ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދިވެހިންނަށް އަމިއްލައަށް ފަރުވާދެވޭ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޤްޞަދުގައި، ޙުޅުމާލެ ހޮސްޕިޓަލާއި އިންޑިއާގެ ސަކްރާ ވޯލްޑް ހޮސްޕިޓަލާ ދެމެދު އެއްބަސްވުމެއް (އެމް.ޔޫ.އޯ) ގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ޚާއްޞަ ތަމްރީނުތަކާއި، ޑިޖިޓަލް ޞިއްޙީ ޚިދުމަތްތައް ތަރައްޤީ ކުރުމާއި، ކްލިނިކަލް ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިކަމަށްޓަކައި މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ސަކްރާ ހޮސްޕިޓަލަކީ ޖަޕާނުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރަމުންދާ ބައިނަލްއަޤްވާމީ ފެންވަރުގައި ސިއްޚީ ޚިދުމަތް ދެމުންދާ ހޮސްޕިޓަލެކެވެ. މި އެއްބަސްވުމަކީ ޙުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް، މެޑިކަލް ފަންނީ މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.
ޙުޅުމާލެ ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން، ޙުޅުމާލޭ ހޮސްޕިޓަލަށް ޙާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ އެހީތެރިކަމާއި، ފަންނީ އެކި ތަމްރީނުތައް ދިނުމަށް ސަކްރާ ހޮސްޕިޓަލުން އެހީތެރިވެދޭނެއެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ހޮސްޕިޓަލުގައި ޒަމާނީ ޚިދުމަތްތައް ޤާއިމް ކުރުމަށާއި، ޞިއްޙީ ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މަގުފަހިކުރުވާނެ ކަމަށް ޙުޅުމާލެ ހޮސްޕިޓަލުން ޔަޤީންކަން ދެއެވެ. މިފަދަ ބައިނަލްއަޤްވާމީ އެއްބާރުލުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
ޙުޅުމާލެ ހޮސްޕިޓަލާއި އިންޑިއާގެ ސަކްރާ ހޮސްޕިޓަލުން އެމްޔޫއޯ އެއްގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ