ކޯޓުން ބޭރުގައި ކައިވެނި ކުރި ކުއްޖަކަށް ދެ ކުދިން ލިބިއްޖެއެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން އެ މީހުންނަކީ ރ. މަޑުއްވަރީއަށް ނިސްބަތްވާ ދެ މީހުންނެވެ. އެ މީހުން ކައިވެނިކޮށްފައި ވަނީ 19 މާރިޗް 2014 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އަންހެން ކުއްޖާގެ އުމުރަކީ 17 އަހަރެވެ.
އެނގިފައިވާގޮތުން އެ މީހުން ކައިވެނި ކުރިކަން އެނގިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރިއެވެ.
"ވަގުތު" އަށް އެނގިފައިވާގޮތުން މި މައްސަލާގައި ކުއްޖާ އާއި ކައިވެނިކޮށްގެން އުޅުނު މީހާ އާއި އަދި ކައިވެނިކޮށްދިން މީހާވެސް ފުލުހަށް ހާޒިރުކޮށް ބަޔާން ނެގިއެވެ. އެ މީހުންގެ ބަޔާން ނަގާފައި ވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.
ފުލުހުންގެ ތަހުގީގަށް އެނގުނުގޮތުގައި، އޭރު ކުޑަކުއްޖާ ބަލިވެ އިނދެ ވަނީ ބަނޑަށް ހަ މަސް ވެފައެވެ.
ކުއްޖާ އާއި ކައިވެނި ކުރި މީހާ ފުލުހަށް ދިން ބަޔާނުގައި ބުނެފައި ވަނީ އޭނާ ކޯޓުން ބޭރުގައި ކައިވެނި ކުރީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ނުހިނގާތީއެވެ.
"އަޅުގަނޑުމެން ކައިވެނި ކުރީ މާލޭގެ ރައްޓެއްސެއް ގޭގައެވެ. ކައިވެނި ކުރީ އެއްވެސް މަޖުބޫރުކަމެއް ނެތި ދެ ފަރާތުގެ އާއިލާވެސް ގަބޫލުވެގެންނެވެ. އަންހެން ކުއްޖާގެ ބައްޕަ އަށް ވަލީިދިނުމަށް މާލެ ދެވެން ނެތުމުން ވަލީ ހަވާލުކުރީ ކުއްޖާގެ ބޭބެ އާއެވެ". އޭނާ ފުލުހަށް ދިން ބަޔާނުގައި ބުނެފައި ވެއެވެ.
އޭނާ ބުނެފައި ވަނީ، އެ މީހުން ކައިވެނި ކުރީ އިސްލާމީ ޝަރީއަތުގައި އަންގާފައި އޮންނަ ގޮތަށް ކަމަށާއި ކައިވެނި ކުރިއިރު، ހުތުބާ ކިޔުމުގެ ކަންތައްވެސް ކުރިއަށް ގެންދިޔަ ކަަމަށެވެ.
"އަޅުގަނޑުމެންގެ ކައިވެނި ދިވެހި ރާއްޖޭގެ ކޯޓެއްގައި ރަޖިސްޓްރީ ކުރާކަށް އަޅުގަނޑާއި، އަންހެނުންނާއި އަދި އަޅުގަނޑުމެން ދެ މީހުންގެ އާއިލާންވެސް ނުރުހެއެވެ".
އޭނާ ފުލުހުންނަށް ދީފައިވާ ބަޔާނަށް ބަލާއިރު، ދެ މީހުންގެ އާއިލާއަކީވެސް ހަރުކަށި ވިސްނުމުގެ ދެ އާއިލާކަން އިނގެއެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން ކޯޓުން ބޭރުގައި ކައިވެނި ކުރި މައްސަލާގައި ފިރިހެން މީހާގެ މައްޗަށް އޭއިރު ދައުވާ ކުރިއެވެ. ނަމަވެސް އެ މައްސަލަ ނިމުނު ގޮތެއް އަދި އެނގިފައެއް ނުވެއެވެ،
މި މައްސަލާގައި ކައިވެނިކޮށްދިން މީހާގެ މައްޗަށް ދައުވާ އުފުލާފަައެއް ނުވެއެވެ.
މި ދެ މީހުންގެ ކައިވެނި މިއަދާއި ހަމައަށްވެސް ކޯޓުގައި ރަޖިސްޓްރީކޮށްފައިނުވާއިރު، ދެ މީހުންނަށް ލިބުނު ދަރިންގެ އައިޑީ ކާޑުވެސް ހަދާފައެއް ނުވެއެވެ. އަދި ދަރިން ސްކޫލަކަށްވެސް ނުފޮނުވައެވެ.
ކޯޓުން ބޭރުގައި ކައިވެނި ކުރި ކުއްޖަކަށް ދެ ކުދިން ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ