އެމްޑީޕީގައި އިނގިލީގެ ނިޝާންޖެހި 5،000 މެމްބަރުން ވެސް ނުތިބޭނެ - ޔާމީން

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގައި އިނގިލީގެ ނިޝާންޖެހި 5،000 މެމްބަރުން ވެސް ނުތިބޭނެ ކަމަށާއި އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތްތަނެއް މިހާރު ނުފެންނަ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދިޓީވީ ހަބަރު ތެރެއިން ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އަމަލުކުރުމުގެ ކުރިން ޕާޓީތަކަށް ވައްދާފައިވާ މެމްބަރުންނަކީ ސައްހަ މެމްބަރުންތޯ އިލެކްޝަންސް ކޮމިޝަނަށް ޔަގީންކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.
އެގޮތުން، އެމްޑީޕީގައި 40،000 މެމްބަރުން ތިބި ކަމަށް ބުނާއިރު "އެއީ ސައްހަ އެއްޗެއްކަން ދެނެހުރީ ކާކުތޯ" ޔާމީން ސުވާލުކުރެއްވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް އޮތް ތާއީދު ގަބޫލު ޕާޓީގައި ތިބި ސައްހަ މެމްބަރުންގެ އަދަދުން. ޕާޓީގައި ތިބި ސައްހަ މެމްބަރުންގެ އަދަދުން ބަލާކަމަށްވަންޏާ އެމްޑީޕީން މިއަދު ވެސް މީޑިއަށް އަރާވަޑައިގެން ވިދާޅުވޭ އިނގިލީގެ ނިޝާން ޖަހާފައި ތިބީ މިތައް މެމްބަރުންނޭ. ވިދާޅެއްނުވެވޭނެ،" ޔާމީން ވިދާޅުވި އެވެ.
މިހާރު ޕާޓީތަކަށް މީހުން ވަންނަ ނިސްބަތުން ބަލާއިރު އެންމެ ބޮޑު އަދަދެއް ވަންނަމުންދަނީ ޕީޕީއެމްއަށް ކަމަށާއި އެ ޕާޓީން ހާހުން ނުވަތަ ދެހާހުން ހުށަހެޅި ފޯމްތަކަކީ އެއީ ސައްހަ ނޫން ފޯމްތަކަކަށްވެގެން ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގެންގޮސްފައިނުވާނެ ކަމަށެވެ.
"ޕީޕީއެމްއިން ފަހުރުވެރިކަމާ އެކު މިބުނަނީ އެ ގާނޫނު އައިސްސުރެން ނުވަތަ އިލެކްޝަނުން ގަވައިދު ބަދަލުކުރެއްވީސުރެން އަޅުގަނޑުމެންގެ ޕާޓީގައި އެހެރީ ސައްހަ މެމްބަރުންނޭ. ފިންގަ ޕްރިންޓް ޖަހާފައޭ އެ ހުރީ،" ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ޔާމީން ވިދާޅުވި އެވެ.
އެމްޑީޕީން އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ "އެއްބުރުން" ކަމަށް ބުނަނީ ދެވަނަ ބުރަކަށް ގޮސްފި ނަމަ އިންތިހާބުން އަލްވަދާއު ކިޔަން ޖެހޭނެ ކަން އެނގޭތީ ކަމަށް ވެސް ޔާމީން ރޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެގޮތަށް އެމްޑީޕީން ބުނަނީ އެއްގޮތަކަށްވެސް އެއްބުރުން އިންތިހާބު ކާމިޔާބުވާނެ ކަން ކަށަވަރުވެގެން ނޫން ކަމަށެވެ.
"އެއްގޮތަކަށް ވެސް ކަށަވަރުކަމެއް އޮތީއެއް ނޫން އެއް ވަނަ ބުރުން އެ ބޭފުޅުންނަށް ކާމިޔާބުނުވާނެކަން. އެ ބޭފުޅުން އެ ވިދާޅުވާ ބަހުގެ މުރާދަކީ އެއްވަނަ ބުރުން ތިމަންނަމެންނަށް ކާމިޔާބުނުކުރެވިއްޖެ ނަމަ ދެވަނަ ބުރުގައި އަދި އަމުދުން ތިމަންނަމެންނަށް ފުރުސަތެއް ނެތޭ އެ ވިދާޅުވަނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް އުފުލާފައިވާ ދައުވާ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ މައްސަލަ އިންތިހާބުގެ ކުރިން ނުނިމިއްޖެ ނަމަ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށެވެ.
އިންސާފުވެރި އިންތިހާބަކަށް ވާސިލުވެވޭނީ ވޯޓުލާ ދުވަހުގެ ކަންކަން އެކަނި މިނިވަންވުމުގެ ބަދަލުގައި ހުރިހާ މަރުހަލާތަކެއް ވެސް އިންސާފުވެރިކަމާ އެކު ފުރިހަމަކުރެވިގެން ކަމަށާއި ނަމަވެސް އެކަންތައްތައް އެންމެ ފުރިހަމަ އަށް ނުކުރެވޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ