އޮސްޓްރޭލިޔާގައި ކުޑަކުދިންނަށް ޔޫޓިއުބް ވެސް މަނާކޮށްފި

އޮސްޓްރޭލިޔާގެ ކުޑަކުދިންނަށް ޔޫޓިއުބް ވެސް މަނާ ކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ. ޔޫޓިއުބްގެ އިތުރުން ޓިކްޓޮކް، އިންސްޓަގްރާމް، ފޭސްބުކް، އެކްސް އަދި ސްނެޕްޗެޓް ބޭނުންކުރުން ވެސް އެ ގައުމުގެ ކުޑަކުދިންނަށް އަންނަ ޑިސެމްބަރު މަހުން ފެށިގެން މަނާވާނެއެވެ. އެކަމާ ގުޅިގެން ޔޫޓިއުބް ހިންގާ ގޫގުލްއިން ބުނީ އެއީ "ސޯޝަލް މީޑިއާގެ ހިދުމަތެއް ނޫން" ކަމަށާއި އެ ޕްލެޓްފޯމަކީ ކުޑަ ކުދިންނަށް ވެސް ފައިދާ ކުރާނެ ޕްލެޓްފޯމަކަށް ވާތީ، 16 އަހަރުން ދަށުގެ ކުދިންނަށް އެކަން މަނާކޮށްގެން ނުވާނެ ކަމަށެވެ. މަނާކުރުމުގެ ދަށުން ހަމައެކަނި މަނާކުރަނީ ޔޫޓިއުބް އެކައުންޓެއް ގެންގުޅުމެވެ. އެއީ ކޮންޓެންޓް އަޕްލޯޑް ކުރުމަށް ނުވަތަ ޕްލެޓްފޯމްގައި މުއާމަލާތް ކުރުމަށް ބޭނުންވާ އެކައުންޓު ގެންގުޅުމެވެ. "ސޯޝަލް މީޑިއާއިން އަޅުގަނޑުމެންގެ ދަރިންނަށް އިޖުތިމާއީ ގެއްލުން ދެނީ. އަދި އަޅުގަނޑު ބޭނުންވަނީ އެ ގެއްލުމުން ކުދިން ސަލާމަތްކޮށްދޭން އަޅުގަނޑުގެން އެބަތިބިކަން އޮސްޓްރޭލިއާގެ ބެލެނިވެރިންނަށް އަންގަން." ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ބުދަ ދުވަހު މީޑިއާއަށް ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް އެނގޭ މިއީ އަދި އޮތް ހަމައެކަނި ހައްލު ނޫންކަން. ނަމަވެސް، އެކަމުގެ ސަބަބުން ތަފާތުތަކެއް އަންނާނެ." އޮސްޓްރޭލިއާގެ އީސޭފްޓީ ކޮމިޝަނަރު ޖޫލީ އިންމަން ގްރާންޓް ވިދާޅުވި ގޮތުގައި ޔޫޓިއުބް މަނާ ކުރަނީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް "ގެއްލުންތެރި ކޮންޓެންޓެއް" ފެންނަ އެންމެ ގިނައިން ބޭނުންކުރާ ޕްލެޓްފޯމް ކަމަށް ވާތީ ކަމަށެވެ. އޮސްޓްރޭލިއާއިން 16 އަހަރުގެ ދަށުގެ ކުދިންނަށް ސޯޝަލް މިޑިއާ މަނާކުރާ ގާނޫނެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން އިއުލާނުކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ. އެ ގާނޫނުގެ މަގުސަދަކީ ސޯޝަލް މީޑިއާއިން އޮސްޓްރޭލިއާގެ ކުދިންނަށް ލިބެމުންދާ ގެއްލުން ކުޑަކުރުން ކަމަށް ބޮޑުވަޒީރު އަލްބަނީޒް ވިދާޅުވިއެވެ. ސަރުކާރުން ވަނީ، މައިންބަފައިންގެ ހުއްދަ ލިބިގެން ސޯޝަލް މީޑއާ ބޭނުންކުރާ ކުދިން ވެސް 16 އަހަރު ނުވާނަމަ، ގާނޫނަށް އަމަލުކުރަން ޖެހޭނެ ކަމަށް ބުނެފައެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ސަބަބުން ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުން ލިބިދާނެ ކަމަށް ގިނަ ތަޖުރިބާކާރުން އެއްބަސްވާއިރު، ކުޑަކުދިންނަށް ސޯޝަލް މީޑިއާ އެއްކޮށް މަނާކުރުމުގެ ފައިދާއާ މެދު ގިނަ ތަޖުރިބާކާރުން ދެބަސްވެއެވެ. ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސޯޝަލް މީޑިއާ މަނާކުރުމުގެ ސަބަބުން ހަމައެކަނި ކުރެވޭ ކަމަކީ ޓިކްޓޮކް، އިންސްޓްގްރާމް، އަދި ފޭސްބުކް ފަދަ އެޕްތަކަށް ވަނުން ފަސްކުރެވުމެވެ. އޭގެ ބަދަލުގައި ރައްކާތެރިކަމާއެކު ސޯޝަލް މީޑިއާ ބޭނުންކުރާނެ ގޮތްތައް ކިޔައިދިނުން މާ ބޭނުންތެރި ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ