ހައްޖަށް ދާން އެހީވާން ސަރުކާރުން ކުންފުންޏެއް ހަދަން ނިންމައިފި

ހައްޖަށް ދިއުމުގެ ގަސްތުގައި ފައިސާ ޖަމާކުރާ ފަރާތްތަކުގެ ފައިސާ
ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެފައިސާއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ މަގު ތަނަވަސްކޮށްދިނުމުގެ މަގްސަދުގައި ސަރުކާރުން ކުންފުންޏެއް އުފެއްދުމަށް ރައީސް މުހައްމަދު ވަހީދު ނިންމަވައިފި އެވެ. "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ރައީސް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އެގޮތަށް ލަފާ ދެއްވުމާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.ރައީސް އޮފީހުން ބުނީ މިއީ ދައުލަތަށް ފައިދާ ހޯއްދެވުމަށްވުރެ ބޮޑަށް ޚިދްމަތެއް ފޯރުއްވައިދެއްވުމަށް އުފައްދަވާ ކުންފުންޏެއް ކަމަށެވެ. މި ކުންފުނި ވާނީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.މިކުންފުނި އުފެއްދި ނަމަވެސް ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ އަމިއްލަ ޖަމާޢަތްތަކުން މީހުން ހައްޖަށް ގެންދިޔުމަށް ހުރަސްނޭޅޭނެ ކަމަށް އިގްތިސާދީ ކޮމިޓީން ރައީސަށް ލަފާ ދީފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ