ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި މަކަރުހެދުމުގެ ފުރުސަތެއް މިފަހަރު ނުދޭނެ ކަމަށާއި ޕްރައިމަރީ ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އެބަ އޮތް ކަމަށް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން، ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު އުމަރު ވަނީ އިއުލާންކުރައްވައިފަ އެވެ. އަދި ޕްރައިމަރީއަކާ ނުލައި، ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދޭން ޕީޕީއެމް ކައުންސިލްގެ ގިނަ އަދަދެއްގެ މެމްބަރުން ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެންނެވުމުން އެކަމާ އުމަރު ވަނީ، މިނިސްޓަރަކަށް ހުންނެވި އިރު ވެސް، ދެކޮޅު ހައްދަވައިފަ އެވެ.
އިއްޔެ އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕްރައިމަރީގައި އޭނާ އަށް ތާއީދުކޮށްދޭން އެދި ޕީޕީއެމްގެ މެމްބަރުންނަށް އެސްއެމްއެސް ފޮނުއްވާފައިވާ ކަމަށެވެ. އެ މެސެޖްގައި އޮތީ "ޕީޕީއެމް ޕްރައިމަރީ 2018 ގައި އުމަރު ނަސީރު އަށް ތާއީދުކޮށްދެއްވާ. ގައުމަށް ބޭނުމީ ތެދުވެރިއެއް. ބޭނުމީ އުމަރު،" މިހެންނެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބުކުރެއްވުމުން، ޕާޓީ ތެރޭގައި އުމަރަށް އޮތް ތާއީދު ކުޑަވެގެންދާނެ ކަމަށެވެ. ނަމަވެސް އޭނާ އަށް ތާއިދުކުރި މެމްބަރުންގެ ސަޕޯޓު ބޭސް އަދިވެސް ވަރަށް ވަރުގަދަ ކަމަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޕީޕީއެމްގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ 30،000 މެމްބަރުންނަށް ވެސް މެސެޖު ފޮނުއްވާފައިވާނެ ކަމަަށެވެ. އަދި އެކަހަލަ މެސެޖް ފޮނުވަން އިއުތިރާޒުކުރީ ފަންސާހަށް ވުރެ މަދު ބައެއް ކަމަށް އުމަރު ވިދާޅުވި އެވެ.
"ތިރީސް ހާސް މީހުންނަށް މެސެޖުކުރިއިރު 50 އަށް ވުރެ މަދު މީހުން ނެގެޓިވްވީ. އެއީ ވަރަށް ހާޑްކޯ މީހުން. އެތައް ބަޔަކަށް މެސެޖުކުރި އިރު އެ މެމްބަރުން އަދިވެސް އެ ތިއްބެވީ އަޅުގަނޑާ އެކު،" އުމަރު ވިދާޅުވި އެވެ.
Today I requested all PPM members via SMS, for their support. Very pleased with the overwhelming positive response. pic.twitter.com/uBbA3HwhCM— Umar Naseer (@UmarNaseerPPM) September 18, 2016
މެމްބަރުންނަށް އުމަރު ފޮނުއްވި މެސެޖާ އެކު ކުރެއްވި ޓްވީޓްއެންމެ ފަހުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ބޭއްވި ޕްރައިމަރީގައި ވާދަކުރެއްވީ ވެސް ރައީސް ޔާމީނާއި އުމަރެވެ. އެކަމަކު ރައީސް ޔާމީނަށް ޕާޓީގެ ޓިކެޓު ލިބިވަޑައިގެންނެވީ ވޯޓަށް "މަކަރުހައްދަވައިގެން" ކަމަށް އޭރު ވެސް އުމަރު ތުހުމަތުކުރެއްވި އެވެ.
"މިފަހަރު މަކަރެއް ނުހެދޭނެ. އެ ފުރުސަތެއް ނުދޭނަން،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ނައިބު ލީޑަރަކަށް އޭނާ ހުންނެވި އިރު މެމްބަރުންނަށް މެސެޖުކުރައްވަމުން ގެންދެވި ކަމަށެވެ. އެކަން ހުއްޓާލެއްވީ 2013 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީއަށް ފަހު ކަމަށް ވިދާޅުވި އެވެ.
އެ ޕްރައިމަރީގެ ކަންތައް ދިޔަ ގޮތާ މެދު ފާޑުކިއުއްވައި، އަމަލްތައް ބެހެއްޓެވި ގޮތުން އުމަރު ޕީޕީއެމުން ވަކި ވެސް ކުރި އެވެ. އޭނާ ރައީސް ޔާމީންގެ ކެމްޕޭނާ ގުޅިވަޑައިގަތީ، ފުރަަތަމަ ބުރުގައި ތާއީދުކުރެއްވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ބަލިކުރައްވައި، ރައީސް ޔާމީން ދެ ވަނަ ބުރަށް ވަޑައިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ނުކުންނެވުމުންނެވެ.
އުމަރަކީ އަބަދުވެސް ނަޝީދާ ވަރަށް ދެކޮޅު ބޭފުޅެކެވެ.
"އަޅުގަނޑު އަނެއްކާވެސް މިކަން މިފެށީ. މި [ޕާޓީގެ މެމްބަރުންނަށް މެސެޖުކުރަން] ފެށީމަ ޔަގީންވެއްޖެ ކުރީގައި އަޅުގަނޑަށް އޮތް ސަޕޯޓު އަދިވެސް އެބަ އޮތްކަން،" އުމަރު ވިދާޅުވި އެވެ.
"އެ ޕްރައިމަރީގައި އޮޅުވާލުންތަކެއް ހިނގިއަސް މާލޭގެ ފޮށީގެ ތިން ބައިކުޅަ ދެ ބައި ކާމިޔާބުކުރީ އަޅުގަނޑު. އެހެންވީމާ ވަރަށް ބޮޑު ސަޕޯޓެއް އެބަ އޮތް މާލޭގައި ވެސް."
މަކަރެއް ނުހެދޭނެ، ޕްރައިމަރީ ކާމިޔާބުކުރާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ