މުއްރަތުގެ މަރުގެ ހުކުމް ކަށަވަރުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ގާނޫނީ ވަކީލް އަހުމަދު ނަޖީބް މަރާލުމުގެ ކުށް ސާބިތުވެފައިވާ އަހްމަދު މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމު ސައްހަ ކުރުމަށް ދައުލަތުން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ދައުލަތުގެ ފަރާތުން ޕީޖީ އޮފީހުން މިމައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ޔަގީންކޮށްދީފަ އެވެ. ޕީޖީ އޮފީހުން މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މަރުގެ ހުކުމް ސާބިތުވާ ކުށްވެރިޔާގެ ފަރާތުން ހުކުމް އިސްތިއުނާފް ނުކޮށްފި ނަމަ އެ މައްސަލައެއް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ދާދި ފަހުން ކަނޑައެޅި އުސޫލުގެ ދަށުންނެވެ.
މި އުސޫލުން ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމުގެ މައްސަލަ ވެސް މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. މި ދެމައްސަލަ ވެސް ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ މުއްރަތާއި ހުމާމު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ މައްސަލައަށް ހައިކޯޓުން ތާއީދުކޮށްފައިވާއިރު މި ދެ ގާތިލުންގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަަލަ އިސްތިއުނާފް ކުރަން ހުށަހަޅާފައި ނުވާތީ އެވެ.
އަހްމަދު މުއްރަތާއި އޭނާގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާ ދުރާލާ ރާވައިގެން ގާނޫނީ ވަކީލް އަހްމަދު ނަޖީބް މަރާލާފައި އޮއްވާ މަސްރޫރާ ގޭތެރެއިން ފެނުނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރެ އެވެ. މި ދެ މީހުން ކުށަށް އިއުތިރާފްވުމުން އެ މީހުން މަރަންޖެހޭ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 19 ޖުލައި 2012 ގައެވެ.
ކުށަށް އިއުތިރާފް ވަމުން ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކުގައި މުއްރަތު ބުނެފައިވަނީ ނަޖީބަށް ހަމަލާދިނީ އޭނާ ދެކެ ރުޅިއައިސްގެން ކަމަށާއި އެވަގުތު މުއްރަތު ހުރީ މަސްތުވެފައި ކަމަށެވެ. ކުށަށް އިއުތިރާފް ވުމަށްފަހު މުއްރަތު ވަނީ ކުރެވުނު ކުށަށް މައާފަށް އެދުމަށްފަހު އެކަމުގައި ދެވޭނެ އެންމެ ލުއި އަދަބެއް ދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.
މިމައްސަލައިގެ ހުކުމް އިއްވުމަށް ހައިކޯޓުގައި މިއަަހަރުގެ މެއި މަހުގެ 15 ދުވަހު ބޭއްވި ބޭއްވި އަޑުއެހުމުގައި މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ހައިކޯޓުގެ އޭރުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހުކުމް އިއްވަވަމުން ވިދާޅުވީ މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް އެ މައްސަލަ ބެލި ހައި ކޯޓުގެ ފަސް ފަނޑިޔާރުންނަށް އެއްވެސް ޚިލާފެއް ނެތި އެއްބަސްވެވޭ ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ ނަޖީބް މަރާލި ކަމަށް ފުލުހުންގެ ތަހުގީގުގަޔާއި ދަށު ކޯޓުގެ ޝަރީއަތުގަޔާއި ހައި ކޯޓުގެ ޝަރީއަތުގައި ވެސް މުއްރަތު އެއްބަސްވެފައިވާ ކަމަށެވެ. އަދި މުއްރަތު ދަށު ކޯޓުގައި ވެފައިވާ އިއުތިރާފަށް ބާރު ލިބޭ އެތަކެއް ހެއްކާއި ގަރީނާ ހުރިއިރު އެއިން އެއްވެސް ހެއްކަކަށް އިންކާރު ނުކުރާ ކަމަށް ދަށު ކޯޓުގައި މުއްރަތު ބުނެފައިވާކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އަދި ނަޖީބް މަރާލި ކަމަށް މުއްރަތު އެއްބަސްވެފައި ވާއިރު އިއުތިރާފަކީ އިސްލާމީ ޝަރީއަތުގައި ކުށް ސާބިތު ކުރުމުގެ އެންމެ ހަރުދަނާ ވަސީލަތް ކަމަށާއި އެކަމާ މެދު އިލްމުވެރިންގެ މެދުގައި ޚިލާފެއް ނުވާ ކަމަށާއި، އެހެން މީހެއްގެ ހައްގެއް އެކުލެވޭ ކުށަކަށް އިއުތިރާފްވުމަށް ފަހު އެ އިއުތިރާފް އަނބުރާ ނުގެނެވޭނެ ކަމަށް ޖުމްހޫރު އިލްމުވެރިން ވިދާޅުވާ ކަމަށް ވެސް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން މުއްރަތު ދަށު ކޯޓާއި ހައި ކޯޓުގައި ވެފައިވާ އިއުތިރާފަކީ އިއުތިރާފުގައި ފުރިހަމަވާން ޖެހޭ ހުރިހާ ޝަރުތުތަކެއް ފުރިހަމަވެފައިވާ އަދި އެ މަރަކީ ވެސް ގަސްދު މަރުގައި ފުރިހަމަވާންޖެހޭ ހުރިހާ ރުކުނެއް ފުރިހަމަވެފައިވާ މަރެއް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
އެކަންކަން ފާހަގަކޮށް ފަނޑިޔާރު ޣަނީ ވިދާޅުވީ ނަޖީބް މަރާލި ކަމަށް މުއްރަތު ވެފައިވާ އިއުތިރާފުން އޭނާއަށް ރުޖޫއު ވެވޭނެ އެއްވެސް މަގެއް ފެންނަން ނެތް ކަމަށެވެ. އަދި ނަޖީބްގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީ އެ މައްސަލައިގައި ގިސާސް ހިފުން ނޫން ގޮތެއް ނެތް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ނަޖީބް މަރާލި މައްސަލައިގައި މުއްރަތުގެ އޭރުގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް ފާތިމަތު ހަނާ މެރުމަށް ވެސް ދަށު ކޯޓުން ހުކުމްކޮށްފައި ވާއިރު އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުން ވަނީ ނިންމާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ