އދގެ ޕްރެސިޑެންސީ އޮފް ހޯޕްގެ ޓީމް، ޕްރެސިޑެންޓް އޮފް ހޯޕް އަރިހަށް

އެކުވެރި ދައުލަތްތަކުގެ ޖެނެރަލް އެސެމްބްލީގެ ރައީސްގެ އޮފީހުގައި އޮނަރަބަލް އަބްދުއްލާ ޝާހިދު އަރިހުގައި މަސައްކަތްކުރި ކުރީގެ ޓީމުގެ މެންބަރުންނާ ބައްދަލުވެ ވަޑައިގަތުމުން ވަރަށް އުފާ ކުރައްވާކަމަށް އދ ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.
މިވަގުތު ނިއުޔޯކަށް ވަޑައިގެން ތިއްބެވި އެކުވެރި ދައުލަތްތަކުގެ ޖެނެރަލް އެސެމްބްލީގެ ރައީސްގެ އޮފީހުގެ ކުރީގެ ޓީމާ ބައްދަލުވެ ވަޑައިގަތުން އޮނަރަބަލް ޝާހިދު ސިފަކުރެއްވީ އާއިލީ ބައްދަލުވުމެއް ފަދަ އިހުސާސެއް ކުރެވުނު ބައްދަލުވުމެއްގެ ގޮތުގައެވެ. ހަނދާން ނައްތާނުލެވޭ ހިދުމަތުގެ އަހަރެއްގެ ތެރެއިން ލިބުނު ހަނދާންތަކާއި، ހިނިގަނޑުތަކާއި، ވާހަކަތަކުން ފުރިގެންވާ ބައްދަލުވުމެއްގެ ގޮތުގައެވެ.
އެކުވެރި ދައުލަތްތަކުގެ ޖެނެރަލް އެސެމްބްލީގެ ކުރީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވި ގޮތުގައި އެބޭފުޅުންގެ ބުރަ މަސައްކަތާއި، ނުނިދާ ހޭދަކުރި ރޭތަކާއި، ގަދަފަދަ އަޒުމާ އެކު، އެބޭފުޅުންވަނީ "ޕްރެސިޑެންސީ އޮފް ހޯޕް" ހަގީގަތަކަށް ހަދާފައެވެ.
"މުޅި ދުނިޔެއަށް ބަލިމަޑުކަމެއް ފެތުރިފައިވާ އޮތް ދަނޑިވަޅެއްގައި އދ ގެ  ޖެނެރަލް އެސެމްބްލީގެ ޖަލްސާއެއް އަޅުގަނޑުމެން އެކުގައި ކާމިޔާބު ކުރީމުއެވެ. އަދި އުއްމީދާއި، އެކުވެރިކަމާއި، ކެތްތެރިކަމަށް ބާރުއެޅީމުއެވެ." ޝާހިދު ވިދާޅުވިއެވެ. 
ކޮންމެ ދުވަހަކުވެސް ގިނަ ފަރާތްތަކުގެ ބައިވެރިވުމާއެކު ކުރެވުނު މަސައްކަތްތަކުން އާންމު ފަރުދުންނަށް މަންފާވާ ގޮތަށް އެބޭފުޅުންނާއެކު މަސައްކަތް ކުރެއްވި ކަމަށާއި އެފަދަ ކަމެއް އެކަހަލަ ހުނަރުވެރި ޓީމެއް ނެތް ނަމަ ހަގީގަތަކަށް ނުވާނެކަމަށް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ.
އެކުވެރި ދައުލަތްތަކުގެ ޖެނެރަލް އެސެމްބްލީގެ ރައީސްގެ ހައިސިއްޔަތުން އޮނަރަބަލް އަބްދުއްލާ ޝާހިދު މިހާރު ނިއުޔޯކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އދ ގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް ވަނީ އޮނަރަބަލް ޝާހިދާ ބައްދަލު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ