މިއަދު 11:00 ގައި ވެސް ވަނީ ނަޝީދު ވަކިކުރުމުގެ ގަރާރާ ގުޅޭ މައްސަލަ އެޖެންޑާ ކޮށްފައެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރި މިއަދުގެ ޖަލްސާ ތިން ފަހަރެއްގެ މަތިން ކުރިއަށްގެންދަވަން މަސައްކަތް ކުރިނަމަވެސް ނިޒާމު ގެއްލިފައިވާތީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އެއިން ކޮންމެ ފަހަރަކުވެސް، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވަނީ ޖަލްސާ މެދު ކަނޑާލައްވައިފައެވެ.
ޖަލްސާ ފަށާ ކޮންމެ ފަހަރަކު ޖަލްސާ ކުރިއަށް ގެންދަން ހުރަސް އެޅުމުގެ ގޮތުން އީވާ ނިސްބަތްވެ ވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ މެންބަރުން އިދާރީ މޭޒު ކުރިމައްޗަށް އެއްވެ އަޑުގަދަކޮށް ދުއްމާރު ފުމެމުން ގެންދެއެވެ. އެކަމާ ގުޅިގެން އެމްޑީޕީ މެންބަރުން ވިދާޅުވީ އެކަމަކީ ރާވައިގެން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިޔަ ނުދިނުމަށް ކުރާ ކަމެއް ކަމަށެވެ.
އޭގެ ފަހުން ހަތަރު ވަނަ ފަހަރަށްވެސް ޖަލްސާ ކުރިއަށް ގެންދަވަން މަސައްކަތް ކުރެއްވި ނަމަވެސް، ޑިމޮކްރެޓްސް މެމްބަރުން ނިޒާމް ގެއްލުވާލައްވާފައިވާތީ، މަޖިލިސް ކުރިއަށް ނުގެންދެވުނެވެ.
އެހެންވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އާއި މިއަހަރަށް ބޭނުންވާ ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ 2024 އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް މިއަދެކޭ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށްވެސް އެޖެންޑާ ކުރައްވާނެ ކަމަށް ވިދާޅުވެ އީވާ ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ