ގާސިމް އަށް ރައީސްކަމަށް ކުރިމަތިނުލެވޭ އިސްލާހު އަނބުރާ ގެންދަނީ

އުމުރުން 65 އަހަރުވުމުން ރައީސްކަމުގެ ކަމުގެ މަގާމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި އިސްލާހު އަނބުރާ ގެންދަން ނިންމައިފި ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.
ގާނޫނު އަސާސީއަށް އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްއެވެ.
ބައެއް އޮންލައިން ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު ރޭ ބޭއްވެވި ބައްދަލުވުމުގައި އެ ބިލް އަނބުރާ ނެގުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
އަދި ގާސިމްގެ މި ހުށަހެޅުމަށް އަދީބު އެއްބަސްވެ، އެ ބިލް ނެގުމުގެ މަސައްކަތް ފެށިކަން ރޭ ވަނީ ހާމަ ވެސް ކުރައްވާފައެވެ.
ދިޓީވީ ހިންގާ އިމާރާތާ އިންވެގެން ހުންނަ ބައިގައި ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމަށްފަހު މީޑިއާއަށް ވިދާޅުވީ އެ ބައްދަލުވުމުގައި ސިޔާސީ ވާހަކަ އާއި ފައިސާގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އަދީބު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމާއި އުއްޗުއާއެކު ބޭއްވި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ކަމަށާއި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންތައްތަކާއި އެއްބަސްވި ކަންތައްތައް ހާމަކުރެވެން ނެތް ކަމަށެވެ.
މިއިސްލާހް ފާސްވެއްޖެނަމަ މިހާރު ސިޔާސީ ދާއިރާގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ރިޔާސީ އިންތިޙާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
2018 ވަނަ އަހަރު އަންނައިރު ރައީސް މައުމޫންއަށް 81 އަހަރުފުޅު ވާއިރު ގާސިމަށް 68 އަހަރުފުޅު ވާނެ އެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ)ގައި މިހާރު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރު ވުމުންނެވެ. ނަމަވެސް ރައީސްކަމަށް ކުރިމަތި ނުލެވޭނެ ވަކި އުމުރެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ