މިލަދޫ ރައްޔިތުން ކިނބޫ ފެނޭތޯ ފާރަޔަށް!

ނ. މިލަދޫ ފަޅުތެރެއިން ކިނބުލެއް ފެނުމާ ގުޅިގެން ރައްޔިތުން އެކަމަށް ސަމާލުވުމަށް މިލަދޫ ކައުންސިލް އިދާރާއިން އެރަށު ރައްޔިތުންނަށް އިލްތިމާސްކޮށްފި އެވެ.
މިލަދޫ ކައުންސިލުން ބުނާ ގޮތުގައި އެރަށު ފަޅުތެރެއިން ކިނބުލެއް ފެނުނީ މިއަދު 5:30 ހާއިރު އަންހެނަކަށެވެ.
"އަންހެން މީހާއަށް ކިނބޫ ފެނުމާ ގުޅިގެން ހަނޭއްލަވާ ގަތް ކަމަށް ވަނީ. ނަމަވެސް ޖެޓީ ސަރަހައްދަށް މީހުން ދިޔައިރު ކިނބޫ ފެންނަން ނެތް ކަމަށްވަނީ،" ކައުންސިލްގެ މުވައްޒަފަކު ބުންޏެވެ.
އޭނާ ބުނީ ކިނބޫ ފެނޭތޯ ރަށުގެ ފަޅުތެރެއާ ގޮނޑުދޮށުގެ އެކި ސަރަހައްދުތައް ރައްޔިތުން ނިކުމެ ބަލަމުންދާ ކަމަށެވެ. އަދި ކިނބޫ ފެނޭތޯ ރަށުގެ ގޮނޑު ދޮށުގެ އެކި ސަރަހައްދުގައި ގުރޫޕް ހަދައިގެން މީހުން ފާރަޔަށް ތިބި ކަމަށްވެސް އޭނާ ބުންޏެވެ.
މިލަދޫ ފަޅުތެރެއިން މިއަދު ކިނބުލެއް ފެނިފައިވާއިރު 2013 ވަނަ އަހަރުގެ އެޕްރީލް މަހު ތެރޭގައިވެސް އެ ރަށު ރައްޔިތުން ވަނީ ފަސް ފޫޓްގެ ދިގު ކިނބުލެއް ހިފާފަ އެވެ.
މިލަދޫ އިން ކިނބުލެއް ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި އެކަން ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުން ކިނބޫ ފެންނަމުންދާއިރު އެއީ އިރުވައި މޫސުމުގެ އޮއިވާލިތަކާ އެކުގައި ރާއްޖެ ސަރަހައްދަށް އަންނަ ކިނބޫތަކެއް ކަމަށް ލަފާކުރެވޭ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ބުނެފަ އެވެ.
މިދިޔަ ހަފްތާގައި ލ. އިސްދޫ ފަޅުތެރެއިން 10 ފޫޓްގެ ކިނބުލެއް ހިފާފައިވާއިރު ހއ. ހޯރަފުށީ ކައިރިންނާއި އެ އަތޮޅު ފިއްލަދޫ ކައިރިން ކިނބުލެއް ފެނުނު ކަމަށް ބުނާތީ ސިފައިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ