ދަށު ކޯޓުތަކުގެ ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުވާން ބޭނުން ނަމަ ސުޕްރީމް ކޯޓުގައި އެދެންޖެހޭ ގޮތަށް ހަދައިފި
ދަށު ކޯޓުތަކުގެ ފަނޑިޔާރުން އަމިއްލައަށް އެދިގެން އެހެން ކޯޓަކަށް ބަދަލުވާން ބޭނުންވާ ނަމަ އެކަމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ގޮތަށް ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލު ކުރުމާ ބެހޭ އުސޫލެއް ސުޕްރީމް ކޯޓުން އާންމުކޮށްފި އެވެ. ސުޕްރީމް ކޯޓުން މިއަދު އާންމުކޮށްފައިވާ އުސޫލު ބުނާގޮތުން ދަށު ކޯޓުތަކުގެ ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުވާން ބޭނުންވާ ނަމަ އެކަމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެކަމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުންނެވެ. އެގޮތަށް އެ ކޯޓުން ނިންމުމުން އެ ފަނޑިޔާރަކު އެދޭ ކޯޓަކަށް ބަދަލުކުރާނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަމަށް އެ އުސޫލުގައިވެ އެވެ. އެ އުސޫލު ބުނާގޮތުން އެ އުސޫލުގެ ދަށުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލު ކުރެވޭނީ އެ ފަނޑިޔާރަކު ކުރިން ހުރި ކޯޓުގައި މަދުވެގެން ދެ އަހަރު ވަންދެން މަސައްކަތްކޮށްފައިވާ ނަމަ އެވެ. އަދި ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރަން ނިންމައިފި ނަމަ އެ ފަނޑިޔާރަކު ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ހުކުމްކުރާ ހިސާބުގައި ހުރި މައްސަލަތައް ނިންމަން އެކަށީގެންވާ މުއްދަތެއް ދޭންޖެހޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ. އެ އުސޫލު ބުނާގޮތުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލު ކުރުމުގައި ސުޕްރީމް ކޯޓުން ބައެއް ކަންކަމަށް ބަލަންޖެހެ އެވެ. އެގޮތުން އެ ފަނޑިޔާރެއްގެ މަސައްކަތުގެ ފެންވަރާއި އެ ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓަކަށް ނުވަތަ އެ ޖުޑިޝަލް ދާއިރާއަކަށް ނުވަތަ ބަދަލުވާން އެދިފައިވާ ކޯޓަކަށް ނުވަތަ އެ ޖުޑިޝަލް ދާއިރާއަކަށް ވޭތުވެދިޔަ ދެ އަހަރު ހުށަހެޅިފައިވާ މައްސަލަތަކުގެ ނިސްބަތް އިތުރުވެފައިވާ މިންވަރަށް ބަލަންޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި އެ ފަނޑިޔާރަކު ބަދަލުވާން އެދިފައިވާ ކޯޓު ނުވަތަ ޖުޑިޝަލް ދާއިރާގައި ނުވަތަ އެ ފަނޑިޔާރަކު މިހާރު މަސައްކަތް ކުރާ ކޯޓުގައި ނުވަތަ ޖުޑިޝަލް ދާއިރާގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދަށް ވެސް ބަލަންޖެހެ އެވެ. މީގެ އިތުރުން އެ ފަނޑިޔާރަކު މިހާރު މަސައްކަތް ކުރާ ކޯޓު ނުވަތަ ޖުޑިޝަލް ދާއިރާގައި ތިބި ފަނޑިޔާރުންގެ އަދަދާއި އެ ފަނޑިޔާރު ބަދަލުވާން އެދޭ ކޯޓު ނުވަތަ ޖުޑިޝަލް ދާއިރާގައި ތިބި ފަނޑިޔާރުންގެ އަދަދަށް ވެސް ބަލަންޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ބަދަލުވާން އެދިފައިވާ ކޯޓު ހުރި ރަށުގެ އާބާދީއަކީ މިހާރު އެ ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓު ހުރި ރަށުގެ އާބާދީއަށް ވުރެ ބޮޑު އާބާދީއެއް އޮތް ތަނެއްތޯ ވެސް ސުޕްރީމް ކޯޓުން ރިއާޔަތްކުރާނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ. އެ އުސޫލު ބުނާގޮތުން ފަނޑިޔާރަކު ބަދަލުކުރަން ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ހުށަހަޅާއިރު ވެސް ބައެއް ކަންކަމަށް ސުޕްރީމް ކޯޓުން ބަލާނެ އެވެ. އެގޮތުން ތައުލީމާއި ތަޖްރިބާއަށާއި އެ ފަނޑިޔާރެއްގެ ތައުލީމާއި ތަޖްރިބާއަށް ބަލާއިރު އެހެން ކޯޓަކަށް އެ ފަނޑިޔާރެއްގެ ބޭނުންވާ ފެންނަ ނަމަ އެއީ އެ ފަނޑިޔާރަކު އެ އުސޫލުގެ ދަށުން ބަދަލުކުރަންޖެހޭ ކަމެއްކަން އެ ކޯޓުން ކަށަވަރު ކުރާނެ އެވެ. އަދި އެއް ކޯޓެއްގައި މާ ދިގު މުއްދަތަކަށް މަސައްކަތް ކުރުމުންނާއި ކޯޓުތަކާއި ފަނޑިޔާރުންގެ އިތުބާރު ދެމެހެއްޓުމަށް އެ ފަނޑިޔާރަކު އެހެން ކޯޓަކަށް އެ އުސޫލުގެ ދަށުން ބަދަލުކުރަންޖެހޭތޯ ސުޕްރީމް ކޯޓުން ބަލާނެ ކަމަށް ވެސް އުސޫލުގައިވެ އެވެ. އެ އުސޫލު އާންމުކޮށްފައިވާއިރު ދަށު ކޯޓުތަކުގެ ބައެއް ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުކުރަން ޖޭއެސްސީން ކުރިން ނިންމުމުން އެ ނިންމުމަށް އަމަލު ނުކުރަން ސުޕްރީމް ކޯޓުން އޭރު ވަނީ އަންގައިފަ އެވެ. ދަށު ކޯޓުތަކުގެ ގޮތުގައި ހިމެނެނީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓުގެ އިތުރުން ޑްރަގް ކޯޓު އަދި އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ