ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހިންގުން އިތުރުވީ އިންސްޓިޓިއުޝަންތައް ހަރުދަނާ ކުރުމަށް ސަރުކާރުން ދޫދެއްވައިގެން: ޖަސްޓިސް މިނިސ

ގާނޫނާ ގަވާއިދާ ހިލާފު އަމަލުތައް ހިންގުން އިތުރުވީ، އިންސްޓިޓިއުޝަންތައް ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ދެއްވި ދޫތަކެއްގެ ސަބަބުން ކަމަށް ޖަސްޓިސް މިނިސްޓަރު މުހައްމަދު ޖަމީލް އަހުމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ހަވީރަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ އިންސްޓިޓިއުޝަންތައް ހަރުދަނާ ކުރުމަށްޓަކައި ފާއިތުވީ ދުވަސްތަކުގައި ސަރުކާރުން ދޫ ދެއްވުމުގެ ކަންތައްތަކެއް ގެންގުޅެފައިވާ ކަމަށެވެ.
"މީގެ އެންމެ ރަނގަޅު ގޮތަކީ ވަކިވަކި ފަރުދުންގެ މަސްލަހަތަށް ވުރެ މުޅި މުޖުތަމައުގެ މަސްލަހަތަށް ވިސްނައިގެން، އެކަމާ ދޭތެރޭގައި ސަރުކާރުން ގާނޫނު އޮޕަރޭޓް ކުރުން. އަޅުގަނޑުމެންގެ ތެރޭގައި، ޑިމޮކްރެޓިކް ބައެއް އިންސްޓިޓިއުޝަންތައް ތައާރަފުވެގެން މިދިޔައީ ފާއިތުވީ ދެ އަހަރެއްހާ ދުވަސްތެރޭގައި. ވަގުތުން ވަގުތަށް ފިޔަވަޅު ނޭޅި ދިއުން އެއީ ވެސް ސަބަބެއް،" ޖަމީލް ވިދާޅުވި އެވެ.
ޖަސްޓިސް މިނިސްޓަރު އޭގެ އިތުރުން ވިދާޅުވީ ގާނޫނާ ގަވާއިދާ ހިލާފު ކަންތައްތައް ކުރުވުމުގައި ބަޔަކު ހިތްވަރު ދީ، އަންގަމުންދާ ކަމަށެވެ.
"މި ކަންތައްތަކަކީ ހުރެފައި ހިނގި ކަންތައްތަކެއް ނޫން. މިއީ ސިލްސިލާ ކަންތައްތަކެއް. ހަގީގަތްތަކެއް ފެންނަން އެބަހުރި. އެކިއެކި މަޖިލިސްތަކުގައި އެބަ ބުނޭ، ހަމަލަ ދޭށޭ، ތަޅައިގަންނާށޭ، އަރައިގަންނާށޭ! މިހާރު މިތިބީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި މުދާ ވެސް ރައްކާ ނުކުރެވޭ ހިސާބަށް ގޮސްފައި. އެންމެ ފަހުން ގޮސް އެކަންތަކަށް ހިތްވަރުދިން މީހުންގެ އަމިއްލަ ނަފުސު ވެސް ސަލާމަތްވާނެހެން ހިއެއް ނުވޭ،" ޖަސްޓިސް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ