45: 20 - ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސް އަދި އިދިކޮޅު ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ޕާލަމެންޓްރީ ލީޑަރު އަހުމަދު ނާޒިމް ތިން ދުވަސް ވަންދެން ގޭގައި ބަންދު ކުރުމަށް ޖިނާއީ ކޯޓުން ދެންމެ އަމުރު ކޮށްފި އެވެ.
ނާޒިމް ބަންދުގައި ބަހައްޓައިގެން އިތުރު ހެކި ހޯދުމުގެ ފުރުސަތު ދިނުމަށް ފުލުހުން ކޯޓުގައި އެދުމާ ގުޅިގެން މިއަދު ހަވީރު ބޭއްވި އަޑުއެހުމަށް ފަހު ހުކުމް ކުރައްވަމުން އިސް ގާޒީ އަބްދުﷲ މުހައްމަދު މިރޭ ވިދާޅުވީ ނާޒިމް ގޭ ބަންދުގައި ބެހެއްޓެވުމަށް ނިންމެވީ މުޖުތަމައުގެ އަމާންކަމާއި ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެތީ ކަމަށެވެ.
ކޯޓުގެ ހުއްދަ ނެތި ރާއްޖެ އިން ބޭރަށް ވަޑައިނުގަތުމަށް ނާޒިމަށް ވަނީ އަމުރު ކޮށްފަ އެވެ. އަދި އޭނާ ގޭ ބަންދުގައި ހުރި ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކަށާއި ކޮމިޓީތަކަށް ހާޒިރު ކޮށްދިނުމަށް ފުލުހުންނަށް އަމުރު ކުރި އެވެ.
ވަކީލުންނާ އެކު ކޯޓުން ގެއަށް ވަޑައިގަތުމުގެ ފުރުސަތު ވެސް ނާޒިމަށް ދިނެވެ. ނަމަވެސް އޭނާ، އަމިއްލަ އަށް އެދިވަޑައިގެން، ވަޑައިގަތީ ފުލުހުންނާ އެކުގަ އެވެ.
އިތުރަށް ކުރަން ޖެހޭ އިދާރީ ކަންކަން އެބަހުރި ކަމަށާއި އެ ކަމަށް މަގެއް ދައްކައިދިނުމަށް ފުލުހުން ކޯޓުގައި އެދުމުން ގާޒީ ވިދާޅުވީ ފުލުސް އޮފީހަށް ނާޒިމް ހާޒިރު ނުކޮށް އެ ކަންކަން ފުރިހަމަ ކުރުމަށެވެ. ނާޒިމްގެ ގެ އަށް ގޮސް އެކަން ކުރެވިދާނެތޯ ފުލުހުން އެހުމުން އެ ހުއްދަ ދެއްވި އެވެ.
ގާޒީ ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ހޯދާފައިވާ އެއްވެސް ހެއްކަކަށް ރިއާޔަތް ކުރައްވާފައި ނުވާނެ ކަމަށެވެ. އެއީ ކޮން ހެއްކެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ކޯޓުގައި މިއަދު ހަވީރު އޮތް އަޑުއެހުމުގައި ފުލުހުން ބުނީ މާރާމާރީ އާއި ރިޝްވަތުގެ ތުހުމަތުގައި ކޯޓު އަމުރަކަށް މިއަދު ހައްޔަރު ކުރި ނާޒިމް ބަންދު ނުކޮށްފިނަމަ ހެއްކަށް ނުފޫޒު ފޯރުވާ، ހެކި ފޮރުވުމަށް މަސައްކަތް ކުރުމުގެ އިތުރުން ފިލާފާނެ ކަމަށް ވެސް ބެލެވޭ ކަމަށެވެ.
ދެ މީހެއްގެ ހެކި ބަހުގެ ބަޔާނެއް ފުލުހުން ޝަރީއަތަށް ހުށަހެޅި އެވެ. ނަމަވެސް އެއީ ތުހުމަތުތަކުގެ ތެރެއިން ކޮން ކަމަކަށް ކަމެއް ނުބުނެ އެވެ.
ފުލުހުން ބުނީ ނާޒިމްގެ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާގެ ފަރާތުން އިތުރު މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއީ ކާކު ކަމެއް ނުބުނެ އެވެ. ފުލުހުންގެ ފަރާތުން މީޑިއާއާ ވާހަކަ ދައްކަވާ އޮފިޝަލް ވެސް ވިދާޅުވީ ތަހުގީގު ކުރިއަށް ދާތީ އެއީ ކާކު ކަން ހާމަ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް އެއީ މަޖިލިހުގެ މެމްބަރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމްގެ ވަކީލުން ވިދާޅުވީ ޖިނާއީ ކޯޓުގެ ނިންމުން ދިރާސާ ކުރުމަށް ފަހު އިސްތުއުނާފް ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށެވެ.
ކޯޓު ތެރޭގައި ވެސް ނާޒިމް ހެކި ފޮރުވުމަށް މަސައްކަތް ކުރެއްވި ކަމަށާއި ފޯނު ދޭން ފުލުހުން ބުނުމުން ކޯޓު އަމުރަކަށް މެނުވީ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި ކަމަށް ފުލުހުން ޝަރީއަތުގެ މަޖިލިހުގައި ބުންޏެވެ. އަދި ފުލުހުން ބުނީ ފޯނު ފަދަ ތަކެތި ހޯދަން ކޯޓު އަމުރެއް ބޭނުން ނުވާ ކަމަށާއި ތަހުގީގަށް ބޭނުންވާ ހެކި ނުދިނުމަކީ ކުށެއް ކަމަށް ހައި ކޯޓުން ދާދި ފަހުން ހުކުމް ކޮށްފައިވާ ކަމަށެވެ.
ނާޒިމަކީ ވަރަށް ގިނައިން ރާއްޖެ އިން ބޭރަށް ދަތުރު ކުރައްވާ ބޭފުޅެއް ކަމަށް ވާއިރު އޭނާ ފިއްލަވާފާނެ ކަމަށް ބެލެވޭ ކަމަށާއި ފުލުހުން އިތުރު ހެކި ހޯދަން މަސައްކަތް ކުރަމުން އަންނަ އިރު އޭނާ ހެއްކަށް ނުފޫޒު ފޯރުވާ ހެކި ނައްތާލަން އުޅުއްވަފާނެ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެހެންކަމުން ނާޒިމް ބަންދުގައި ބަހައްޓައިގެން އެ ހެކިތައް ހޯދުމަށް ފުލުހުންނަށް ފުރުސަތު ދިނުމަށް އެދޭ ކަމަށް ބުންޏެވެ.
ޝަރީއަތުގެ މަޖިލިހުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތް ނެތިކޮށްލާނެ ކަމުގެ އިންޒާރު ސަރުކާރުން ދީފައިވާ ކަމަށާއި ރައީސް ނަޝީދަކީ އޭނާގެ "ޖާނީ ދުޝްމަނެއް" ކަމަށެވެ.
އަދި ފުލުހުންނަކީ ވެސް އޭނާގެ ދުޝްމަނުން ކަމަށް ވިދާޅުވެ، ފުލުހުން ދައްކާ ހެކިތަކަކީ އެކަމުގައި ފުލުހުން ބައިވެރިވެގެން "ހަދާފައިވާ" ހެކިތަކެއް ކަމަށް ނާޒިމް ތުހުމަތު ކުރެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ފުލުހުންގެ ބަންދުގައި އޭނާ ބަހައްޓައިފިނަމަ ފުލުހުން އޭނާ އަށް ޒަހަރު ދީ މަރާލުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ޖަލަށް ލައިފިނަމަ ބަނޑަށް މަރުވިޔަސް ފުލުހުން ދޭ އެއްޗެއް ނުކާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ ދެ ވަކީލަކު ވެސް ޝަރީއަތުގެ މަޖިލިހުގައި ވާހަކަ ދެއްކެވި އެވެ.
ނާޒިމް ހައްޔަރު ކުރުމަށް ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސޮއިކުރައްވައި މިއަދު މެންދުރު ނެރުއްވި އަމުރުގައި ބުނެފައިވާ ގޮތުގައި އެ އަމުރު ނެރުނީ ނާޒިމް "ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދީފައިވާ ކަމަށާއި މިނިވަން މުއައްސަސާއަކަށް ބިރު ދައްކާ ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށާއި ސިޔާސީ ފަރާތްތަކަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދިނުމަށް ރާވަމުންދާ ކަމަށް ބުނެ" ފުލުހުން މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ.
"ލިބިފައިވާ ހެއްކާއި ގަރީނާ"ގެ ގޮތުގައި ކޯޓު އަމުރުގައި ތިން ކަމެއް ބަޔާން ކޮށްފައިވެ އެވެ. އެއީ "ފައިސާ ދީގެން ސަރުކާރުގެ ސިޔާސީ ފަރާތަކަށް ހަމަލާ ދިނުމަށް ރޭވި ކަމަށް ހެކިބަސްދޭ ދެ މީހުން ބުނާ ބުނުން" އާއި "އޯޑިއޯ ކްލިޕްތަކެއްގައި މިނިވަން މުއައްސަސާއެއްގެ މައްޗަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ލިޔުން" އަދި "މިނިވަން މުއައްސަސާއަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ލިބިފައިވާ މައުލޫމާތު" އެވެ.
ނާޒިމްގެ ވަކީލުން ޝަރީއަތުގެ މަޖިލިހުގައި ވިދާޅުވީ އޭނާ އަކީ މައި ބަދައިގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހެއް ކަމަށާއި އެހެން ކަމުން ފުލުހުން ބޭނުންހާ ގޮތަކަށް އޭނާ ބަންދު ނުކުރެވޭނެ ކަމަށެވެ. އަދި ކޯޓަށް ހާޒިރު ކުރަން ޖެހޭ ވަގުތު ކުޑަތަން ވެފައި އޮއްވާ ވެސް، ލޯންޗުގައި، ކަނޑު ގަދަ ވަގުތެއްގައި އޭނާ ދޫނިދޫ އަށް ގެންގޮސްފައިވާ ކަން ވެސް ވަކީލުން ފާހަގަ ކުރި އެވެ.
ފުލުހުން ވަނީ ހެކީގެ ގޮތުގައި އޯޑިއޯއެއް ހުށަހަޅާފަ އެވެ. ނަމަވެސް އެއީ ކޮން އޯޑިއޯއެއް ކަމެއް ޝަރީއަތުގެ މަޖިލިހުގައި ނުބުނެ އެވެ.
ނާޒިމް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ބުނާ މިނިވަން މުއައްސަސާ އަކީ އެންޓި ކޮރަޕްޝަން ކޮމިޝަން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޯޓުން ނިންމީ ނާޒިމް ތިން ދުވަހު ގޭ ބަންދުގައި ބެހެއްޓުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ