ކަރަންޓު ކެނޑުމުގެ މައްސަލަޔަށް އެކަށީގެންވާ ހައްލެއް 24 ގަޑި އިރު ތެރޭގައި ނުގެނެސްފިނަމަ، ރައްޔިތުން ނިކުމެ ފެނަކަ އޮފީސް ބަންދުކުރަން ނިންމާފައިވާ ކަމަށް ރ.މާކުރަތު ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާކުރަތު ކައުންސިލްގެ ރައީސް ހަސަން އަލީ ވިދާޅުވީ އެރަށަށް ކަރަންޓުގެ ކުއްލި ކުއްލިއަށް ކެނޑޭ މައްސަލައަކީ ހައްލު ނުކުރެވިފައިވާ ބޮޑު މައްސަލަ އެއް ކަމަށާއި، މިމައްސަލައަށް ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.
ހަސަން ވިދާޅުވީ ކަރަންޓަށް މައްސަލަ ދިމާވުމުން ކޮންމެ ފަހަރަކު ވެސް ގެންނަނީ ވަގުތީ ހައްލު ކަމަށާއި، ނަމަވެސް މިވަގުތީ ހައްލުގެ ސަބަބުން ރައްޔިތުންނަށް ލިބެނޭ ބޮޑެތި ގެއްލުން ކަމަށެވެ. އެގޮތުން ރައްޔިތުން އެކި ފަހަރު މަތިން ޝަކުވާ ހުށަހެޅުމުންވެސް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވެފައި ނުވުމުގެ ސަބަބުން ރައްޔިތުން ވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑު އިންޖީނުގެ ކައިރީގައި އަޑު އުފުލާ ނުރުހުން ފާޅުކޮށް 24 ގަޑި އިރު ތެރޭގައި މައްސަލައަށް އެކަށީގެންވާ ހައްލެއް ނުގެނެސްފިނަމަ ފަނަކަ އޮފީސް ބަންދު ކުރާނެކަމަށް ބުނެފައެވެ.
ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ކަރަންޓުގެ މައްސަލައަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، ނަމަވެސް އެ އިރު ފެނަކައިން އެއްވެސް އެއްބާރުލުމެއް ދީފައި ނުވާ ކަމަށެވެ.
އައު މެނޭޖަރާއި އިންޖީނުގެ ހަވާލުކުރުމުން ކަރަންޓު ކެނޑުމުގެ މައްސަލަ އިތުރައް ދިމާވަމުން އަންނަ ކަމަށާއި އިންޖީނުގެއަށް ގަސްތުގައި އޭނާ ގެއްލުން ދީފައިވާކަމަށް ގިނަ ބަޔަކު ތުހުމަތުކުރާކަމަށް ކައުންސިލްގެ ރައީސްވަނީ ވިދާޅުވެފައެވެ. އަދި މިހާރު އިންޖީނުގޭގައި ވަޒީފާ އަދާކުރާ އިސްފަރާތަކީ ސިޔާސީ ނުފޫޒުން ރައީސް ޔާމިންގެ ސަރުކާރުގައި ދިން މަގާމެއް ކަމަށާއި އޭނާއަށް މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާ ނުކުރެވޭ ކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.
ހަސަން ވިދާޅުވީ އެ ރަށަށް ކަރަންޓުގެ ޚިދުމަތް ދެނީ ޖުމްލަ ތިން ޖަނަރޭޓަރުން ކަމަށާއި، އެއީ 160 ޖެނަރޭޓަރަކާއި، 80 ކިލޯވޯޓުގެ ދެޖަނަރޭޓަރަކުން ކަމަށެވެ. ނަމަވެސް މިހާރު 160 ކިލޯވޯޓުގެ ޖަނަރޭޓަރު ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މާކުރަތަކީ 1331 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
24 ގަޑި އިރު ތެރޭގައި އެކަށީގެންވާ ހައްލެއްހޯދައިދީ: މާކުރަތު ރައްޔިތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ