މަޖިލީހުގެ މެންބަރުން ރައްޔިތުންގެ ފަޅިއަށް ވަޑައިގަތުމަށް ގާސިމް އެދިވަޑައިގެންފި

ގައުމު މިއަދު ދަތުރުކުރަމުން ދަނީ ރަނގަޅު މިސްރާބަކަށް ނޫން ކަމަށާއި އެކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަބޫލުކުރައްވާ ރައްޔިތުންގެ ފަޅިއަށް ވަޑައިގެންނެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވުނު ޖަލްސާއަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ގައުމުގެ ކަންކަން ހިނގަމުންދަނީ ރަނގަޅު މިސްރާބަކަށް ނޫން ކަން އެނގިގެންދާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަންދޫބުންގެ ހައިސިއްޔަތުން ގައުމު ހަމަމަގަށް އެޅުވުމަކީ މަޖިލީހުގެ މެންބަރުންގެ ޒިންމާއެއްް ކަމުގައިވެސް ވިދާޅުވި އެވެ.
"މެންބަރުންނަށް ހެޔޮ ވިސްނުން ވިސްނިގެން ރައްޔިތުންގެ ސައިޑަށް ޖެހޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަނީ،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށެވެ. އަދި އެކަން ވީހާވެސް އަވަހަކަށް ވުމަށް އުއްމީދުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
ސިޔާސީ ބޭފުޅުންގެ މައްޗަށް ކުރެވެމުންދާ ދައުވާތަކާއި ގުޅޭގޮތުންވެސް ގާސިމް އިބްރާހިމް މިއަދު ވަނީ ވާހަކަދައްކަވާފަ އެވެ.
އެގޮތުން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމުގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާއެއް ކަމަށް ދިވެހި ގިނަ ރައްޔިތުންނާ ބޭރު ދުނިޔޭގެ ގައުމުތަކުން ވެސް ގަބޫލުކުރާ ކަމަށެވެ. ގައުމުތަކުން އެގޮތަށް ދެކޭނަމަ ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިޔާސީ ބޭފުޅުންގެ މައްޗަށް ކުރެވޭ "ސިޔާސީ ދައުވާތައް" ހުއްޓާލުމަށް ގިނަ ދިވެހި ރައްޔިތުން އެދޭ ކަމަށާއި އެހެންކަމުން ރާއްޖޭގައި ދާހިލީ ހަމަނުޖެހުމުން ހިނގާ އިގްތިސޯދު ހަލާކުވުމުގެ ކުރިން އެފަދަ ދައުވާތައް ކުރުން ޕްރޮސެކިއުޓަ ޖެނަރަލް ހުއްޓާލަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
"އެމައްސަލަ އަނބުރާ ގެންގޮސް މަައްސަލަތައް ފައިލްކުރަން އެބަޖެހޭ. އެގޮތަށް އަމަލުކުރެވިގެން ނޫނީ މިރާއްޖެއަށް ހެވެއް އޮތް ކަމަކަށް އަޅުގަނޑެއް ނުދެކެން،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ