ވިނަރެސްގައި ހުންނަ އެޗްޑީސީގެ އޮފީހުން މިހާރު ބިލުތައް ދެއްކޭނެ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު ހައެއްގައި ގާއިމުކޮށްފައިވާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކަސްޓަމާ ކެއާ އޮފީސް މެދުވެރިކޮށް، މިހާރު އެޗްޑީސީއަށް ދައްކަންޖެހޭ ބިލުތައް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. މި އޮފީސް ހުޅުވާފައިވަނީ މިދިޔަ މެއި މަހު، އެޗްޑީސީން ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކަމަށް އެޗްޑީސީން ބުނެއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް، ފަސޭހައިން އެޗްޑީސީގެ ކަސްޓަމާ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަކީ މި އޮފީސް ގާއިމުކުރުމުގެ މައިގަނޑު އެއް ބޭނުން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. އެޗްޑީސީ ކަސްޓަމާ ކެއާ އޮފީސް--ފޮޓޯ/ އެޗްޑީސީ ވިނަރެސްގެ ހަވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގައި ގާއިމުކޮށްފައިވާ މި އޮފީހުން ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަލަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ޚިދުމަތް ވެސް މިހާރު ލިބޭނެ ކަމަށް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު ފަހު 02:00 އަށް މި އޮފީސް ހުޅުވާފައި ހުންނާނެއެވެ. މީގެ ކުރިން 'ހިޔާ' ޓަވަރުގައި ގާއިމުކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުންއައި ހުރިހާ ޚިދުމަތެއް މިހާރު ލިބޭނީ ވިނަރެސްގައި ހުންނަ އެޗްޑީސީ އޮފީހުންނެވެ. އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ