މިހާރު ގިނަބައަކާ ޖިންނި ޝައިޠޯނުން އަވަލާ ސަބަބު-: މުފްތީ މެންކް

ޖިންނި ޝައިޠޯނުންގެ އުނދަގޫތައް މީހުންނަށް މިހާބޮޑުވެ އަވަލާ މީހުން ގިނަވަނީ ކީއްވެގެންތަ؟
ބައެއް މީހުން ސުވާލުކުރެއެވެ. ގިނަ ބައަކާއި ޖިންނި ޝައިޠޯނުން އަވަލަނީ ކީއްވެގެން ހެއްޔެވެ؟ ގިނަ ބައަކު މަގުފުރެދި ހަލާކުވަމުން މިދަނީ ކީއްވެގެން ހެއްޔެވެ؟
ޖަވާބު ކީރިތި ޤުރްއާނުން ލިބެން އެބައޮތެވެ. ﷲ ތަޢާލާ ހަނދުމަކުރުމުން ދުރުހެލިވުމުން އޭނާގެ ބައިވެރިއަކު ކަމުގައި ޝައިޠޯނަކު ލައްވަވާނެ ކަމެވެ. މިއަދު މިފެންނަނީ އެކަން އެގޮތަށް މެދުވެރިވަމުން އަންނަ ތަނެވެ.
ގިނަ ބައަކު ﷲ ތަޢާލާ ހަނދުމަކުރުމުން ދުރުހެލިވެއްޖެއެވެ. އެއްވެސް ޖެހިލުމެއް ނެތި އެމީހަކު ކުރަން ބޭނުންވާހައި ފާފަތަކެއް ކުރަމުން ގެންދަނީއެވެ. ނަތީޖާއެއްގެ ގޮތުން އޭނާއަށް ޢަމަލުކުރެވެނީ ޝައިޠޯނާ ބުނާގޮތަށެވެ. ކުރަނީ ޝައިޠޯނާ ބޭނުންވާ ކަންކަމެވެ.
ހަމަ އެއާއިއެކު އެމީހަކީ ﷲ ތަޢާލާ ހަނދުމަކޮށް ހެޔޮ ޢަމަލުކުރުންމަތީގައި ދެމިހުރި މީހަކު ނަމަ އެމީހަކަށް ހިތްވަރު ދެއްވަވައި ހެޔޮ މަގަށް މަގުދައްކަވާނޭ މަލާއިކަތަކު ލައްވަވާނެތެވެ. އެމީހެއްގެ ހިމާޔަތުގައި މަލާއިކަތުން ތިއްބަވަނިކޮށް ޖިންނި ޝައިޠޯނުންނަކަށްވެސް އެމީހަކާއި ކައިރިއެއް ނުވެވޭނެއެވެ. އެއްވެސް ގެއްލުމެއްވެސް ނުދެވޭނެއެވެ. އިން ޝާ ﷲ
ވީމާ ފާފަކުރުމާއި ދުރުހެލިވާށެވެ! ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ! ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރާށެވެ! އެއިރުން ހުރިހާ ނުބައިކަމަކުން އެމީހަކު ސަލާމަތްކޮށްދެއްވަވާނެ މަލާއިކަތުން އެމީހަކާއިއެކު ލައްވަވާނެތެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ