ސިޔާސީ ހަލަބޮލިކަން ބަޣާވާތުގެ އޮއިވަރެއްގެ ގޮތުގައި ރައީސް ސިފަކުރައްވައިފި

ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހަލަބޮލިކަމަކީ ބަޣާވާތެއްގެ އޮއިވަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް ސިފަކުރައްވައިފި އެވެ. ސިފައިންގެ ހިދުމަތަށް 123 އަހަރު ފުރުން ފާހަގަ ކުރުމަށް ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަމިއްލަ ކަންތައްތައް ގައުމަށް ވުރެ ކުރިއަށް ނެރުމުގެ ކަންތައްތައް ރާއްޖޭގެ ކައިރި މާޒީން ފެންނަން އެބަ އޮތް ކަމަށެވެ. ރާއްޖޭގައި ކުރިން ކޮށްފައިވާ ދެ ބަޣާވާތެއްގެ ވާހަކަ ވިދާޅުވުމަށް ފަހު ދެން ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް އޮތީ އެފަދަ އޮއިވަރެއް ކަމަށެވެ. " ...މާދުރު މާޒީއަކުނޫން ގޯދީ ރާޖާގެ މިސާލު އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ. އަދި އެއަށް ވުރެން ކައިރިން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ 88 ގެ [1988 ވަނަ އަހަރުގެ] ނޮވެމްބަރުގެ އުދުވާން. މިއިން ކޮންމެ ހާލަތެއްގައި ވެސް ދިވެހިރާއްޖޭގެ އަމިއްލަ އިސްނެގުން ކުރިއަށްލާ ، ގައުމީ މަސްލަހަތު އޭގެ ފަހަތަށް ގެންނަން މަސައްކަތް ކުރި ފިލާވަޅުތަކެއް އަޅުގަނޑުމެންނަށް ނަގައިދީފައި މި ވަނީ. އަޅުގަނޑުމެންނަށް މިއަދު މިދިމާވާ ކަންކަމަށް ބަލާ ކަމަށް ވަންޏާ ދިވެހިރާއްޖޭގައި މިހާރު ވެސް މި އުޅެނީ އެކަހަލަ އޮއިވަރުތަކެއް،" ރައީސް ވިދާޅުވި އެވެ. ގާނޫނީ ސަރުކާރަކުން ގާނޫނީ މަސްއޫލިއްޔަތު އަދާކުރަމުން ދަނިކޮށް ގާނޫނުން ބޭރުން ހުރަސް އެޅުމަކީ އެފަދަ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ދެން ވިދާޅުވީ ދިވެހި ސިފައިން ސާބިތުވާން ޖެހޭނީ ސިފައިންގެ ހުވާގެ މަތީގައި ކަމަށެވެ. ދިވެހި ސިފައިންނާއި ދިވެހި ކޮންމެ ރައްޔިތަކަށް މުހިއްމުވާން ވާނީ ގައުމުގެ ހަމަޖެހުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ޔާމީން ވާހަކަފުޅު ދެއްކެވުމުގެ ކުރިން އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވީ ގޯދީ ރާޖާގެ ހަނގުރާމައާ ކުރިމަތިވި ހިނދު ދިވެހި ސިފައިން އެ ހަނގުރާމަ ކާމިޔާބު ކުރި ކަމަށެވެ. އަދި އޭގެ ފަހުން އެފަދަ ކަމެއް ކުރިމަތިވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގައި ކަމަށާއި އެ ދުވަހު ވެސް ސިފައިންގެ ގާބިލުކަމާއި ލިބިފައި ހުރި ތަމްރީނު ފުރިހަމައަށް ބޭނުން ކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "...އަދި ކުރިއަށް އޮތް ތަނުގައި ވެސް ދެމިތިބޭނީ މިގައުމުގެ ސަލާމަތުގައި. އަޅުގަނޑުމެން ކޮށްފައި އޮތް ހުވަޔަށް އަޅުގަނޑުމެން ދެކޮޅެއް ނުހަދާނަން،" ޖެނެރަލް ޝިޔާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ