ގާސިމް މަރުވުމުގައި ފުލުހުންގެ އިހުމާލެއް ނެތް: ކޮމިޝަނަރު
ފޯނެއް ފޭރިގަނެގެން ދިޔަ ބަޔަކު ފިލަން ދުއްވި ސައިކަލަޖުން ޖެހި މިދިޔަ އަހަރުގެ އޯގަސްޓް 17 ވަނަ ދުވަހު ޖަސްޓިސް ބިންޑިންގް ކައިރީގައި ހިނގި އެކްސިޑެންޓުގައި އަބްދުﷲ ގާސިމް އިބްރާހީމް މަރުވީ ފުލުހުންގެ އިހުމާލުން ނޫން ކަމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ބުރާސްފަތިދުވަހު ވިދާޅުވެއްޖެ އެވެ. ސ. ހިތަދޫ ރަތްފުސްގޭ ގާސިމް، ،43 މަރުވީ ފިލަން ދުއްވަން މަސައްކަތްކުރި ސައިކަލް ހުއްޓުވަން ފުލުހުން މުގުރުބުރި ހޫރާލި ވަގުތު ސައިކަލް ވިއްސައިގެން ގޮސް، ޖަސްޓިސް ބިލްޑިންގް ކައިރީގައި މަޑުކޮށްގެން ހުރި ގާސިމްގެ ސައިކަލުގައި ޖެހިގެންކަން އާންމުވި ވީޑިއޯއަކުން އެނގެ އެވެ. ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް އެމްޑީޕީގެ ތިން މެމްބަރަކު ހުށަހެޅުއްވި މައްސަލާގައި ޖަވާބުދާރީވަމުން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ފިލަން ދުއްވި ސައިކަލްގައި ތިބި ދެ މީހުން ހުއްޓުވުމަށްޓަކައި ކޮންސްޓަބަލް މޫސާ ޝާމިލް މުގުރު ބޭނުންކުރީ، އެބޭނުންކުރަން ޖެހޭ ގޮތުގެ ގަވާއިދާ އެއްގޮތަށް ކަމަށް ޕޮލިސް ސްޓޭންޑާޑްސް ކޮމާންޑުން ކުރި ތަހުގީގުން އެނގޭ ކަމަށެވެ. ރިޔާޒް ވިދާޅުވި ގޮތުގައި ޝާމިލް ވަނީ މިދިޔަ އަހަރުގެ މާޗް 24- 26 އަށް ޕޮލިސް އެކަޑެމީން ބޭއްވި، މުގުރު ބޭނުންކުރުމާ ބެހޭ ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ. އަދި އޭނާ މުގުރު ބޭނުންކުރީ ކަނޑައެޅިފައިވާ ގަވާއިދުގެ ތެރެއިން ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ. ޝާމިލްގެ މުދައްރިބުގެ ސެޓްފިކެޓާ ހަވާލާ ދެއްވައި ރިޔާޒް ވިދާޅުވީ އޭނާ އަކީ މުގުރު ބޭނުންކުރާ ގޮތުގެ ޓްރޭނިން އެންމެ މަތީ ދަރަޖާގައި ފުރިހަމަކޮށްފައިވާ ފުލުހެއް ކަމަށެވެ. ކޮމިޝަނަރު ވިދާޅުވި ގޮތުގައި ސައިކަލްގައި ފިލަން ދުއްވި ދެ މީހުން ހުއްޓުވަން ޖަސްޓިސް ބިލްޑިންގް ކައިރީގައި ތިބި ދެ ފުލުހުން ހަރަކާތްތެރިވި ގޮތުގެ ވީޑިއޯ އާންމުވީ ފުލުހުންގެ ތެރެއިން ކަމަށް މިހާތަނަށް އެނގިފައިވާ ކަމަށެވެ. އަދި ފުލުހުންގެ ސިސްޓަމް ތެރެއިން އެ ވީޑިއޯ ލީކްވި މައްސަލަ ވަކި ކަމެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވީޑިއޯ ލީކްކުރި މީހަކު ހޯދައި ގާނޫނީ އިމުގެ ތެރެއިން އަމަލު ކުރާނެ ކަމަށެވެ. ކޮމިޝަނަރު ވިދާޅުވި ގޮތުގައި ފިލަން ދުއްވީ އޯގަސްޓް 17 ވަނަ ދުވަހު ވަގަށް ނަގާފައިވާ ސައިކަލެކެވެ. އަދި ސައިކަލް ވަގަށް ނަގައިގެން އުޅޭކަން އެ ދުވަހުގެ ހެނދުނު 30: 10 ގައި ފުލުހުންނަށް އެނގުމާ އެކު އެ ސައިކަލް ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ފެށި ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. އެ ސައިކަލްގެ ފަހަތުގައި އިނީ ވީޓީވީގައި ރޯކުރި މައްސަލައެއްގައި ގޭ ބަންދުކޮށްފައި ހުރި މީހެއް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. ކޮމިޝަނަރު ވިދާޅުވީ އެ ސައިކަލް ޖަސްޓިސް ބިލްޑިން ކައިރިން ހުއްޓުވުމުގެ ކުރިން ވަނީ ފުލުހެއްގެ ފައި މައްޗަށް ވެސް އަރުވާފައި ކަމަށެވެ. އަދި އެކަން ކުރި ގޮތުގެ ވީޑިއޯ ވެސް ފުލުހުންގެ އަތުގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. "މަޑުކުރަން ތަކުރާރުކޮށް ފުލުހުން ބުނުމުން ވެސް މަޑުނުކޮށް ދިޔަ ސައިކަލެއް މި ސައިކަލަކީ. މި ސައިކަލަކީ ވެސް ވަގަށް ނަގައިގެން ދިޔަ ސައިކަލެއް. މި ސައިކަލް ދުއްވަން ތިބި މީހުންނަކީ މީހެއްގެ ފޯނު ފޭރިގަނެގެން ދިޔަ ބައެއް. ސައިކަލް ފަހަތުގައި ހުރި އެކަކީ ޖިނާއީ ބޮޑު މައްސަލައެއްގައި ގޭ ބަންދުކޮށްފައި ބަހައްޓާފައި ހުރި މީހެއް. ގޭ ބަންދުން ނުކުމެގެން ގޮސްފައި ހުރީ،" ރިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިފަދަ ހާލަތެއްގައި އިތުރު އިންޒާރަކާ ނުލައި ވެސް މީހުން މަޑުކުރުވުމުގެ ބާރު ފުލުހުންނަށް އޮންނާނެ ކަމަށެވެ. ފިލަން ދުއްވި ސައިކަލްގައި ތިބި މީހުންގެ ގައިގައި ފުލުހުން މުގުރުން ވަރަށް ބާރަށް ޖަހާތަން ފެންނަ ކަމަށް ބައެއް މެމްބަރުން ފާހަގަކުރެއްވުމުން ކޮމިޝަނަރު ވިދާޅުވީ އެކަން އެނގޭނީ ފޮރެންސިކް ރިޕޯޓުން ކަމަށެވެ. "މުގުރުން އަނިޔާވި ކަމަށް ބުނާ މީހާގެ ގައިގައި ]މުގުރުން[ ޖެހިދާނެ ކަމުގެ ކިހާވަރެއްގެ ޗާންސެއްތޯ އިނީ އަޅުގަނޑަށް ހީވަނީ ހަމަ ލޮލުން ބައްލަވާލެއްވީމާ ވެސް އެނގިވަޑައިގަންނަވާނެހެން،" ރިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސައިކަލް ހުއްޓުވަން ފުލުސް މީހާ މަގު މެދަށް ނުކުތީ ދިރިއުޅުން ރިސްކެއްގެ ތެރޭގައި ބާއްވައިގެން ކަމަށެވެ. އެހެންވެ އެ ފުލުސް މީހާ އަށް ސެލިއުޓް ކުރައްވާނެ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. "އެކަމަކު އެއްވެސް މީހެއްގެ ފުރާނަ ގެއްލުން އެއީ އަޅުގަނޑުމެން އެކަމާ ވަރަށް ހިތާމަކުރާ ކަމެއް. ވަރަށް ކަންބޮޑުވާ ކަމެއް. ފުލުސް މީހާ އެކުރީ ގާނޫނު ތަންފީޒުކުރުން. މި ވީޑިއޯ ރަނގަޅަށް ބައްލަވާލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ އެ ފުލުސް މީހާއަކަށް ނޭނގޭ ފަހަތުގައި މީހަކު [ގާސިމް[ ހުރި ތަނެއް. އެ މަންޒަރެއް ނުފެނޭ. އެ ސައިކަލުން އަންނަކަން ރޭޑިއޯ އިން ހުރިހާ އެންމެންނަށް އެންގީމާ ޑިއުޓީގައި އެތަނުގައި ހުރި ފުލުހަކު އެ ކޮންޓްރޯލް ކުރަން އެ ނުކުތީ އޭނާގެ ލައިފް ރިސްކް ކޮށްފައި. ފަހަތުން އެހެން މީހަކު ބަލަން ހުންނާނެ ކަމެއް ފުލުސް މީހާ އަށް ނުވެސް އެނގޭ. އެ ވީޑިއޯ އިން އަޅުގަނޑުމެންނަށް އެބަ އެނަލައިސް ކުރެވޭ އޭނާ އަށް ނޭނގޭކަން. އެހެން ނޫން ނަމަ އެތަނުގައި މީހަކު ބަލަން ހުއްޓަސް ދުރަށް ދާން ވެސް އެންގޭނެ،" ރިޔާޒް ވިދާޅުވި އެވެ. ކޮމިޝަނަރު ވިދާޅުވީ ފިލަން ސައިކަލް ދުއްވި މީހުންގެ މައްސަލައިގެ އިތުރުން ގާސިމް މަރުވި މައްސަލަ ވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުއްވާފައިވާނެ ކަމަށެވެ. އަދި ސައިކަލްގެ ފަހަތުން އައި ފުލުހުންގެ އިތުރުން ސައިކަލް ހުއްޓުވަން ހަރަކާތްތެރިވި ފުލުސް މީހާގެ ބަޔާން ވެސް ޕީޖީ އަށް ފޮނުއްވާފައިވާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ ފުލުހުން އިހުމާލުވާ ނަމަ ދައުވާ ކުރުމުގެ ބާރު ޕީޖީ އަށް ވެސް އޮންނާނެ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. ގާސިމްގެ އާއިލާއާ އެއްވެސް މުއާމަލާތެއް ފުލުހުންނާ ދެމެދު ނެތް ކަމަށް އާއިލާ އިން ބުނާ ކަމަށް މެމްބަރުން ވިދާޅުވުމުން ކޮމިޝަނަރު ވިދާޅުވީ ގާސިމްގެ ވާރިސް ކަމުގައިވާ އޭނާގެ ދަރިފުޅު ގައިސް ގާސިމް ، ،18 ގެ ބަޔާން ވެސް ނަގައި ޕީޖީ އަށް ފޮނުވާފައިވާ ކަމަށެވެ. އަދި ގާސިމްގެ ވާރިސް ބޭނުންވަނީ މަރަށް މަރުތޯ ވެސް ބަލާފައިވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ. "ފުލުހަކު އޭގެ ތެރޭގައި އިހުމާލުވާ ނަމަ އެ ފުލުސް މީހާ އެކަމާ އިހުމާލުވާން ޖެހޭނީ ޝަރީއަތުގައި،" ކޮމިޝަނަރު ވިދާޅުވި އެވެ. ރިޔާޒް ވިދާޅުވި ގޮތުގައި ތަހުގީގު ހިނގަމުން ދިޔައިރު ވެސް، ގާސިމްގެ ހުވަފަތް އަނބިކަނބަލުންނަށް، ތަހުގީގުގެ ޕްރޮސެސް ދިޔައީ ފުލުހުން ކިޔައި ދެމުންނެވެ. ގާސިމް މަރުވި އެކްސިޑެންޓްގެ ވީޑިއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ