މެމްބަރު މުހައްމާ އާއި ޝަހުދީގެ ގޮނޑި "ގެއްލިއްޖެ"

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ޕީޕީއެމުން ވަކިކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނަށް އަންގުމުން، އެ ދެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ އެވެ. ޕީޕީއެމްގެ ސެކަރެޓަރީ ޖެނަރަލް ޑރ. އަބްދުﷲ ހަލީލު "ސަން"އަށް މިރޭ ވިދާޅުވީ އެ ދެ މެމްބަރުން ޕާޓީން ވަކިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނަށް އެންގީ މިއަދު ކަަމަށެވެ. އެ އެންގުމާ އެއްގޮތަށް އެ ދެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ގަބޫލުކުރަންތޯ ސުވާލު ކުރުމުން، ޑރ. ހަލީލު ވިދާޅުވީ ޕާޓީގެ ދަފްތަރުން އެ މެމްބަރުން ވަކިކޮށް، އިލެކްޝަންސް ކޮމިޝަނުން އެކަން ޕީޕިއެމަށް އަންގާ ހިސާބުން އެ ދެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށެވެ. މެމްބަރުން ޕާޓީ ބަދަލުކުރާ މައްސަލާގައި ސުޕްރީމް ކޯޓުން މިއަހަރުގެ އޮގަސްޓު 27 ވަނަ ދުވަހު ކުރި ހުކުމާ ގުޅިގެން، ޕީޕީއެމުން ވަކާލާތު ކުރަމުންދަނީ އެ ޕާޓީގެ ފިކުރާ ދެކޮޅަށް ތެދުވި މެމްބަރުންގެ ގޮނޑި ވަނީ ގެއްލިފައެވެ. ސުޕްރީމް ކޯޓުގެ ހުކުމާ ހަމައަށް އެ މެމްބަރުން ތިބީ ޕީޕީއެމްގައި ކަމަށާއި ޕާޓީން ވަކިކުރާ ހިސާބުން އެ މެމްބަރުންގެ ގޮނޑި ގެއްލުނީ ކަމަށް ޕީޕީއެމުން ގަބޫލުކުރެއެވެ. އެގޮތުން މިއަދު އެ ޕާޓީން ވަކިކުރި މެމްބަރު މުހައްމާ އާއި ޝަހުދީގެ ގޮނޑިވެސް ގެއްލުނީއެވެ. ސަރުކާރު ހިންގާ ޕީޕީއެމްގެ މެމްބަރު ކަމުން މަޖިލިސް މެމްބަރުން ވަކިކޮށް، އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައި ވާތީ މިހާތަނަށް ވަނީ ހަތް ދާއިރާގެ ބައި އިލެކްޝަންސް ބާއްވަން ނިންމާފައެވެ. ނަމަވެސް ބައި އިލެކްޝަން ބާއްވާނެ ތާރީހެއް އަދި ކަނޑައެއް ނާޅާއެވެ. ޕީޕީއެމުން މިއަދު ވަކިކުރި މުހައްމާ އާއި ޝަހުދީއަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި 2014 ވަނަ އަހަރު މަޖިލީހަށް އިންތިހާބުވި ދެ މެމްބަރުންނެވެ. މުހައްމާ ޕީޕީއެމާ ގުޅިވަޑައިގެންނެވީ 2014 ގަ އެވެ. ޝަހުދީ ޕީޕީއެމާ ގުޅިވަޑައިގެންނެވި 2016ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ