އަބްދުﷲ ޣާޒީ ހައްޔަރުކުރުމުގައި ޒިންމާ ނަންގާވާނީ ކާކުކަމާމެދު އާޒިމާ ސުވާލު އުފައްދަވައިފި
ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލާގައި ޒިންމާ ނަގާނީ ކާކު ކަމާމެދު، ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ސުވާލު އުފައްދަވައިފިއެވެ.އަބްދުﷲ ޣާޒީ ހައްޔަރުކުރި ކަމުގެ ކުށް ސާބިތުވެ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވަނިކޮށް، ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލު ކުރުމުން އާޒިމާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އަބްދުﷲ ގާޒީ ގާނޫނާއި ހިލާފަށް ހައްޔަރުކޮށްގެން 21 ދުވަސްވަންދެން ގެންގުޅުނު މައްސަލަ ސައްހަވެގެންދިޔައިރު، ކޯލިޝަން ލީޑަރުންނާއި މިހާރުގެ ވަޒީރުންގެ މަޖިލިސް މެމްބަރުން ތިއްބެވީ ހަނު ކަމަށެވެ. އަދި އެކަމުގައި ޒިންމާވާން ޖެހޭނީ ކޮންފަރާތަކުން ކަމާމެދު ސުވާލު އުފައްދަވަމުން އާޒިމާވަނީ، ސްޕްރީމް ކޯޓުން ރައީސް ނަޝީދުގެ މައްސަލަ ނިންމެވި ގޮތުގެ ރިޕޯޓް އަވަހަށް އާއްމު ކުރެއްވުމަށްވެސް އެދިލައްވާފައެވެ. ކަންބޮޑު ވަނީ ރައީސް ނަޝީދު މިނިވަން ވުމުން ނޫން ކަމަށް ވެސް އާޒިމާ ވަނީ ވިދާޅުވެފައެވެ.ކުރީގެ ރައީސް ނަޝީދު ޖަލަށްލާން ހުކުމްކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެން ކަމަށްވާއިރު ރައީސް ނަޝީދު ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް އޭރު ވަނީ ތާއީދު ކޮށްފައެވެ. ނަމަވެސް ސްޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ރައީސް ނަޝީދުގެ މައްޗަށް އިއްވި ދައުވާ އަކީ ބާތިލް ދައުވާއެއް ކަމަށެވެ. ސުޕްރީމް ކޯޓުން އެގޮތަށް ހުކުމްކޮށްފައިވާއިރު، މީގެ ކުރިން ކުރީގެ ރައީސް ނަޝިދުވަނީ، އަބްދުﷲ ޣާޒީ ހައްޔަރު ކުރިކަމަށާ އެއީ ހެއްދެވުނު ވަރަށް ބޮޑު ގޯހެއްކަމަށް އިޢުތިރާފްވެވަޑައިގެން މީޑިޔާތަކުގައި ވާހަކަ ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ