ޖީމެއިލް އެކައުންޓް ހެކްކުރީތަ؟ މި ފަސް ކަންތައް ފުރިހަމަ ކޮށްލާ

ބައެއް ފަހަރު އަމިއްލަ އީމެއިލް އެކައުންޓަށް ނުވަދެވިގެން އުޅެން ޖެހޭ ހެއްޔެވެ؟ އަދި މީހަކު އެކައުންޓް ހެކް ކޮށްގެން މުހިންމު މައުލޫމާތުތައް ނަގައިގެން އުޅޭ ޖެހޭ ފަހަރު ވެސް އާދޭ ހެއްޔެވެ؟ މިފަދަ ކަންކަން ދިމާވާނަމަ ތިމާގެ އަމިއްލަ އީމެއިލް އެކައުންޓްތައް ރައްކާތެރި ކުރުމަށް ތިރީގައިވާ ފިޔަވަޅުތައް އެޅުން މުހިންމެވެ. މިއީ ޖީމެއިލް ހެކަރުންގެ ކިބައިން ސަލާމަތްވާނެ ފަސް ގޮތެކެވެ. 1. ޕާސްވޯޑް ރައްކާތެރިކުރުން އަމިއްލައަށް ބޭނުންކުރާ ބައިވަރު އެކައުންޓްތަކަށް އެއް ޕާސްވޯޑެއް ބޭނުން ކުރާ ނަމަ ހެކަރުންނަށް ހިލޭ ފުރުސަތު ދެވުނީ އެވެ. ފޭސްބުކާއި ޓްވިޓާ އާއި އިންސްޓަގްރާމްގައި ވެސް ބޭނުންކުރާ ފަދައިން ހަމަ އެއް ޕާސްވޯޑެއް އީމެއިލް އެކައުންޓްތަކަށް ބޭނުން ނުކުރާށެވެ. ހުރިހާ އެކައުންޓަކަށް ޕާސްވޯޑް ބަދަލުކޮށްލުން މުހިންމެވެ. އެހެން ނޫންނަމަ ކޮންމެވެސް އެއް އެކައުންޓެއްގެ ފާސްވޯޑް އެނގޭ މީހަކު ޖީމެއިލް ވެސް ހެކްކޮށްފާނެ އެވެ. އެހެންކަމުން ޖީމެއިލް ޕާސްވޯޑަށް އެހެން އެކައުންޓްތަކުގައި ބޭނުން ކުރާ ޕާސްވޯޑް ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ހެކަރުން ތިބޭނީ އަބަދުވެސް މި ކަހަލަ ފުރުސަތަކަށް ބަލަބަލަ އެވެ. އަދި އެމީހުންނަށް ހީވާ ޕާސްވޯޑްތައް ޖަހައިގެން އެހެން މީހުންގެ ޖީމެއިލް އެކައުންޓް ހެކް ކުރެވޭތޯ ބަލަމުން ގެންދާނެއެވެ. ހެކަރުންނަށް އެއްވެސް އެއްޗެއްގެ ޕާސްވޯޑް އަތުޖެހިއްޖެ ނަމަ ދެން ޖީމެއިލް އެކައުންޓް ވެސް ހެކް ކޮށްލާނެ އެވެ. 2. އޮތެންޓިކޭޝަނަށް ދެ ގޮތެއް ހިޔާރު ކުރުން އެއްވެސް އެކައުންޓެއް ހެކްކުރަން އުޅެދާނެ ކަމަށް ބަލައިގެން އަބަދުވެސް ޕާސްވޯޑް ރަނގަޅުކަން ކަށަވަރު ކުރުމަށް ދެ ގޮތެއް ހިޔާރު ކުރާށެވެ. އެ ދެ ގޮތް ފުރިހަމަ ނުކޮށް ފާސްވޯޑް ޖެހިއަސް ޖީމެއިލް އަށް ނުވަދެވޭ ގޮތް ހަދާށެވެ. އެގޮތުން އީމެއިލް ޕާސްވޯޑާއި، ޔޫޒާ ނޭމް ޖަހައިގެން އަދި އިތުރަށް ވެރިފައިކުރާނެ ގޮތެއް ހިޔާރު ކުރެވިދާނެ އެވެ. އެހެންކަމުން ޕާސްވޯޑް ޖެހުމަށް ފަހު އިތުރު މައުލޫމާތު ފުރިހަމަކޮށްގެން ނޫނީ ލޮގިން ނުވެވޭ ގޮތް ހަދާށެވެ. މިސާލަކަށް ޖީމެއިލް އެކައުންޓެއް ހުޅުވާއިރު ފުރިހަމަ ކުރަން ޖެހޭ ހުރިހާ ބައެއް ފުރިހަމަ ކޮށްލާށެވެ. އެކައުންޓް ހުޅުވިއިރު 'ފޭވަރިޓް ޕެޓް، ނުވަތަ ޗައިލްޑްހުޑް ފްރެންޑް' ފަދަ މައުލޫމާތު ހިމަނަމެއްނުން ހެއްޔެވެ؟ އެ މައުލޫމާތު ހިއްސާކޮށްގެން ނޫނީ ޖީމެއިލް ފާސްވޯޑް ޖެހިއަސް އެކައުންޓަށް ނުވަދެވޭ ގޮތަށް ހަދާށެވެ. ނުވަތަ އަމިއްލަ މޯބައިލް ނަމްބަރަށް އޮތެންޓިކޭޝަން ކޯޑެއް ލިބޭ ގޮތަށް ޖީމެއިލް އެކްޓިވޭޓް ކުރާށެވެ. އޭރުން ޖީމެއިލް ޕާސްވޯޑް ހެކަރުންގެ އަތްދަށުން ސަލާމަތް ކުރެވޭނެ އެވެ. ހެކަރުން ކިތަންމެ މަސައްކަތެއް ކުރިޔަސް އެ އޮތެންޓިކޭޝަން ނަމްބަރު ނޭނގޭނަމަ ޖީމެއިލް އެކައުންޓެއް ހެކެއް ނުކުރެވޭނެ އެވެ. އަބަދުވެސް އޮތެންޓިކޭޝަނަށް ދެ ގޮތެއް ހިޔާރު ކުރުން މުހިންމީ މި ސަބަބަށްޓަކަ އެވެ. 3. ގޮތް ނޭނގޭ އީމެއިލްތައް ނުހުޅުވުން ވަރަށް ބައިވަރު ޖަންކް މެއިލް ލިބޭއިރު އޭގެ ތެރޭގައި ކާކުކަން ނޭނގޭ ގޮތަށް ފޮނުވާފައި ހުންނަ ބޭކާރު އީމެއިލްތައް ނުހުޅުވާށެވެ. ހެކަރުން އަބަދުވެސް މާ ސްމާޓްވާނެ އެވެ. ބޭކާރު އީމެއިލްއެއް ފޮނުވައިގެން އެ އީމެއިލް ހުޅުވައިފިނަމަ ޖީމެއިލް އެކައުންޓްގެ ވެރިފަރާތުގެ ހުރިހާ ސިއްރު މައުލޫމާތެއް ހެކަރުންނަށް ހޯދޭނެ އެވެ. ހެކަރުން އަބަދުވެސް ޖީމެއިލަށް ލިންކްތައް ފޮނުވައިގެން އެހެން މީހުންގެ އެކައުންޓްތައް ހެކް ކުރަން މަސައްކަތް ކުރާނެ އެވެ. އެހެންކަމުން ސަމާލުވެ ތިބެންވީ ގޮތް ނޭނގޭ އީމެއިލެއް ލިބިއްޖެނަމަ ނުވަތަ ނުދަންނަ މީހަކު ލިންކެއް ފޮނުވައިފިނަމަ އެ ލިންކަށް ނުފިތުމަށެވެ. އަދި އެ މެއިލެއް ވެސް ނުހުޅުވުމަށެވެ. އެފަދަ މެއިލެއް ލިބިއްޖެނަމަ އޮޓޮމެޓިކުން "ސްޕޭމް" އަށް ދާ ގޮތް އިހްތިޔާރު ކޮށްފައި ބާއްވާށެވެ. 4. އީމެއިލް ސެޓިންގްސް ޗެކްކޮށްލާ ހެކަރުން ބައެއް ފަހަރަށް ސެޓިންގްސް ބަދަލުކޮށްގެން އެހެން އެކައުންޓްތަކަށް ތިމާގެ އަމިއްލަ ޖީމެއިލް އެކައުންޓަށް އަންނަ މެއިލްތައް ލިބޭ ގޮތަށް، ފޯވަޑް ކޮށްފައި ހުރެދާނެ އެވެ. އެހެންކަމުން އީމެއިލް ސެޓިންގްސް ހުޅުވުމަށް ފަހު "މެއިލް ފޯވަޑިން ސެޓިންގްސް" އަށް ގޮސް އެހެން މީހެއްގެ އީމެއިލް އެޑްރެސްއެއް ޖަހާފައިވޭތޯ ޗެކް ކުރާށެވެ. އަދި ހެކަރުންގެ "ސްޕޭމީ ސިގްނޭޗާ" ހިމަނާފައިވޭތޯ ބަލާށެވެ. އެއްވެސް އާދަޔާ ހިލާފު ކަމެއް އުޅޭ ނަމަ ސެޓިންގްސް އިތުރަށް ޗެކް ކުރާށެވެ. އެއްވެސް މައްސަލައެއް ނެތްކަން ކަށަވަރު ކުރުމަށް ފަހު ގަވާއިދުން ކޮންމެ މަހަކު ވެސް ސެޓިންގްސް ބަދަލުކޮށްލުން ރަނގަޅުވާނެއެވެ. ރިކަވަރީ އީމެއިލް އެޑްރެސްއެއް ޖަހާނަމަ އެ އެކައުންޓަށް ވެސް ދޭތެރެ ދޭތެރެއިން ވަދެލުން މުހިންމެވެ. ނޫންނަމަ ރިކަވަރީ އީމެއިލް ވެސް ހެކް ކޮށްފާނެ އެވެ. 5. ކޮމްޕިއުޓަރު/ލެޕްޓޮޕް ސްކޭން ކުރުން އެއްވެސް ވައިރަހެއް ކޮމްޕިއުޓަރުގައި ހުންނަ ނަމަ އަވަހަށް ވައިރަސް ފިލުވާލާށެވެ. ވައިރަހެއް ނެތް ކަމަށް ހީވިޔަސް ކޮމްޕިއުޓަރު ގަވާއިދު ޗެކްކުރަންވާނެ އެވެ. ނޭނގި ނަމަވެސް ވައިރަސް އަރާފައިވާ ކޮމްޕިއުޓަރެއް ނުވަތަ ލެޕްޓޮޕެއް ނަމަ ބޭނުންވާ މައުލޫމާތެއް އެކައުންޓްގެ ވެރިފަރާތަށް ނޭނގޭ ގޮތަށް ހެކަރުން ވައިރަސް ބޭނުން ކޮށްގެން ވެސް ހޯދާނެ އެވެ. ހެކަރުން ފޮނުވާ ވައިރަސްތަކުން ތިމާގެ އަމިއްލަ ކަންކަމަށާއި ފޮރުވައިގެން ގެންގުޅޭ މައުލޫމާތަށް ވެސް ފާރަލަމުން ގެންދާނެ އެވެ. ސަމާލުކަންދޭންވީ ސައިބަ ކެފޭތަކުންނާއި، އެއާޕޯޓް ޓާމިނަލްތަކުންނާއި، ހޮޓެލް ލައުންޖްތަކުގައި އެ ހުންނަ ފަދަ ގިނަ މީހުން ބޭނުން ކުރާ ކޮމްޕިއުޓަރުތަކުން އަމިއްލަ ޖީމެއިލް އެކައުންޓަށް ވަންނަ ނަމަ އަބަދުވެސް ލޮގް އައުޓް ނުވަތަ ސައިން އައުޓް ވެވުނުކަން ޔަގީން ކުރުމަށެވެ. އަދި ޕޮޕްއަޕް ވިންޑޯތަކުގައި (ކުއްލިއަކަށް ހުޅުވޭ ސައިޓްތައް) ބްލިންކްވާ ލިންކްތަކަށް ފިއްތާ ނުލާ ދޫކޮށްލުން ވެސް މުހިންމެވެ. މި ފަދަ ލިންކަކުން ވެސް ހެކަރުން ބޭނުންވާ މައުލޫމާތެއް ހޯދަން ނުވަތަ ޖީމެއިލް ހެކްކުރަން ފަސޭހަވާނެ އެވެ. މި ފަސް ކަންތައް ފުރިހަމަ ކޮށްލުމަށް ފަހު ހެކް ކުރާ މީހުންނަށް ތިމާގެ އެކައުންޓާ ނުކުޅެވޭނެ ކަން ކަށަވަރު ކުރުން މުހިންމެވެ. ޖީމެއިލް އާއި ފޭސްބުކާއި ޕޭޕަލް ފަދަ ސައިޓްތަކަށް އަމިއްލަ މީހާގެ މުހިންމު މައުލޫމާތުތައް ދޭ އިރު އެއިން އެއްވެސް އެއްޗަކީ ޕްރައިވެޓް ނުވަތަ ސިއްރު މައުލޫމާތަކަށް ނުވާނެ ކަމަށް ބަލާށެވެ. އެއް ގޮތުން ނުވިއްޔާ އަނެއްގޮތުން ވެސް ހެކަރުން އެފަދަ މުހިންމު ޕާސަނަލް މައުލޫމާތު އެއްކުރާނެ އެވެ. އަދި ފުރުސަތަކަށް ބަލަބަލާ ތިބޭ އިރު ކިރިޔާ ވެސް ޖާގައެއް ދީފި ނަމަ ޖީމެއިލް އެކައުންޓް ވެސް ހެކްކޮށްލަފާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ