ގަމުގެ ފްލެޓްތަކުގެ މަސައްކަތް ނުފަށަނީސް ފްލެޓްތައް ބަހަން ފަށައިފި

ލ.އަތޮޅު ގަމުގައި މިސަރުކާރުން އަޅަން ބުނާ 200 ފްލެޓްގެ އެއްވެސް އަމަލީ މަަސައްކަތެއް ނުފެށެނީސް ފްލެޓްތައް ލިބޭނެ މީހުން ކަނޑައަޅާ، އެމީހުންނަށް ފްލެޓްތައް ބަހަން ފަށައިފިއެވެ.
އެމްޑީޕީގެ މަޖިލިސް ކެމްޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެކު ލ.އަތޮޅަށް މިހާރު ވަޑައިގެން ހުންނެވި މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓްގެ ސްޓޭޓް މިނިސްޓަރ އަހްމަދު ނަޝީދު މިހާރު ގެންދަވަނީ ގަމުގެ ބައެއް މީހުންނާއި ބައްދަލުކޮށް އެމީހުންނަށް ފްލެޓް ލިބިފައިވާކަން އަންގަމުންނެވެ.
"ވަގުތު" އަށް މައުލޫމާތު ދިން ގަމުގެ ގިނަ ބަޔަކު ވަނީ ސްޓޭޓް މިނިސްޓަރ އަހްމަދު ނަޝީދު އެމީހުންނާއި ބައްދަލުކޮށް ފްލެޓް ލިބިފައިވާކަން އެންގިކަމަށް ބުނެފައެވެ.
"ނަޝީދު އަޅުގަނޑާއި ބައްދަލުކޮށް ބުނި އަޅުގަނޑަށް ފްލެޓް ލިބިފައިވާކަމަށް. އަޅުގަނޑަކަށް ނޭނގެ ކިހިނެއް ޝަރުތު ހަމަވެގެން ކަމެއް. ނަޝީދު ވިދާޅުވީ ފްލެޓް ލިބުނު މީހުންގެ ލިސްޓްގައި އަޅުގަނޑުގެ ނަން އެބައޮތް ކަމަށް. ނަމަވެސް ފްލެޓް މުޅިން ކަށަވަރު ވާނީ އެމްޑީޕީގެ ކެންޑިޑޭޓަށް މަޖިލިސް އިންތިޚާބުގައި ވޯޓް ދިނުމުން ކަމަށް. އެމްޑީޕީގެ ކެމްޕޭނަށް ނިކުންނަން ވެސް އަޅުގަނޑަށް އެންގި." މައުލޫމާތު ދިން މީހަކު ބުންޏެވެ.
އިތުރު މީހަކު ބުނީ އޭނާ އާއި، އާއިލާގެ އިތުރު މެންބަރަކަށް ވެސް ފްލެޓް ލިބިފައިވާކަން ނަޝީދު މިއަދު އަންގާފައިވާ ކަމަށެވެ.
"އަޅުގަނޑާއި، އަދި އާއިލާގެ އިތުރު މެންބަރަކަށް ވެސް ފްލެޓް ލިބުނު ކަން ސްޓޭޓް މިނިސްޓަރ ނަޝީދު މިއަދު އެންގެވި. ނަމަވެސް ވިދާޅުވި އެމްޑީޕީ ކެންޑިޑޭޓަށް ވޯޓް ދޭން ޖެހޭނެއޭ." އޭނާ ބުންޏެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލެޓް ލިބިފައިވާ ކަމުގެ ކަށަވަރުކަން ދިނުމަށް އެމްޑީޕީ އާއި އިދިކޮޅު ކެންޑިޑޭޓުންގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނާއި ނަޝީދު ގެންދަނީ ބައްދަލު ކުރަމުންނެވެ.
ނަޝީދަކީ ގަމަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ގަމަށް ވަޑައިގެން ފްލެޓް ބަހަމުން ގެންދާއިރު ގަމުގެ އާބާދުވާ ސަރަހައްދުގައި ހުރި ގެތަކެއް ނަޝީދުގެ ނުފޫޒުން އޭނާގެ އާއިލާ މެންބަރުންނަށް ހޯއްދަވައި ދެއްވި ކަމުގެ ތުހުމަތު މީގެ ކުރިން ވެސް ކުރެވިފައިވެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ނަޝީދު ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވިއެވެ. ރައީސް ވަހީދަށް ވެރިކަން ލިބިވަޑައިގަތުމުން އޭނާ އެމްޑީޕީ ދޫކުރައްވާ އަދާލަތު ޕާޓީއަށް ވަޑައިގެން ސަރުކާރުގެ އިސް މަގާމެއް ހޯއްދެވިއެވެ. މިހާރު ރައީސް ޞާލިހްގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ކަމަށް ނަޝީދު ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ. ނަމަވެސް މަގާމު ލިބިވަޑައިގެންނެވި ފަހުން އޭނާ ގެންދަވަނީ މީސް މީޑިއާގައި އެމްޑީޕީއަށް ކެމްޕޭން ކޮށްދެއްވަމުންނެވެ.
އަދި އެއްވެސް މަސައްކަތެއް ނުފެށި އޮތް ފްލެޓްތައް ނަޝީދު އާއްމު ރައްޔިތުންނަށް ބަހަމުން ގެންދާއިރު އެމްޑީޕީގެ ޓިކެޓްގައި މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ގެންދަވަނީ އެދާއިރާތަކުގެ ރައްޔިތުންނަށް ފްލެޓް ބަހަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ