އިންޑިއާ ކަނޑުގެ ސަރަހައްދަށް ޗައިނާގެ ނުރައްކާއެއް ނެތް ކަމަށާއި، ނަމަވެސް މި ސަރަހައްދުގެ ސަލާމަތައް އެމެރިކާގެ ބިރު ބޮޑު ކަމަށް ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ދަ ހިންދޫ އަށް ރައީސް މައުމޫނު ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައާ އެކު ސްޓޭޓަސް އޮފް ފޯސް (ސޯފާ) އެގްރީމަންޓެއްގައި ސޮއި ކުރުމަށް އެމެރިކާއިން މަސައްކަތް ކުރަމުން ދާއިރު އެފަދަ ކަމެއް ޗައިނާގެ ފަރާތުން މިހާތަނަށްވެސް ގެނިފައި ނުވާ ކަމަށެވެ. އަދި ސޯފާ އެގްރީމަންޓް މައްސަލާގައި އެ މަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ކަންބޮޑުވޭ. އަޅުގަނޑު ބޭނުމެއް ނުވޭ އެކަން އެހެން ވެދޭކަށް (ސޯފާ އެގްރީމަންޓްގައި ސޮއި ކުރެވޭކަށް)،" ސީފާ އެގްރީމަންޓާއި ގުޅޭ ގޮތުން ދަ ހިންދޫ އިން ދެންނެވި ސުވާލުގެ ޖަވާބުގައި ރައީސް މައުމޫނު ވިދާޅުވެފައި ވެއެވެ.
ރައީސް މައުމޫނު ވިދާޅުވީ އެ މަނިކުފާނުގެ ދިގު 30 އަހަރުގެ ވެރި ކަމުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަރަށް ގާތް ގުޅުމެއް ބޭއްވި ކަމަށެވެ. އަދި އިންޑިއާއިންގެ ފަރާތުން ރާއްޖެއަށް އެއްވެސް ކަހަލަ ބިރެއް ކުރިމަތި ނުވާ ކަމަށްވެސް ދަ ހިންދޫއަށް ދެއްވި އިންޓަވިއުގައި ރައީސް މައުމޫނު ވިދާޅުވިއެވެ.
އަދި ޖީއެމްއާރު އެގްރީމެންޓް ބާތިލް ކުރުމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ކުރީގެ ރައީސް މުހަންމަދު ނަޝީދު ކަމަށްވެސް ރައީސް މައުމޫނުގެ އިންޓަވިއުގައި ވިދާޅުވެފައި ވެއެވެ. އެގޮތުން މިހާރުގެ ސަރުކާރުން އެ އެގްރީމަންޓް ބާތިލް ކުރީ ރައީސް ނަޝިދުގެ ސަރުކާރުން އެއާޕޯޓް ހަވާލު ކުރި އިރު ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ހުރުމުން ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
"ހުރިހާ ޕާޓި ތަކަކާއި މަޝްވަރާ ކޮށްގެން އެކަން ކުރިއަށް ގެންދިޔަ ނަމަ، ކޮރަޕްޝަނުގެ ތުހުމަތުކޮށް އާންމުން ނުނިކުތީސް އެކަމާ ދެކޮޅަށް. އެހެންވެ އަޅުގަނޑުމެން ރައީސް ވަހީދު އަރިހުގައި ވިދާޅުވީ އިންޑިއާ ސަރުކާރާ ޖީއެމްއާރާ އެކު ވާހަކަ ދައްކައި މަޝްވަރާ ކުރުމަށް ފަހު ރަނގަޅު ގޮތެއް ނިންމުމަށް. އެހެން ވިދާޅުވެފަ އޮއްވާ ކުއްލިޔަކަށް އެއިން އެއްވެސް ކަމެއް ކުރުމެއް ނެތި މިކަމަށް "ހިތާމަވެރި" ނިމުމެއް އައީ،" ރައީސް މައުމޫނު ވިދާޅުވި ކަމަށް ދަ ހިންދޫގައި ބުނެފައި ވެއެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދަށް ބިރު ބޮޑީ ޗައިނާއެއް ނޫން، އެމެރިކާ: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ