މުދަލު ޒަކާތުގެ ނިޞާބަށް ބަދަލެއް

މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނެސްފިއެވެ.
މުދަލު ޒަކާތް ދެއްކުމަކީ، އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ.
ރާއްޖޭގެ ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ، ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރަށްވެސް ބަދަލު އާދެއެވެ.
ދިވެހި ރާއްޖޭގެ ޒަކާތު ހައުސިންގއިން ވިދާޅުވީ، މިއަދުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ ރިހީގެ ގްރާމަކަށް 36.70 ގެ ރޭޓުން 595 ގްރާމަށްވާ، 21،836.50ރ ކަމުގައެވެ. މީގެކުރިން މިދިޔަ ޑިސެމްބަރު މަހު މުދަލު ޒަކާތުގެ ނިސާބު ހުރީ، 19،527.90ރ ގައެވެ.
އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ޤައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަޤީރުންނަށް އެންމެ ރަނގަޅު ގޮތަކީ، ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
މީގެކުރިން މުދަލު ޒަކާތް އިސްލާމިކް މިނިސްޓްރީއަށް ދައްކަމުން އައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއަށެވެ. އެގޮތުން އޮންލައިކޮށް ވެސް މީރާއަށް މުދަލު ޒަކާތް ދެއްކޭނެއެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވެސް މީރާގެ ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ