ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ފަށައިފި އެވެ.
އިދިކޮޅު ފަރާތްތަކުން އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން ވަނީ ޔަގީންކޮށްދީފަ އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވީ ދިއްގަރު ދާއިރާއަށް އެއް ކެންޑިޑޭޓަކު ނެރުމަށްޓަކައި އިދިކޮޅު ފަރާތްތަކުން މަޝްވަރާ ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ﷲ އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުވާނެ ކަމަށެވެ.
"އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން"ގެ ނަމުގައި ކުރިއަށްދާ ހަރަކާތްތަކުގައި އިސްކޮށް ތިއްބެވީ އިދިކޮޅު ޕާޓީތަކުގެ ގޮތުގައި މަސައްކަތް ކުރާ އެމްޑީޕީއާ ޖޭޕީއާ އަދާލަތު ޕާޓީގެ އިސްވެރިންނެވެ.
މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމްރާން މިއަދު ވިދާޅުވެފައިވާއިރު އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ޒާހިރު ވަނީ އެ ގޮނޑިއަށް ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
މީގެ އިތުރުން މ. އަތޮޅު ކައުންސިލްގައި ހިމެނޭ ދެ ކައުންސިލަރަކު ވެސް ވަނީ އެ ގޮނޑިއަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
ދިއްގަރު ދާއިރާގައި ހިމެނެނީ ދިއްގަރުގެ އިތުރުން މަޑުއްވަރީ އާއި ރަތްމަންދޫ އާއި ވޭވަށް އަދި މުލި އެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އަހްމަދު ނާޒިމް އުމަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
ދިއްގަރު ދާއިރާގެ ގޮނޑިއަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ