13 އަހަރުގެ ކުއްޖާއާ ކޯޓުން ބޭރުގައި ކައިވެނި ކުރި ހައްމާދަށް ދައުވާކޮށް، މައްސަލަ ކޯޓަށް

އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ކޯޓުން ބޭރުން "ކައިވެނި" ކޮށްގެން އެ ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވޭ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދު މައްޗަށް ދައުލަތުން ދައުވާކޮށް، ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފިއެވެ.
އެ މައްސަލަ ކޯޓަށް ފޮނުވިކަން ޕީޖީ އޮފީހުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. އެ އޮފީހުން ވިދާޅުވީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ ހައްމާދުގެ މައްޗަށްކޮށް، މިއަދު ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
އެ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި، ސަކަރާތް ޖެހުމެއް ނެތް ކަމަށް ޕަރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްވެސް ވަނީ ވިދާޅުވެފައެވެ.
ހައްމާދުގެ މައްސަލަ ފެންމަތި ވެފައިވަނީ ލަނޑާ ނަގާ ދޯންޏެއްގައި އޭނާއަށް ވަޅިން ހަމަލާދިން މައްސަަލާގައި އެކި ގޮތަށް ފެތުރެމުން ދަނިކޮށް އެވާހަކަތައް މީޑިއާގެ ސަމާލުކަމަށް އައިސްގެންނެވެ. އެ މައްސަލައިގެ ތަހުގީގުގައި އޭނާ 13 އަހަރުގެ ކުޑަކުއްޖަކާ ކައިވެނިކޮށްގެން އުޅޭ ކަމުގެ ހެކި ލިބިފައިވާއިރު އޭނާގެ މައްސަލަ ބަލަމުން ދަނީވެސް ކުޑަކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ މައްސަލައެއްގެ ގޮތުގަ އެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ދެ ފަހަރެއްގެ މަތިން ކޯޓުން އޭނާ މުއްދަތު އިތުރު ކުރިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހައްމާދަކީ މީގެ ކުރިން ޓެރަރިޒަމްގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެ، ހުކުމް ތަމްފީޒުކޮށް ކުށުގެ ރިކޯޑް އޮންނަ ފަރާތެއް ކަމަށެވެ. އަދި 13 އަހަރުގެ އަންހެންކުއްޖާގެ މައްސަލައާ ގުޅިގެން މިހާރު 14 ފަރާތަކާ ސުވާލުކޮށް ފޮރެންސިކް ހެކިތައް ހޯދާފައިވާއިރު، 13 އަހަރުގެ ކުއްޖާ ވިހާފައިވާ ކުއްޖާގެ ޑީއެންއޭއާއި ހައްމާދުގެ ޑީއެންއޭއާއި ދިމާވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ