ހުސްވެފައިވާ އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ގޮނޑިއަށް ކައުންސިލަރަކު އިންތިޚާބު ކުރުމަށް ބާޢްވާ މެދައިންތިޚާބުގައި އެމްޑީޕީއިން ވާދަކުރާ ކެންޑިޑޭޓަޓު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ، އަލީ ފަހުމީ އަހްމަދު ކާމިޔާބު ކުރައްވައިފި އެވެ.
ފޭދޫ ދާއިރާގެ ޕްރައިމަރީގައި ޖުމްލަ 5 ބޭފުޅަކު ވާދަ ކުރެއްވި އިރު، ފަހުމީ އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރެއްވީ 208 ވޯޓުންނެވެ.
އެންމެ ގާތުން ވާދަކުރެއްވި އިބްރާހީމް ޚަލީލަށް ލިބިވަޑާއިގެންނެވީ 141 ވޯޓެވެ. އަދި ޕްރައިމަރީގައި ވާދަ ކުރެއްވި ހައްވާ ޒީނަތަށް ލިބިވަޑައިގެންނެވީ 118 ވޯޓެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ފުރަތަމަ ދައުރުގައި ފޭދޫ ދާއިރާގެ ގޮނޑީ ފުރުއްވި އަހްމަދު މިރުޒާދުއަށް 112 ވޯޓު ލިބިވަޑައިގެންފައިވާ އިރު، 46 ވޯޓާ އެކު އެންމެ މަދު ވޯޓު ލިބިވަޑައިގެންނެވީ އަހްމަދު މުންތަޤިމް އަށެވެ.
އަލީ ފަހުމީ އަހްމަދަކީ، މީގެ ކުރިން ފޭދޫ ރަށް ކުރިއަރުވާ ކޮމިޓީގައި، އަދި ސްޓޭޓް ޓްރޭޑީންގ އޯގަނައިޒޭޝަންގައި އިސް މަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ މެދައިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 20 ވާ ހޮނިހިރު ދުވަހު އެވެ.
އައްޑޫ ސިޓީ ކައުންސިލް ފޭދޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ ކައުންސިލަރުކަން ކުރައްވަމުން އައި އެމްޑީޕީގެ ބޭފުޅެއް ކަމުގައިވާ އަހްމަދު އަސްވާން 8 ޖުލައި 2014 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.
އައްޑޫ ސިޓީ ކައުންސިލް ފޭދޫ ދާއިރާގެ ޕްރައިމަރީ އަލީ ފަހުމީ އަހްމަދު ކާމިޔާބު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ