މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ބުނި ހ. ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރުގެ ބޭންކު އެކައުންޓުތައް ދޫކޮށްލުމަށް ޖިނާއީ ކޯޓުން އަމުރެއް ނެރެފައިވަނިކޮށް އެ އެކައުންޓުތައް ދޫނުކުރުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޖިނާއީ ކޯޓުން އެކައުންޓުތައް ދޫކޮށްލުމަށް އަމުރު ނެރުނުތާ ތިން ދުވަސް ފަހުން ހައި ކޯޓުން ނެރުނު އެ އަމުރުގައި ބުނެފައި ވަނީ، އާދަމް ނަސީރުގެ އެކައުންޓުތަކާއި އޭނާގެ އަންހެނުން އައިމިނަތު އަޒީނާގެ އެކައުންޓުތަކާއި އަދި އޭނާގެ ދަރިފުޅުގެ އެކައުންޓުތަކުގައިވާ ފައިސާތައް ހިފެހެއްޓުމަށް ޖެނުއަރީ ،10 2010 ގައި ޖިނާއީ ކޯޓުން އަމުރެއް ނެރެފައިވާ ކަމަށެވެ. އަދި އެ އެކައުންޓުތަކުގައިވާ ފައިސާތައް ހިފެހެއްޓުމަށް ކުރި އަމުރުތައް ބާތިލްކޮށް މިދިޔަ ބުރާސްފަތި ދުވަހު ހަމަ އެ ކޯޓުން އަމުރު ނެރެފައިވާ ކަމަށެވެ.
ހައި ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އެ އެކައުންޓުތަކުގައިވާ ފައިސާތައް ހިފެހެއްޓުމަށް ޖިނާއީ ކޯޓުން ޖެނުއަރީ 10 ގައި ނެރުނު އަމުރުތައް އެގޮތުގައި ދަމަހައްޓަންޖެހޭ ކަމަށް އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ހައިކޯޓުން ވަކި ގޮތަކަށް އަންގަންދެން އެ އެކައުންޓުތަކުގައިވާ ފައިސާތައް ދޫނުކުރުމަށް އެ ކޯޓު އަމުރުގައި އަންގާފައިވެ އެވެ.
"އިސްވެ ބަޔާން ކުރެވުނު ތިން ކޯޓު އަމުރުން [ޖެނުއަރީ 10 ގައި ޖިނާއީ ކޯޓުން ނެރެފައިވާ އަމުރުން] ހިފެހެއްޓިފައިވާ އެކައުންޓުތަކުގައި ހުރި ފައިސާތައް ދިވެހިރާއްޖޭގެ ހައި ކޯޓުން ވަކި ގޮތަކަށް އަންގަންދެން އެއްވެސް ފަރާތަކަށް ދޫ ނުކުރުމަށް [ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކަށް] އަންގާ އަމުރުކޮށްފީމެވެ،" އެ އަމުރުގައިވެ އެވެ.
އާދަމް ނަސީރުގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ހައި ކޯޓުން އަމުރު ނެރެފައި ވަނީ އާދަމް ނަސީރު ވެސް އަދި އޭނާ ވެސް ކޯޓަށް ހާޒިރުނުކޮށް ކަމަށެވެ. ނަމަވެސް އޭގެ އިތުރުން އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އާދަމް ނަސީރުގެ މައްޗަށް ކުރި ދައުވާގައި، އޭނާގެ އެ އެކައުންޓުތަކުގައިވާ ފައިސާތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާތަކެއް ކަމަށް ކަނޑައަޅައިދެން އެދިފައެއް ނުވެ އެވެ. އެކަމަކު އެދިފައި ވަނީ އާދަމް ނަސީރު ސ. ހިތަދޫގައި އުޅޭ ގެއިންނާއި އޭނާ މާލޭގައި ދިރިއުޅޭ ގެއިން ފެނުނު ފައިސާތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާތަކެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
އާދަމް ނަސީރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖިނާއީ ކޯޓުން ހުކުމްކޮށްފައި ވަނީ އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ކާފީ ހެކި ހުށަހަޅާފައިނުވާ ކަމަށް ބުނެ އެވެ. ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އާދަމް ނަސީރު ސ. ހިތަދޫގައި ދިރިއުޅޭ ގެއިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް އަހުމަދު ރަމްޒީ ކިޔާ މީހަކު ބުނާ ބުނުން ފިޔަވައި އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
އާދަމް ނަސީރުގެ ގޯތި ތެރެއިން މަސްތުވާތަކެއްޗާއި މަސްތުވާއެއްޗެހި ބަންދު ކުރާ ޕެކެޓުތަކަކާއި ގިނަ އަދަދެއްގެ ފައިސާ އާއި ޑޮލަރުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ހުރި ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެ ބުނާ ވީޑިއޯއެއް ފުލުހުން ވަނީ އާންމު ވެސް ކޮށްފަ އެވެ. ނަމަވެސް އެ ވީޑިއޯ އާއި މަސްތުވާތަކެތި ބަންދު ކުރާ ޕެކެޓްތައް ޝަރީއަތަށް ހުށަހަޅާފައެއް ނުވެ އެވެ. އަދި އެ މައްސަލައާ ގުޅޭ އެއްވެސް ފިންގާ ޕްރިންޓެއް ވެސް ޝަރީއަތަށް ހުށަހަޅާފައެއް ނުވެ އެވެ.
އާދަމް ނަސީރުގެ އަތުންނާއި އޭނާ ސ. ހިތަދޫ އަދި މާލޭގައި ދިރިއުޅޭ ގެއިންނާއި އޭނާގެ އަންހެނުން އަތުން ފުލުހުން ވަނީ 5.5 މިލިއަނަށް ވުރެ ގިނަ ފައިސާ ހޯދައިފަ އެވެ.
އާދަމް ނަސީރުގެ ބޭންކު އެކައުންޓުތައް ދޫނުކުރުމަށް ހައި ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ