ޓްރަމްޕް ވިދާޅުވަނީ ޣައްޒާއަށް ދެން ވެރިވާނީ އެމެރިކާ ކަމަށް

އެމެރިކާއިން ޣައްޒާއަށް ވެރިވެ، އެ ސަރަހައްދު އަލުން ތަރައްގީ ކުރުމާ ހަވާލުވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އެގޮތަށް ވިދާޅުވީ، އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔަހޫއާއެކު ވައިޓް ހައުސްގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. "އަޅުގަނޑުމެން އެތަނާ ހަވާލުވާނަން. އަދި އެތަން އާރާސްތު ކުރާނަން. މިއީ ހަމަ ހުރެފައި ނިންމި ނިންމުމެއް ނޫން. އަޅުގަނޑު ވާހަކަ ދެއްކި އެންމެން ވެސް ވަރަށް ބޭނުންވޭ އެ ތަނުގައި އެމެރިކާގެ މިލްކުވެރިކަން އޮންނަން. އެއީ އެމެރިކާއިން އެތަން ތަރައްގީކޮށް، އެތައް ހާސް ވަޒީފާ އުފެއްދުމުގެ ޚިޔާލަށް،" ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕްގެ ރޭވުމަކީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވާލައި، ޣައްޒާއަކީ "ދުނިޔޭގެ އެކި ކަންކޮޅުތަކުންދާ މީހުންނަށް ދިރިއުޅެވޭނެ" ތަނަކަށް ބަދަލުކުރުމެވެ. ނަމަވެސް ޣައްޒާއިން މީހުން ހުސްކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ވިސްނުމާ ދެކޮޅު ކަމަށް ބައެއް ގައުމުތަކުން މިހާރުވެސް ވަނީ ބުނެފައެވެ. އެގޮތުން މިސްރާއި އުރުދުންއިން ވަނީ ފަލަސްތީނުގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެހެން ގައުމުތަކަށް ފޮނުވުމާ ދެކޮޅު ކަމަށް ބުނެފައެވެ. އިސްރާއީލުން ދިން ހަމަލާތަކުގައި ސުންނާފަތިވެފައިވާ މިސްކިތެއް: ޓްރަމްޕްގެ ރޭވުމަކީ ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް، އެ ސަރަހައްދަށް ވެރިވުން -- ފޮޓޯ/އޭޕީ ޣައްޒާ ހިންގާ، ހަމާސް ޖަމާއަތުން ވަނީ ޓްރަމްޕްގެ އެ ރޭވުން ކުށްވެރިކޮށްފައެވެ. އެއީ މުޅި ސަރަހައްދު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލާ ފަދަ ރޭވުމެއް ކަމަށް ހަމާސް އިން ވަނީ އިންޒާރު ދީފައެވެ. އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހިންގަމުން އައި ގަތުލްއާންމު މިހާރު އޮތީ މެދުކަނޑާލާފައެވެ. މާރިޗު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ހަމާސްއާއެކު ހަދައިފައިވާ އެއްބަސްވުމެއްގެ ދަށުން އިސްރާއީލުގެ 33 މީހަކު ދޫކޮށްލަން އެއްބަސްވެފައިވާއިރު، ފަލަސްތީނުގެ 2،000 މީހުން މިނިވަން ކުރަން އިސްރާއީލުން ވަނީ އެއްބަސްވެފައެވެ. އިސްރާއީލުން ހަމަލާތައް ހުއްޓާލި ކަމަށް ބުނި ނަމަވެސް، ޣައްޒާއާއި ހުޅަނގު އައްސޭރިއަށް ވެސް އަދިވެސް ހަމަލާތައްދެމުންދާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ