ރާއްޖޭގެ ބޭސްފިހާރަތަކުން ބޭސް ލިބުން ދަތިވެ އެތައް ބަޔަކު ތަކުލީފުތަކެއް އުފުލަން ޖެހުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނެތް ކަމަށާއި ބޭސް މަދުވެ ރާއްޖެ ބޭހަށް ޖެހުނީ އެ ވިޔަފާރި ކުރާ ފަރާތްތަކުން ދަތިކުރަން ފެށުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ތުހުމަތު ކުރައްވައިފި އެވެ.
މިރޭ ދ. މީދޫގައި ވާހަކަ ދައްކަވަމުން މިފަހުން ދިމާވެގެން އުޅޭ ބޭހުގެ ދަތިކަމަކީ އެ ވިޔަފާރި ކުރާ އަމިއްލަ ވިޔަފާރިތަކުން ރާވައިގެން ރައްޔިތުންނަށް ދަތިކުރަން ކުރި ކަމެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން "މެޑިކަލް މާފިއާ" އިން ކުރި ކަމެކެވެ.
"ޓެކްސް ފައިސާއިން ބޭހުގެ ވިޔަފާރި ކުރާ އެތައް ބަޔަކު ދިޔައީ ފައިސާ ނަގަމުން. 1000، 2000 ޕަސެންޓު ޕްރޮފިޓް. އެއީ ބޮޑު އިސްރާފެކޭ. އެހެންވެ އެކަން އަޅުގަނޑުމެން ހައްލު ކުރީ. ޕްރައިސް ކަޓް ޑައުން ކުރީ. އެސްޓީއޯ ރޭޓަށް ތިރިކުރީ. ތިރި ކުރީމައި ބޭސް ގަންނަ ފަރާތްތަކުން ދަތިކުރަން ފެށީ. ދަތިކުރަން ފެށީމައި ބޭސް މަދުވީ. މިއީ ދިމާވި މައްސަލައަކީ،" ރައީސް ވިދާޅުވި އެވެ.
އެ ކަމާ ގުޅިގެން ފިނޭންސްގެ ހާއްސަ އެހީތެރިކަމަކާ އެކު އެސްޓީއޯއިން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށް ރައީސް ހާމަކުރެއްވި އެވެ.
"މެޑިކަލް މާފިއާއަށް ބޭސްތައް ކޮންޓްރޯލް ކުރުމުގެ ޗާންސެއް ނުދޭނަން. އަޅުގަނޑުމެން މި ދަނީ ހުރިހާ ބޭހެއް، އެއީ އެމްއެފްޑީއޭ އެޕްރޫވުޑް ލިސްޓުގައި ހުރި ހުރިހާ ބޭހެއް. އެސެންޝަލް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް 15 މާޗާ ހަމައަށްދާއިރު ގެނެސް ހަމަކޮށް އެސްޓީއޯގެ ބޭސްފިހާރަތަކުން ހުރިހާ ބޭހެއް އެއްވެސް ކަންބޮޑުވުމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން، އެޕްރޫވްޑް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް އޭގެ އެއް މަސް ދުވަސް ފަހުން ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުން ބޭސް ހޯދުމުގައި ދަތިތަކެއް ކުރިމަތި ނުކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރަށެއްގައި ކުޑަ ބޭސްފިހާރައެއް ހުޅުވާ ވިޔަފާރިވެރިޔަކު ވެސް އެއް އަހަރު ދުވަސް ފަހުން އޮޑިދޯނިފަހަރު ބަންނަ މަންޒަރު ފެންނަ ކަމަށޤ ވިދާޅުވެ އެ ވިޔަފާރި ކުރާ މީހުންނަށް ރައީސް މިރޭ ފާޑުވިދާޅުވި އެވެ.
ރާއްޖެއިން ބޭސް ލިބުމަށް ދަތިވަނީ "މެޑިކަލް މާފިއާ"ގެ ސަބަބުން ކަމަށް ރައީސް ވިދާޅުވެއްޖެ ރާއްޖެއިން ބޭސް ލިބުމަށް ދަތިވަނީ "މެޑިކަލް މާފިއާ"ގެ ސަބަބުން ކަމަށް ރައީސް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ