ހައި ކޯޓުން ޖޭއެސްސީ އަށް އަނެއްކާވެސް ފަނޑިޔާރު ޣަނީ

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ބުރާސްފަތި ދުވަހު އިންތިހާބު ކުރައްވައިފި އެވެ.
މީގެ ކުރިން ވެސް ޖޭއެސްސީ އަށް ހައި ކޯޓުން އިންތިހާބުކޮށްފައި ވަނީ ޣަނީ އެވެ. އެކަމަކު ހައި ކޯޓުގެ ތިން ފަނޑިޔާރަކު އޭރު ނެރުއްވި ގަރާރަކުން އޭނާ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޣަނީގެ އިތުރުން އެ ކޯޓުގައި މިހާރު ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ޝަރީފެވެ. މީގެ ތެރޭގައި ޣަނީ ވަކިކުރެއްވުމަށް ގަރާރު ނެރުއްވި ބޭފުޅަކު ވެސް ހިމެނެ އެވެ. އެކަމަކު މިފަހަރު ޣަނީ ޖޭއެސްސީ އަށް އިންތިހާބުވެވަޑައިގަތީ އިއްތިފާގުންނެވެ.
ޣަނީ ވިދާޅުވީ ކުރިން ކަންތައްތައް ހިނގައިދިޔަ ގޮތާ މެދު ހިތާމަކުރައްވާ އެކަމަށް އެ ފަނޑިޔާރު މައާފަށް އެދިވަޑައިގެންނެވި ކަމަށެވެ.
"އެކަން މިހާރު ނިމިފައިވަނީ، އެއްވެސް މައްސަލައެއް ނެތް،" ޣަނީ ވިދާޅުވި އެވެ.
ޣަނީގެ އިތުރުން ޖޭއެސްސީގައި މިހާރު ތިއްބެވީ ދަށު ކޯޓުތަކުން ފަނޑިޔާރު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ބަންޑާރަ ނައިބު އަހުމަދު އަލީ ސަވާދާއި މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އާންމުންގެ ފަރާތުން ޝުއައިބު އަބްދުއްރަހްމާނާއި ވަކީލުންގެ ތެރެއިން އަހުމަދު ރަޝީދާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މެންބަރު އައިޝަތު ވެލެޒިނީ އެވެ. ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަން އަދި ހުވައެއް ނުކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ