ދަރިވަރުން އިސްވެތިބެ ތައިލޭންޑްގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގައުމުގައި ގާއިމްކުރަން ކަމަށް އެގައުމުގެ ސަރުކާރުން ޓީވީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މި ނިންމުން ނިންމީ ޝާހީ މޮޓޯކޭޑަކަށް ހަމަލާދިނުމަށް މުޒާހަރާގެ ބައެއް ބައިވެރިން މަސައްކަތް ކުރުމާއި ގުޅިގެން ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ. މި މުޒާހަރާތަކުގެ ތެރެއިން މިހާތަނަށް 20 މީހުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި މުޒާހަރާގެ އިސް ލީޑަރުންގެ ތެރެއިން ތިން މީހަކު ވެސް ހައްޔަރުކޮށްފައިވެއެވެ.
ތައިލޭންޑްގެ ދަރިވަރުން އިސްވެ ތިބެ ކުރަމުން އަންނަ މުޒާހަރާތަކުގައި ވަނީ 2014 ވަނަ އަހަރު ބަޤާވާތަކުން ވެރިކަމަށް ވަޑައިގެންނެވި މިހާރުގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. އަދި މި މުޒާހަރާތައް ފުޅާވެ ރަސްގެފާނުގެ ބާރުތައް ވެސް ހަނިކުރުމަށް އަންނަނީ ގޮވާލާމުންނެވެ.
ތައިލޭންޑްގެ ގަޑިން ފަތިހު 04:00 އިން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތަށް އަމަލުކުރަން ވަނީ ފަށާފައެވެ. މި މުޒާހަރާތަކާ ދެކޮޅަށް އެގައުމުގެ މަގުތަކަށް އެތައް ހާސް ފުލުހުންނެއް ވަނީ ނެރެފައެވެ. ހަތަރު މީހުންނަށް ވުރެ ގިނަ މީހުން އެއް ތަނަކަށް އެއް ނުވެވޭ ގޮތަށް ހަދާފައިވާއިރު މީޑިއާގެ ބާރުތައް ވެސް ވަނީ ހަނިކޮށްފައެވެ.
މުޒާހަރާތައް ހުއްޓުވުމަށް ތައިލޭންޑްގެ ކުއްލި ހާލަތު އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ