އަބްދުﷲ ގާޒީ ހައްޔަރުކުރުމަކުން މައްސަލަ ހައްލެއް ނުވާނެ: ހިއުމަން ރައިޓްސް ކޮމިޝަން

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހަންމަދު، ހައްޔަރުކޮށްގެން ގެންގުޅުނު ނަމަވެސް އަދުލު އިންސާފުގެ ދާއިރާގެ މައްސަލަތައް ހައްލު ނުވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ރައްޔިތުންގެ މަޖިލިހުގައި ބުނެފި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލުވުމުގައި، އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވާ މައްސަލާގައި ވާހަކަ ދައްކަވަމުން އެޗްއާރުސީއެމްގެ މެމްބަރު އަހުމަދު އަބްދުލް ކަރީމް ވިދާޅުވީ، އަބްދުﷲ ގާޒީ އަކީ ދަށު ކޯޓުގެ ފަނޑިޔާރެއް ކަމަށާއި އެ ބޭފުޅުން ހުކުމްކުރައްވަނީ އެ ބޭފުޅުންގެ މައްޗަށް ހުށަހަޅާ ހެއްކާއި ގަރީނާތަކަށް ބެއްލެވުމަށް ފަހު ކަމަށެވެ.
މަޑުއްވަރީ ދާއިރާގެ ޑީއާރުޕީ މެމްބަރު ވިސާމް އަލީ ކުރެއްވި ސުވާލުގެ ޖަވާބުގައި، "އަބްދުﷲ ގާޒީ އެކަނި ހައްޔަރުކުރުމަކުން" މައްސަލަ ހައްލު ނުވާނެ ކަމަށް ވިދާޅުވުމުން، ހުރިހާ ފަނޑިޔާރުން ވެސް "ހައްޔަރުކުރަން ގޮވާލައިފި"ކަމަށް ވިދާޅުވެ އެމްޑީޕީ މެމްބަރުން އަޑުގަދަކުރެއްވި އެވެ. އެކަމަކު އިދިކޮޅު މެމްބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމުން، އަހުމަދު ވިދާޅުވީ، އަބްދުﷲ ގާޒީ ހައްޔަރުކުރުމަކުންނެއް "މައްސަލަ ހައްލެއް ނުވާނެ" ކަމަށެވެ.
އަހުމަދު ވިދާޅުވި ގޮތުގައި ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކޮށް، ސިފައިންގެ ތަމްރީނު މަރުކަޒެއް ކަމަށްވާ ގިރިފުށީގައި ބަހައްޓާފައި ވަނީ، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާ ހިލާފަށް ކަމަށެވެ. އެ ގޮތުން ސިޔާސީ އަދި މަދަނީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާއާ ހިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މާއްދާގައި ބުނާ ގޮތުން ވެއްޖިއްޔާ ކޮންމެ މީހަކަށްމެ މިނިވަންކަމުގެ ހައްގާއި ކޮންމެ މީހަކަށް އަމިއްލަ ނަފްސާއި އަމިއްލަ ހަށިގަނޑު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވޭ. އެއްވެސް މީހަކު ގާނޫނުގައި ކަނޑައެޅިގެންވާ ގޮތުގެ މަތިން މެނުވީ ހައްޔަރުކޮށްފައި ނޫނީ ބަންދުގައި ބަހައްޓައިގެން ނުވާނެ ކަމަށް ބުނޭ. ހަމަ އެ މާއްދާގެ ދަށުން އެބަ ބުނޭ ހައްޔަރުކުރާ މީހާ ހައްޔަރުކުރެވޭ ހިނދު، ހައްޔަރުކުރެވުނު ސަބަބު އެންގުން ލަސްނުކުރުމާ އެކު އޭނާގެ މައްޗަށް ކުރެވޭ ދައުވާ އޭނާއަށް އަންގަން ޖެހޭނެ ކަމަށް،" އަހުމަދު ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ ބައިނަލްއަގްވާމީ މުއާހަދާ އަށް ބަލާއިރު ވެސް އެއްވެސް މީހަކު ގަދަކަމުން ގެއްލުވާލައިގެން ނުވާނެ ކަމަށެވެ.
"ހަނގުރާމައެއް ނޫނީ ހަނގުރާމައެއްގެ އިންޒާރު ލިބުނު ކަމުގައި ވިޔަސް ގައުމެއްގެ އެތެރޭގެ ސިޔާސީ ހަމަނުޖެހުން ކަމަށް ވިޔަސް ނުވަތަ ކުއްލި ހާލަތު މެދުވެރިވެގެން އިއުލާން ކުރިޔަސް ގަދަކަމުން ގެއްލުވާލުމުގެ އެއްވެސް އުޒުރެއް ދެއްކޭނެ ސަބަބެއް އޮވެގެން ނުވާނެ ކަމަށް ވެސް ]ގަދަކަމުން މީހުން ގެއްލުވާލުން ހިމާޔަތްކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ އެއްވަނަ ނަމްބަރު[ ގައި ބުނޭ. މި މާއްދާއާ ދައުލަތުން ހިލާފުވެފައިވާ ގޮތްތަކެއް ވެސް އެބަހުރި. އެހެންވީމަ 48 ގަޑިއިރު ވަންދެން، އޭނާ ބަހައްޓާފައި ވަނީ ކޮން ތާކު ކަމެއް ނާންގާ ސިއްރުކޮށްފައިވޭ. ޖުޑީޝަރީ އަށް ނުފޫޒު ފޯރުވުމަކީ އޭނާ ]އަބްދުﷲ ގާޒީ[ ގެއްލުވާލުން މުހިންމު ސަބަބެއް ކަމުގައި ބުނެ ޖަސްޓިފައި ނުކުރެވޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" އަހުމަދު ވިދާޅުވި އެވެ.
ކޮމިޝަންގެ ރައީސް މަރިޔަމް އަޒްރާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ، ގާނޫނު އަސާސީގައި މީހުން ހައްޔަރުކުރުމާއި ބަންދުކުރުމާ ބެހޭ މާއްދާތަކާ އެއްގޮތަށް ނޫން ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ އެކަށީގެންވާ ހެކިތަކެއް ހުރެގެން ކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ބުނި ނަމަވެސް ދައުލަތުން މިހާތަނަށް ދައުވާއެއް ކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަޒްރާ ވިދާޅުވީ މީހަކު ހައްޔަރުކުރުމަށް ފަހު، ހައްޔަރުކުރި ސަބަބު 24 ގަޑިއިރު ތެރޭގައި އަންގަން ޖެހޭނެ ކަމަށް ބުނެފައިވާއިރު އެކަން ވެސް ކޮށްފައި ނެތް ކަމަށެވެ. އަދި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ވެސް ގާނޫނު އަސާސީން ދޭން ޖެހޭއިރު އެ ހައްގު ވެސް އަބްދުﷲ ގާޒީ އަށް ލިބިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ހަނުހުރުމުގެ ހައްގު ވެސް ލިބިދީފައި ނުވާ ކަމަށް އެޗްއާރުސީއެމްގައި އަބްދުﷲ ގާޒީ ވިދާޅުވެފައިވާ ކަމަށް އަޒްރާ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ސުވާލުތައް އަމާޒުކުރެއްވީ އަބްދުﷲ ގާޒީގެ ފަނޑިޔާރުކަމުގައި ހުންނަވައިގެން ކުރެއްވި ހުކުމްތަކާ ގުޅިގެން އެހެން މީހުންގެ ހައްގުތައް ގެއްލިފައިވާ ކަމުގެ މައްޗަށެވެ.
އަޒުރާ ވިދާޅުވީ އެފަދަ މައްސަލަތަކާ ގުޅިގެން ސީދާ އަބްދުﷲ ގާޒީ އާއި އަދި ކްރިމިނަލް ކޯޓުގެ އެހެން ގާޒީންނާ ވެސް ބައްދަލުކުރައްވާ ވާހަކަ ދެއްކެވި ކަމަށެވެ. އަދި ޖޭއެސްސީ އަށް ވެސް އެ ކަންބޮޑުވުން ހުށަހަޅުއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ސިފައިންގެ ހައްޔަރުގައި އަބްދުﷲ ގާޒީ ހުންނެވި އިރު އޭނާ ހެޔޮ ހާލުގައި ހުރިތޯ އާއި ކާން ލިބޭތޯ ފަދަ ސުވާލުތައް ވެސް ކުރައްވައިފަ އެވެ. އަޒްރާ މިއަދު ވެސް ވިދާޅުވީ އަބްދުﷲ ގާޒީ ހުންނެވީ "ހެޔޮ ހާލުގައި" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ