ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި އެންމެ ފަހުން ކުޅުނު އަތޮޅު ފައިނަލްތައް ކާމިޔާބުކޮށް، ރ. ދުވާފަރު، ހއ. މާރަންދޫ، އއ. މަތިވެރި، ނ. މާޅެންދޫ އަދި ވ. ކެޔޮދޫން ޗެމްޕިއަންކަން ހޯދައިފި އެވެ.
އެ ގޮތުން، އިއްޔެ ހަވީރު ކުޅުނު ރ. އަތޮޅުގެ ފައިނަލުގައި، އިނގުރައިދޫ އަތުން ދުވާފަރު މޮޅުވީ، މެޗުގެ މޮޅު ކުޅުންތެރިޔާ، ހަަސަން އަޒޫމް އަލީގެ ދެ ލަނޑާ އެކު، 2-0 އިންނެވެ. މި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ދުވާފަރުގެ މުހައްމަދު އިސާމް (ޝަންޓެ) އަށެވެ. މިއީ ދުވާފަރުން ތަށި ހޯދި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން 2016، 2022 އަދި 2024 ވަނަ އަހަރު އަތޮޅު ޗެމްޕިއަންކަން ހޯދާފައިވެ އެވެ.
އހ. އަތޮޅުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދި މާރަންދޫން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް،އެމްވީ
ހއ. އަތޮޅުގެ ޗެމްޕިއަންކަން މާރަންދޫން ފުރަތަމަ ފަހަރަށް ހޯދީ ފައިނަލުގައި ކެލާ އަތުން 4-1 އިން މޮޅުވެގެންނެވެ. ކެލާގެ އިބްރާހިމް ރިޝާލް ލަނޑު ޖެހިއިރު، މާރަންދޫގެ ލޫތު ހުސެއިން މެޗުގައި ލަނޑު ޖެހި އެވެ. ޕެނަލްޓީގައި މާރަންދޫން ތިން ޕެނަލްޓީ ކާމިޔާބުކޮށް މޮޅުވީ އެވެ. ޕެނަލްޓީތައް ކާމިޔާބުކުރީ މުހައްމަދު ހަމްދާން އަހުމަދު، ހަސަން އަސްލަމް އަދި އަހުމަދު މުހައްމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މާރަންދޫގެ ނައުފަލް މޫސާ އެވެ. އެންމެ ގިނަ ގޯލު ޖެހީ ކެލާގެ އަހުމަދު ރިޝާލް އެވެ. އަދި، އެންމެ މޮޅު ކުޅުންތެރިއަކީ، ހަމްދޫން އަހުމަދު ލަތީފް އެވެ.
އއ. އަތޮޅުގެ ޗެމްޕިއަންކަން ހަތަރު ވަނަ ފަހަރަށް ހޯދި މަތިވެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
މަތިވެރިން، އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނު އަލީ އަލްސަން އަށް ފައިނަލުގައި ދެއްކި ރަތް ކާޑަށް ފަހު ވެސް، ފައިނަލް މެޗުން މޮޅުވެފައިވަނީ، އެ މެޗުގެ މޮޅު ކުޅުންތެރިޔާ، މުހަައްމަދު ޝަފުރާޒް ޖެހި ގޯލުން 1-0 އިން ބޮޑުފޮޅުދޫ ބަލިކޮށްގެންނެވެ.
މިއީ، މަތިވެރިން އަތޮޅު ތަށި ހޯދި ހަތަރު ވަނަ ފަހަރެވެ. އެ ގޮތުން، މީގެ ކުރިން ވަނީ 2022، 2024 އަދި 2025 ވަނަ އަހަރު އަތޮޅު ތަށި ހޯދައިފަ އެވެ.
ނ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި މާޅެންދޫން ތަށްޓާ އެކު އުފާފާޅުކުރަނީ: މިއީ މާޅެންދޫން މި އަތޮޅުގެ ތަށި މި މުބާރާތުގައި ހޯދި ފުރަތަމަ ފަހަރު.---- ފޮޓޯ: އިމޭޖަސް.އެމްވީ
ނ. އަތޮޅުގެ ޗެމްޕިއަންކަން މާޅެންދޫން ފުރަތަމަ ފަހަރަށް ހޯދީ ފައިނަލުގައި 2-1 އިން ހޮޅުދޫ ބަލިކޮށްފަ އެވެ. މާޅެންދޫގެ ލަނޑުތައް ޖެހީ މުހައްމަދު ފަރުހާން އާއި އަލީ ފާރިޝް އެވެ. ހޮޅުދޫގެ ލަނޑު ޖެހީ ހުސެއިން ޝައްފާހު އެވެ. އަތޮޅުގެ މޮޅު ކުޅުންތެރިޔާ އާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ މާޅެންދޫގެ ފަރުހާން އެެވެ. އެންމެ ގިނަ ގޯލު ޖެހީ ހޮޅުދޫގެ ޝައްފާހު އެވެ.
މެޗަކުން ބަލިނުވެ، ވ. އަތޮޅުގެ ޗެމްޕިއަންކަން މި ފަަހަރު ކެޔޮދޫން ހޯދީ ފައިނަލުގައި 3-0 އިން ފުލިދޫ ބަލިކޮށްފަ އެވެ. ލަނޑުތައް ޖެހީ، އަރީން އަބްދުﷲ އިބްރާހިމް، އަޒްޔާން އާދަމް ރަޝީދު އަދި ޝިރުފާން ހުސެއިން އަލީ އެވެ. ފައިނަލް މެޗާއި މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ކެޔޮދޫގެ އަރީން އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ކެޔޮދޫގެ އަޒްޔާން އެވެ. މިއީ، ކެޔޮދޫން އަތޮޅު ތަށި ހޯދި ޖެހިޖެހިގެން ތިން ވަނަ ފަހަރެވެ.
ވ. އަތޮޅުގެ ޗެމްޕިއަންކަން ހޯދުމުގެ ސިލްސިލާ ކުރިއަށްގެންދިޔަ ކެޔޮދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ
ރޭ ވަނީ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ހަތެއްގެ ތިން މެޗު ކުޅެފަ އެވެ. އެ ގޮތުން، ހޯނޑެއްދޫ އަތުން، 8-2 އިން ދެއްވަދޫ މޮޅުވިއިރު، ދެއްވަދޫގެ ލަނޑުތައް ޖެހީ، މުހައްމަދު އަބްދުﷲ (މޯޑު) ހެޓްރިކެއްގެ އިތުރުން، އަހްނަފް ރަޝީދު (އަހުއްކޮ)، ނަސޫހު ސައީދު، ޝިފާޒް އަލީ، މީޝަން މުޖީބު އަންވަރު އަދި މިގުދާދު ސައީދު އެވެ. ހޯނޑެއްދޫގެ ލަނޑުތައް ޖެހީ، އަހުމަދު ޝާނިއު އަބްދުލް ގަނީ އާއި މުހައްމަދު މާޔަން ނިޔާޒް އެވެ.
ވާދޫން ކަނޑުހުޅުދޫ އަތުން 2-0 އިން މޮޅުވިއިރު، ލަނޑުތައް ޖެހީ، މުހައްމަދު ނާއިލް އާއި މުހައްމަދު އިޔާދު އަލީ އެވެ. ދަޑިމަގު އަތުން ހިތަދޫން 2-0 އިން ކާމިޔާބު ހޯދިއިރު، ލަނޑުތައް ޖެހީ ޝާޝް ޝަރީފް އާއި އީމާން ނަޒީރު އެވެ.
ދުވާފަރު، މާރަންދޫ، މަތިވެރި، ކެޔޮދޫ އަދި މާޅެންދޫ އަށް އަތޮޅު ޗެމްޕިއަންކަން ދުވާފަރު، މާރަންދޫ، މަތިވެރި، ކެޔޮދޫ އަދި މާޅެންދޫ އަށް އަތޮޅު ޗެމްޕިއަންކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ