މެންބަރުން އެދެނީ ނަޝީދު މަގާމުން ވަކިކުރަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް ބޭނުންވާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވެފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާ އެކު ބަދުއަހްލާގީ އަމަލު ހިންގާ މަންޒަރު ދައްކައިދޭ ފޮޓޯތަކެއް ހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާ ރައީސް ނަޝީދާ ދެކޮޅަށް ވާހަކަދައްކަވަމުން ގެންދަވާ ވަގުތެއްގަ އެވެ.
ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ސޯލިހް އަންހެން ކުއްޖަކާ އެކީގައި ބަދު އަހުލާގީ އަމަލު ހިންގި ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ މެމްބަރުން އެދިވަޑައިގަތުމުން ޕީޖީ ގުރޫޕުގެ ޖަލްސާއެއް ބާއްވައިގެން، އެ ޖަލްސާއިން ފާސްވެއްޖެ ނަމަ އެ މައްސަލަ މަޖިލީހަށް ފޮނުވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް މަޖިލީހަށް ގަރާރެއް ހުށަހެޅުމުންނެވެ. ހިނގަމުންދާ މަޖިލީހުގައި ނަމަ ގަރާރު ހުށަހެޅުމަށް މަދުވެގެން 22 މެންބަރުންގެ ސޮއި ބޭނުންވާނެ އެވެ.
މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ ބައެއް މެމްބަރުން ބޭނުންވާ އިރު، މަޖިލިސް އޮތީ ޗުއްޓީގައެވެ. މަޖިލިހުގެ ޖަލްސާތައް އަލުން ފަށާނީ އަންނަ މަހުއެވެ.
ރައީސް ސޯލިހަށް އަމާޒު ކުރައްވައި ނަޝީދު މިހާ ބޮޑު ތުހުމަތެއް ކުރައްވާފައި މިވަނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރު ހައްޔަރުކޮށްފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ