ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޖޫން 13ގައި ބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށް އޮތް ބުދަ ދުވަހުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެކޮމިޝަންގައި ކުރިއަށްދާނެ ކަމަށެވެ.
މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ޕާޓީ ތަކުގެ އިސްވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބުނެފަ އެވެ.
އިދިކޮޅު ޕާޓީ ތަކުގެ ހިމެނޭ ޕާޓީ ތަކުގެ ތެރެއިން ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ޒާހިރު އެކަންޏެވެ.
މީގެ އިތުރުން މ. އަތޮޅު ކައުންސިލްގައި ހިމެނޭ ދެ ކައުންސިލަރަކު ވެސް ވަނީ އެ ގޮނޑިއަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
ދިއްގަރު ދާއިރާގައި ހިމެނެނީ ދިއްގަރުގެ އިތުރުން މަޑުއްވަރީ އާއި ރަތްމަންދޫ އާއި ވޭވަށް އަދި މުލި އެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އަހްމަދު ނާޒިމް އުމަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ