ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލައި އެ ކޯޓުގެ ސިއްރު ބައެއް މައުލޫމާތުތައް ހިއްސާކުރި ކަމަށް ބުނާ މައްސަލައެއްގައި ސަސްޕެންޝަނުގައި ހުރި ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލް (އެސްޖީ) ޑރ. ހުސައިން ފާއިޒު މިއަދު މަގާމުން ވަކިކޮށްފި އެވެ. ހަތް މަސް ވަންދެން ފާއިޒު ސަސްޕެންޝަނުގައި ހުރީ މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށެވެ.
ވީ ކިހިނެއް؟ - ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ން މިދިޔަ މާޗު 31ގައި ފާއިޒު ސަސްޕެންޑުކުރީ ސުޕްރީމް ކޯޓުގެ ސެކިއުރިޓީ އޮޑިޓެއްގެ ތެރެއިން ފާހަގަވި ސީރިއަސް މައްސަލަތަކަކާ ގުޅިގެންނެވެ.
ތަފްސީލް - ފާއިޒު ވަކިކުރިކަން، އިތުބާރު ހިފޭ މަސްދަރަކުން 'ދައުރު'އަށް ކަށަވަރުވުމާ އެކު އެކަން މިއަދު ހަވީރު ރިޕޯޓުކުރުމުން، ޑީޖީއޭން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ސުޕްރީމް ކޯޓުގެ ކޯޑް އޮފް ކޮންޑަކްޓާއި ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގެ އުސޫލުތަކާ ހިލާފަށް އޭނާ އަމަލުކޮށްފައި ވާކަން އެ ޑިޕާޓްމަންޓުން ކުރި ތަހުގީގަށް ސާބިތުވެފައިވެ އެވެ. އެގޮތުން، ޑީޖޭއޭން ފާހަގަކުރި ކަންކަމަކީ:
ސުޕްރީމް ކޯޓުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ކަމަށް ބުނެ، ފަނޑިޔާރުންނާއި މުވައްޒަފުންގެ ހަރަކާތްތަކަށް ފާރަލެވޭ ގޮތަށް ސުޕްރީމް ކޯޓުގެ އެތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ފާއިޒު ނިންމައި އެކަން ތަންފީޒުކުރި
އޭނާގެ ކޮޓަރީގައި ކެމެރާތަކުގެ ލައިވް ފީޑް ލިބޭނެ ގޮތް ހަދައި އޭގެ ބޭނުން އެގޮތުގެ މަތިން ކޮށްފައިވޭ
ކެމެރާ އެޅުމުގެ މަސައްކަތަށް 200،000ރ.އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްފައި ވާއިރު، އެކަން ކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތަށް ސްޓޭޓްމަންޓް އޮފް ރިކުއަމަންޓް ތައްޔާރުނުކޮށް
އެކަން ކޮށްފައި ވަނީ ސެކިއުރިޓީ ބެލެހެއްޓުމުގެ މަގުސަދާ ހިލާފަށް
"މި އަމަލުކޮށްފައ ިވަނީ ޒންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށް ވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ އިސްވެރިޔާގެ ހައިސިއްޔަތުން އޭނާއަށް ކުރެވޭ އިތުބާރު މިހާރު ވަނީ ގެއްލިފަ އެވެ،" ބަޔާނުގައިވެ އެވެ.
ފާއިޒު ވަޒީފާ އިން ވަކިކުރި އަނެއް ސަބަބަކީ، ޑީޖޭއޭ އިން ބުނި ގޮތުގައި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް ކޮންޑަކްޓާ އޭނާ ހިލާފުވެފައި ވުމެވެ. އެގޮތުން، އެ އިދާރާ އިން ބުނީ:
ޝަރުއީ ދާއިރާގެ ކޮންމެ މުވައްޒަފަކީ ވެސް އެ ދާއިރާގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި ގަދަރު ހިފެހެއްޓުމަށް މަސައްކަތްކުރާ މީހަކަށް ވާން ޖެހޭ
އެގޮތަށް އަމަލުކުރުމުގައި އިދާރީ އިސްވެރިޔާ އެހެން މުވައްޒަފުންނަށް ނަމޫނާ ދައްކަން ޖެހޭ
ޝަރުއީ ދާއިރާގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި ގަދަރު ހިފެހެއްޓުމަށް އެހެން މުވައްޒަފުންނަށް ބާރުއެޅުމަކީ ވެސް އިދާރީ އިސްވެރިޔާގެ ހައިސިއްޔަތުން އޭނާގެ ޒިންމާއެއް
އެކަންކަމާ ހިލާފަށް އަދި ކޯޓުގައި ހިންގަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން އަމަލުކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ ކޯޓުގެ މުވައްޒަފުންނަށް ދީފައިވާ އިރުޝާދުތަކާ ވެސް ހިލާފަށް، މުވައްޒަފުންނަށް ނުރަނގަޅު ނަމޫނާ ދައްކާފައިވޭ
"މި ސަބަބާ ހުރެ، އޭނާގެ މައްޗަށް އޮތް އިތުބާރު ގެއްލުމުގެ އިތުރުން، މި އަމަލަކީ ޝަރުއީ ދާއިރާއާ މެދު އާންމުން ދެކޭ ގޮތް ކިލަނބުވާ ފަދަ އަމަލެކެވެ،" ޑީޖޭއޭން ބުންޏެވެ.
އިތުރަށް ކިޔާލަން - ފަނޑިޔާރުންނަށް 'ފާރަލައިގެން' ސުޕްރީމް ކޯޓުގެ އެސްޖީ ސަސްޕެންޑް
އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލަށް މަހެއްގެ މައްޗަށް ޖުމްލަ 47،000ރ. ލިބެ އެވެ. އެއީ:
މުސާރަ - 30،000ރ.
ލިވިން އެލަވެންސް - 15،000ރ.
ފޯން އެލަވެންސް - 2،000ރ.
އެހެންވެ، ފާއިޒު ސަސްޕެންޝަންގައި ހުރި މުއްދަތަށް ޖުމްލަ 329،000ރ. ވަނީ ލިބިފަ އެވެ.
ފަނޑިޔާރުންނަށް 'ފާރަލައިގެން' ސަސްޕެންޑުކުރި ސުޕްރީމް ކޯޓުގެ އެސްޖީ 7 މަހަށް ފަހު ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ