އީރާނަށް ވަޑައިގަތުމުގެ ހުއްދަ ނުލިބުމުން ޑރ. ޝަހީދު ފްރާންސާއި ޖަރުމަން އަދި ބެލްޖިއަމްގައި އެކްޓިވިސްޓުންނާ ބައްދަލުކުރައްވަނީ
އީރާންގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބެލުމަށް އދ. އިން ކަނޑައަޅާފައިވާ ހާއްސަ ރެޕަޓުއާ ޑރ. އަހްމަދު ޝަހީދަށް އީރާނަށް ވަޑައިގަތުމުގެ ހުއްދަ އެ ގައުމުން ނުދިނުމުން އީރާންގެ އެކްޓިވިސްޓުންނާ އެކު ފްރާންސާއި ޖަރުމަން އަދި ބެލްޖިއަމްގައި ބައްދަލުކުރެއްވުމަށް ހަމަޖައްސަވައިފި އެވެ. ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޝަހީދު ފްރާންސާއި ޖަރުމަން އަދި ބެލްޖިއަމްގައި އުޅޭ އީރާން މީހުންނާ ބައްދަލުކުރައްވާނީ ފެކްޓް ފައިންޑިން މިޝަނެއްގައި މިއަދުން ފެށިގެން ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގަ އެވެ. "އީރާނަށް އެރުމުގެ ހުއްދަ ލިބުނު ނަމަ އެ ގައުމުގެ ހާލަތު މާ ރަނގަޅަށް ދެނެގަނެވުނީސް،" ޝަހީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ. ބަޔާނުގައި ޝަހީދު ވިދާޅުވީ އީރާނަށް ވަޑައިގަތުމުގެ ހުއްދަ ލިބިފައި ނުވާތީ، އީރާންގެ އިންސާނީ ހައްގުތަކުގެ މައްސަލަތަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދަވާނީ ގައުމުން ބޭރުގައި އުޅޭ، އީރާންގައި އަނިޔާ ލިބިފައިވާ ކަމަށް ބުނާ މީހުންނާއި އީރާންގެ އެކި ޖަމިއްޔާތައް މެދުވެރިކޮށްގެން ކަމަށެވެ. އީރާންގެ އިންސާނީ ހައްގުތަކުގެ ހާލަތު ބެލުމުގެ މަސައްކަތް ޖޫން މަހު ޝަހީދާ ހަވާލުކޮށްފައި ވާއިރު އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރިޕޯޓް ހުށަހަޅަން ޖެހެ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ