ދަގަނޑޭ އެނބުރި ވެލެންސިއާއަށް

ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އޭނާގެ ފުރަތަމަ ކްލަބު ކަމަށްވާ ވެލެންސިއާއަށް ސޮއިކޮށްފިއެވެ.
ކުރިއަށް އޮތް ސީޒަނަށް ދަގަނޑޭ ވެލެންސިއާއާ ގުޅުނުކަން ކްލަބުން އިއުލާން ކޮށްފައިވާ އިރު، 2001 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް ދަގަނޑޭ ވަނީ ވެލެންސިއާ ޖާޒީގައި ވިދާލައިފައެވެ. 2001 ވަނަ އަހަރު އޮތް ޕޮމިސް ކަޕު މުބާރާތުގައި ތައިލެންޑްގެ ބީއީސީ ޓެރޯ ސަސާނާ އެފްސީއާ ދެކޮޅަށް ދަގަނޑޭގެ ފުރަތަމަ މެޗު ކުޅެފައިވާ އިރު، އެ ފަހަރު މުބާރާތުގައި ކުޅުމަށް ދަގަނޑޭއަށް ފުރުސަތު ލިބުނީ އަލީ އުމަރު ތިން މެޗަށް ސަސްޕެންޑް ކުރުމުންނެވެ.
ފުރަތަމަ މެޗުން ފެށިގެންވެސް ޒުވާން އުމުރުގައި ދަގަނޑޭގެ ހުނަރުވެރިކަން ގައުމީ ދަނޑުން ފެންނަން ފަށައި، އޭނާ ވަނީ 2002 ވަނަ އަހަރު ވެލެންސިއާއާއެކު އޭއެފްސީ ކަޕްގެ ގިނަ މެޗުތަކެއްގައި މޮޅު ކުޅުމެއް ދައްކައިފައެވެ. ދަގަނޑޭ ކެރިއަރުގައި ފުރަތަމަ ފަހަރަށް ހެޓްރިކް ހެދީ 2002 ވަނަ އަހަރު އޯގަސްޓް މަހު ވެލެންސިއާއިން ވޭމަންޑޫ ޒުވާނުންގެ ގުޅުމާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭރު އޭނާގެ އުމުރަކީ 17 އަހަރެވެ.
ދަގަނޑޭ ވަނީ ވެލެންސިއާއެކު ދިވެހި ލީގު ޖެހިޖެހިގެން ހަތަރު އަހަރު ކާމިޔާބުކޮށްފައެވެ. 2001 ވަނަ އަހަރު ޕޮމިސް ކަޕްވެސް ދަގަނޑޭ ވެލެންސިއާއާއެކު ކާމިޔާބު ކޮށްފައިވާ އިރު، 2003 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ތިން އަހަރު ދިވެހި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ދަގަނޑޭ ވަނީ ހޯދައިފައެވެ. ދަގަނޑޭ ވަނީ ޖުމްލަ ހަތް ފަހަރު ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައި، ތިން ފަހަރު އެފްއޭއެމްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. ވެލެންސިއާއަށް ކުރިން ކުޅުނު 109 މެޗުން ދަގަނޑޭ ވަނީ 104 ގޯލު ޖަހައިފައެވެ.
ވެލެންސިއާއަށްފަހު ނިއު ރޭޑިއަންޓަށް ބަދަލުވެ، ބުރުނާއީގެ ކްލަބަކަށްވެސް ކުޅުނު ދަގަނޑޭ ވަނީ ވީބީ އައްޑޫ އެފްސީއާއި މާޒިޔާއަށްވެސް ކުޅެފައެވެ. އޭގެ އިތުރުން މެލޭޝިއާގެ ދެވަަނަ ޑިވިޝަންގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑާއެކު އެ ގައުމުގެ ފުރަތަމަ ޑިވިޝަންގައިވެސް ދަގަނޑޭ ކުޅެފައިވެއެވެ. އެންމެފަހުން ދަގަނޑޭ ކުޅެފައިވަނީ ޓީސީ ސްޕޯޓްސް ކްލަބަށާއި ކްލަބު ގްރީން ސްޓްރީޓްސްއަށެވެ.
މިހާތަނަށް ކެރިއަރުގައި 464 ގޯލް ޖަހާފައިވާ ދަގަނޑޭއަކީ ދުނިޔޭގެވެސް އެކްޓިވް ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިންގެ ލިސްޓުގެ ހަވަނައެވެ. ގޯލް ޕާ ގޭމް ރޭޝިއޯއަށް ބަލާއިރު، އޭނާއަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީ ފަދަ ލެޖެންޑަރީ ކުޅުންތެރިންނާއެކު ގުނާލެވޭ ކުޅުންތެރިއެވެ.
ގައުމީ ޖާޒީގައިވެސް ކުޅެފައިވާ 80 މެޗުން 53 ގޯލް ޖަހައި، ދަގަނޑޭއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ފޯވަޑުންނާ އެއް ހަމައެއްގައި ހިމަނައިލެވޭ ކުޅުންތެރިއެކެވެ.
އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ކްލަބް ވެލެންސިއާ އިން ތައްޔާރުވަމުން އަންނައިރު މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމުން އަންނަނީ ވަރުގަދަ ޓްރާންސްފާތަކެއް ކުރަމުންނެވެ. މިހާތަނަށް އެ ކްލަބާ ގުޅުނު މުހިއްމު ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) ހިމެނޭ އިރު، ދެން ގުޅުނު ކުޅުންތެރިންގެ ތެރޭގައި ސްޕެއިންގެ އެކި ލެވެލްތަކުގައި ތަމްރީނު ހަދައި، ހަތަރުވަނަ ޑިވިޝަނުގެ ޔޫޑީ ކެނަލްސްއަށް ކުޅޭ ޒުވާން މިޑްފީލްޑަރު އިސްމާއިލް ޒާން އާމިރު ހިމެނެއެވެ.
ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ