ދިވެހިރާއްޖޭގެ ގާނޫނީ ދާއިރާގެ ކުރިއެރުމަށް ބާ ކައުންސިލުން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ، ރާއްޖޭގައި މިއަދު ބޭއްވި ބާ ކައުންސިލްގެ އިންތިޚާބު ކާމިޔާބުކުރައްވާ، ބާ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި އަލްއުސްތާޒު މައުމޫން ހަމީދަށް މަރުހަބާ ވިދާޅުވެ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބާ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރައްވާ، މައުމޫން ހަމީދު ތާރީޚުން ޖާގަ ހޯއްދަވާފައިވާއިރު ރައީސް ސޯލިހް ކުރެއްވި ޓްވީޓްގަަައި ވަނީ ރާއްޖޭގެ ބާ ކައުންސިލްގެ ފުރަތަމަ ރައީސްކަމަށް އިންތިޚާބުވެވަޑަައިގެންނެވި އަލްއުސްތާޒު މައުމޫން ހަމީދާއި، ކައުންސިލްގެ އެހެން މަގާމުތަކަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންނަށް ތަހުނިޔާ ދަންނަވާފައެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނީ ދާއިރާގެ ކުރިއެރުމަށް ބާ ކައުންސިލުން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.
ތާރީޚީ އިންތިޚާބުގައި، ބާ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް މައުމޫން ހަމީދު އިންތިޚާބުވެވަޑައިގެންނެވީ ކުރީގެ ބަންޑާރަ ނާއިބް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއްސުއޫދާއި ވާދަކުރައްވައެވެ.
މައުމޫން ހަމީދު ހޯއްދެވި ކާމިޔާބީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ، ރާއްޖޭގެ ބާ ކައުންސިލްގެ ފުރަތަމަ ރައީސްކަމަށް އިންތިޚާބުވެވަޑަައިގެންނެވި އަލްއުސްތާޒު މައުމޫން ހަމީދާއި، ކައުންސިލްގެ އެހެން މަގާމުތަކަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންނަށް ވަރަށް ތަހުނިޔާއާއި މަރުހަބާ ދަންނަވާކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ގާނޫނީ ދާއިރާގެ ތަޖުރިބާކާރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސިޔާސީ ޕާޓީތަކުގެ އިސްވެރިންވެސް ވަނީ މައުމޫން ހަމީދަށް މަރުހަބާ ވިދާޅުވެފައެވެ.
މައުމޫން ހަމީދަކީ ގާނޫނީ ދާއިރާގައި ހަރަކާތްތެރިވާ ވަކީލުންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ވަކީލުންނާއި ވަރަށް ގާތްގުޅުމެއް ބާއްވަވަމުން ގެންދަވާ މައުމޫން ހަމީދު ފާހަގަކުރެވިފައިވަނީ ވަކީލުންނަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ވަރަށް ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
މީގެ ކުރިން މައުމޫން ހަމީދު ވަނީ ސިޔާސީ އެތައް ބޭފުޅުންނެއްގެ ގާނޫނީ ޓީމުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ.
ގާނޫނީ ދާއިރާގެ ކުރިއެރުމަށް ބާ ކައުންސިލުން މަސައްކަތްކުރާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ